ކުޅިވަރު

ގުއާމް މެޗަށް ރާއްޖެ ތައްޔާރު: ކޯޗު


ގުއާމާ ދެކޮޅަށް ކުޅެން ރާއްޖެ އޮތީ ތައްޔާރަށް ކަމަށާއި މެޗުގައި ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ގައުމީ ކޯޗު ޕޓަ ސެގްޓް ބުނެފި އެވެ.

އޭނާ ބުނީ މާދަމާ މެޗަށް މިހާތަނަށް ކުރެވުނު ތަމްރީނުތަކަށް ބަލާއިރު ލިބިފައިވާ އެންމެ ބޮޑު ކުރިއެރުމަކީ ޓީމުގެ ރޫހު ރަނގަޅުވުން ކަމަށެވެ. އަދި ގުއާމަކީ އަމިއްލަ ގައުމުގައި ރަނގަޅު ނަތީޖާތަކެއް ނެރެފައިވާ ޓީމަކަށްވާތީ އެކަމަށް ރާއްޖެ ސަމާލުވާނެ ކަމަށެވެ. ކޯޗު ބުނީ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް ޒުވާން ކުޅުންތެރިންގެ ފުށުން ފެށިފައިވަނީ ވަރަށް އުއްމީދީ މަންޒަރެއް ކަމަށެވެ. މިހެންވެ ތަޖުރިބާ މަދު ނަމަވެސް މެޗުން މޮޅުވެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.

އޭނާ ބުނީ ގުއާމުގެ އިންތިޒާމްތަކާމެދު އޭނާ ހިތްހަމަޖެހޭ ކަމަށާއި އަމިއްލަ ގައުމުގައި އަންނަ ހަފުތާގައި ޗައިނާއާ ދެކޮޅަށް ކުޅުމުގެ ކުރިން ގުއާމް އަތުން މޮޅުވުން ވަރަށް މުހިންމު ކަމަށެވެ.