ސަޢޫދީ ޢަރަބިއްޔާގައި ބާއްވާ ކިންގް ޢަބްދުލްޢަޒީޒު އިންޓަރނޭޝަނަލް ޤުރްއާން މުބާރާތުގައި ރާއްޖެ ތަމްޞީލް ކުރުމަށް ދިވެހި ދެ ދަރިވަރަކު ސަޢޫދީ ޢަރަބިއްޔާއަށް ފުރައިފިއެވެ.
މިދަރިވަރުންނާއި އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ވަނީ ބައްދަލުކުރައްވާފައެވެ.
މިމަހުގެ ހަތަކުން 11 އަށް ސަޢޫދީ އަރަބިއްޔާގެ މައްކާގައި ބާއްވާ 41 ވަނަ ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް ހޮލީ ޤުރުއާން ކޮމްޕެޓިޝަން ފޮރ މެމޮރައިޒޭޝަން، ރެސިޓަލް އެންޑް އެކްސްޕްލަނޭޝަން ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލް ކުރަނީ ބ. އޭދަފުށި ޖަންބުމާގެ މުސްޠަފާ މުޙައްމަދުއާއި ތ. ގުރައިދޫ އިރުދޭމާގެ ޙަސަން އާހިލްއެވެ.
މި ބައިވެރިންގެ ތެރެއިން މުސްތަފާއަކީ ޤުރުއާން ހިތުދަސްކޮށް ހާފިޒުކަމުގެ ސަނަދު ހާސިލްކޮށްފައިވާ ކުއްޖެކެވެ. އަދި އޭނާ މީގެ ކުރިން ވެސް ވަނީ މިފަދަ ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލް ކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
ޙަސަން އާހިލަކީ ޢަރަބިއްޔާ ސްކޫލުގެ ގްރޭޑް 10 ގައި ތަޢުލީމް ހާސިލް ކުރަމުންދާ ދަރިވަރެކެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ރާއްޖެ ތަމްސީލު ކުރާ މި ދެ ބައިވެރިން ވެސް މުބާރާތުގައި ބައިވެރިވުމަށް މިހާރު ސަޢޫދީއަށް ފުރާފައިވާ ކަމަށެވެ. މި ކުދިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހު 14 ވަނަ ދުވަހުއެވެ.
ކިންގް އަބްދުލް އަޒީޒް އިންޓަނޭޝަނަލް ޤުރުއާން މުބާރާތަކީ ސަޢޫދީގެ ރިލިޖަސް އެފެއާޒް އާއި ދައުވާ މިނިސްޓްރީން ކޮންމެ އަހަރަކު އިސްލާމީ ޤައުމުތަކަށާއި މުސްލިމުންގެ އާބާދީ މަދު ގައުމުތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.
މި މުބާރާތުގައި 2010 ވަނަ އަހަރުން ފެށިގެން ރާއްޖޭން ބައިވެރިވަމުން އަންނައިރު، މިއަހަރުގެ މުބާރާތުގެ ފަނޑިޔާރުންގެ ޕެނަލުގައި ރާއްޖޭގެ ދީނީ އިލްމުވެރިޔާ ޝައިހް އިލްޔާސް ހުސެއިން ހިމެނެއެވެ. މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރ ކުރެއްވި ޓުވީޓްގައި ވަނީ ކިންގް ޢަބްދުލްޢަޒީޒު އިންޓަރނޭޝަނަލް ޤުރްއާން މުބާރާތުގައި ފަނޑިޔާރުކަން ކުރުމަށް އިލްޔާސަށް ލިބުނު ފުރުޞަތަކީ މި ސަރުކާރުން ކުރެއްވި މަސައްކަތްތަކުން ދިވެއްސަކަށް މިފަދަ މުބާރާތެއްގައި ފަނޑިޔާރުކަން ކުރުމަށް ފުރުޞަތު ލިބުނު ފުރަތަމަ ފަހަރުކަން ފާހަގަކުރައްވާފައެވެ.