ޚަބަރު

ދައުލަތަށް ދިމާވެފައިވާ ނުރައްކާތެރި ބިރުވެރި ހާލަތުން ސަލާމަތް ކުރަންޖެހޭ - އީވާ


ޤާނޫނުތަކަށް ބަދަލުގެނެސް، މުއައްސަސާތަކުގެ ވެރިން ބަދަލުކޮށްގެން ނަމަވެސް ދިވެހި ދައުލަތަށް ދިމާވެފައިވާ ނުރައްކާތެރި ބިރުވެރި ހާލަތުން ސަލާމަތް ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ތަޙްޤީޤު ކުރާ ކޮމިޝަނުން އެކުލަވާލި ރިޕޯޓަށް ބަހުސް ކުރައްވަމުން މަޖިލީހުގެ ނައިބް ރައީސް އީވާ ޢަބްދުﷲ ވިދާޅުވީ ރިޟުވާން މަރާލާފައިވާ ގޮތަކީ ދުރާލާރޭވި ގިނަބައެއްގެ ޝާމިލްވުމާއެކު ހިންގި ޖަރީމާއެއްކަމަށެވެ.

މިކަމުގެ ނުރައްކާތެރިކަން އޮތީ ވަކި މީހަކަށް ނުވަތަ ވަކި އާއިލާއަކަށް ނޫންކަމަށާއި، މިއަދު އެ ބިރުވެރިކަން މުޅި ދައުލަތަށް ކުރިމަތިވެފައިވާކަމަށެވެ. މި ނުރައްކާތެރިކަން ދައުލަތަށް މިއަދުވެސް އޮތްއިރު މިކަމުން ސަލާމަތްވުމަށްޓަކައި ފުލުސް އޮފީހުގެ އިސްވެރިން ބަދަލުކުރަންޖެހުނަސް، ޖުޑީޝަރީގެ ތެރެއިން ބަދަލުކުރަންޖެހޭ މީހަކު ބަދަލުކޮށްގެންނަމަވެސް އަދި ޤާނޫނު ތަކަށް ގެންނަންޖެހޭ ބަދަލުތަކެއް ގެނެސްގެންނަމަވެސް މިބިރުވެރިކަމުން އަރައިގަންނަންޖެހޭކަމަށް އީވާ ވިދާޅުވިއެވެ. ޤައުމުގައި މި ނުކުރައްކާތެރިކަން އޮތްމިންވަރުން މިއަދު ނޫނީ މާދަމާ މަރާލާނީ ކާކުކަންވެސް ނޭގޭކަމަށާއި، މިއަދު ކޮންމެ ރައްޔިތެއްގެ ހިތުގައިވެސް މިސުވާލު އުފެދިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ރިޟުވާންގެ މައްސަލާގައި ޝާމިލުވާ ފަރާތްތަކާމެދެ އެކަށީގެންވާ ފިޔަވަޅު ނާޅާ މައްސަލައިގެ ކަންބޮޑުވުން ފާޅުކުރައްވަމުން އީވާ ވިދާޅުވީ މިއީ ފުލުހުންގެ މުވައްސަސާއިން ވަގުތުން ވަގުތަށްވެސް ފިޔަވަޅު އަޅަންޖެހޭ ކަމެއްކަމަށެވެ. މިކަމަކީ ދުރާލައިރޭވި އިންތިޒާމު ކުރެވިގެން ހިނގާފައިވާކަމަކަށްވާއިރު މިކަމުގައި ފުލުހުންނާއި، ދައުލަތުގެ އެހެން މުއައްސަސާތަކުގެ ބައިވެރިވުން އޮތްކަމީވެސް ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދުނު އެއް ސަބަބުކަމަށް އީވާ ވިދާޅުވިއެވެ.

އިވާ ވިދާޅުވީ ރިޟުވާންގެ އާއިލާއާއި، މަންމަމަ މިވީ 5 އަހަރުގެ ތެރޭގައި އޭނާއަށް ކުރި އިންތިޒާރާއި، ހިތާމަ މިއަދު އެތައްގުނައަކަށް ބޮޑުވެ، ދާއިމީ ހިތާމައަކަށް ބަދަލުވެގެން ގޮސްފައިވަނީ ދައުލަތުގެ އިހުމާލުންކަމަށާއި، މިކަމަށް މިހާރުން މިހާރަށް ހައްލެއް ލިބެންޖެހޭކަމަށެވެ. ރިޟުވާންގެ އާއިލާއާއި، އެކުވެރިންނަނަށް އޭނާގެ މަރާއެކު ތާއަބަދަށް ހިތާމަ އޮތްއިރު މިހިތާމާގައި ދައުލަތަށް ބައިވެރިވެ އެއާއިލާއަށް ކޮށްދެވެން އޮތްކަމީ މިކަމުގެ އިންސާފު ޤާއިމްކުރުން ކަމަށް އީވާ ވިދާޅުވިއެވެ.

މިމައްސަލާގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވީ ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ތަޙްޤީޤު ކުރާ ކޮމިޝަނުން މިރިޕޯޓާއިގުޅިގެން ފުލުހުންގެ މުވައްސަސާއާއި، ފުލުހުން ބަދުނާމުވާގޮތަށް ވާހަކަ ދެއްކުމަކީ އެހާ އިންސާފުވެރި ގޮތެއް ނޫންކަމަށެވެ. މިރިޕޯޓްގައި ޖުމްލަކޮށް ހުރީ ފުލުހުން މިކަމުގައި ކޮށްފައިވާ މަސައްކަތް ކަމަށާއި، އެކަން ބަލައިގަންނަންޖެހޭކަމަށް ޤާސިމް ވިދާޅުވިއެވެ.

ރިޟުވާންގެ މަރުގެ މައްސަލާގައި ނެރެފައިވާ ރިޕޯޓާއިމެދު ފުލުހުންނާއި، ހޯމް މިނިސްޓްރީއާއި، މަޖިލީހުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.