ޚަބަރު

ހޯރަފުށީގައި ހޮސްޕިޓަލެއް އަޅަން އެކަށޭނެ ފަސް ބިމެއް ދައްކައިފި


ހއ. ހޯރަފުށީގައި ސަރުކާރުން އަޅަން ނިންމާފައިވާ ހޮސްޕިޓަލަށް އެކަށޭނެ ބިމުގެ ގޮތުގައި ފަސް ބިމެއް، އެރަށު ކައުންސިލުން ސަރުކާރަށް ދައްކައިފިއެވެ. ހޯރަފުށީ ކައުންސިލުން، އެރަށުގެ ފަސް ސަރަޙައްދެއްގެ ބިން ފާހަގަ ކުރުމަށްފަހު، އެތަންތަން ވަނީ މިނިސްޓްރީ އޮފް ހެލްތަށް އަންގާފައެވެ.
އެރަށު ކައުންސިލުން ހެލްތު މިނިސްޓްރީގައި އެދިފައިވަނީ މި ފަސް ބިމުގެ ތެރެއިން އެންމެ އެކަށޭނެ ތަނެއް ކަނޑައެޅުމަށެވެ.

ހޯރަފުށީ ކައުންސިލުން ފާހަގަ ކޮށްފައިވާ ބިންތަކުގެ ތެރެއިން ފުރަތަމަ ބިމަކީ މިހާރުވެސް އެރަށުގައި ހުރި ޞިއްޙީ މަރުކަޒުގެ ބިމެވެ. ކައުންސިލުން އަންގާފައިވަނީ މި ބިމުގައި، ޞިއްޙީ މަރުކަޒު ބޮޑުކޮށް، ހޮސްޕިޓަލަކަށް ހެދިދާނެކަމަށެވެ.

ދެވަނަ ބިމެއްގެ ގޮތުގައި ހޯރަފުށީ ކައުންސިލުން ފާހަގަ ކޮށްފައިވަނީ އެރަށުގެ ބަނދަރު ސަރަޙައްދުގެ ބިމެކެވެ. ތިންވަނަ ބިމަކީ ހޯރަފުށީ އިންޖީނުގޭގެ އެއް ފަރާތުގައި އޮތް ބިމެކެވެ.

ހަތަރުވަނަ ބިމެއްގެ ގޮތުގައި އެރަށު ސްޓޭޑިއަމް އޮތް ބިން ފާހަގަ ކޮށްފައި ވެއެވެ. އެހެންނަމަވެސް، އެސަރަޙައްދުގައި ހޮސްޕިޓަލް އަޅާކަމުގައިވާނަމަ، ސްޓޭޑިއަމް އެހެން ތަނަކަށް ބަދަލު ކުރަން ޖެހޭނެއެވެ. މި ސަބަބާހެދި، ސްޓޭޑިއަމް ދެން ބަދަލު ކުރާނެ ތަންވެސް، ކައުންސިލުން ވަނީ ހެލްތު މިނިސްޓްރީއާ ޙިއްޞާކޮށްފައެވެ.

ހޮސްޕިޓަލް އެޅުމަށް އެކަށޭނެ ފަސްވަނަ ބިމެއްވެސް ފާހަގަ ކޮށްފައި ވެއެވެ. މިއީ މީހުން ދިރިއުޅުމަށް އަލަށް ދޫކޮށްފައިވާ ގެތަކެއް ހުރި ސަރަޙައްދެވެ. މި ސަރަޙައްދުގައި ހޮސްޕިޓަލް އަޅަން ޖެހިއްޖެނަމަ، އެބިމުގައި ހުރި 43 ގެއެއް ނަގަން ޖެހޭނެއެވެ.
ސިޓީއަކުން މިކަންކަން ހެލްތު މިނިސްޓްރީ އަށް އަންގާފައި ވާއިރު، މި ބިންތައް ކަނޑައެޅުމުގެ ކުރިން ކައުންސިލުން ވަނީ ރައްޔިތުންނަށްވެސް މިކަންކަން ހިއްޞާކޮށްފައެވެ.

މި ހޮސްޕިޓަލް އެޅުން ވެގެންދާނީ ހއ. އަތޮޅުގެ ދެވަނަ ހޮސްޕިޓަލުގެ ގޮތުގައެވެ. މިހާރުވެސް އެއަތޮޅު ދިއްދޫގައި އަތޮޅު ހޮސްޕިޓަލެއް ދަނީ ހިންގަމުންނެވެ.