ވިޔަފާރި

މާންދޫ ފިޝަރީޒް ކޮމްޕެލެކްސްއިން މަސް ގަންނަ އަދަދު ކޮންޓްރޯލްކޮށްފި


މާންދޫ ފިޝަރީޒް ކޮމްޕެލެކްސްއިން މަސް ގަންނަ އަދަދު ކޮންޓްރޯލްކޮށްފިއެވެ.

ލ.އަތޮޅު މާންދޫގައި ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން ހިންގާ މާންދޫ ފިޝަރީޒް ކޮމްޕެލެކްސްއިން އިއްޔެ ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ މަސްވެރިންގެ އަތުން މަސް ގަންނަ އަދަދު ކޮންޓްރޯލްކޮށްފައިވަނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށްވެ، މަސް ބޭރުނުކުރެވި، އަދި މަސްބަންދު ކުރުންވެސް މަޑުޖައްސާލަން ޖެހުމުންކަމަށެވެ. އަދި އެކަމުގެ ސަބަބުން މާންދޫގައި މަސް ރައްކާކުރާ ސްޓޯރުތައް ފުރިފައިވާކަމަށްވެސް އެކުންފުނިން ބުނެއެވެ.

މާންދޫއިން ބުނީ މިއަދުން ފެށިގެން މާންދޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ދޯންޏަކުން ދުވާލަކު ކިރޭނީ 1 ޓަނު މަސް ކަމަށެވެ. އަދި ބާޖެއް ގެނެސް މަސް އެރުވުމުގެ އިންތިޒާމްތައް މިހާރު ކުރަމުންގެންދާ ކަމަށްވެސް މާންދޫ ފިޝަރީޒް ކޮމްޕްލެކްސްއިން ހާމަކުރެއެވެ.

މާންދޫ ފިޝަރީޒް ކޮމްޕެލެކްސްއަށް މަސް ގަންނަ އަދަދު ކޮންޓްރޯލްކޮށްފައިވާއިރު، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މަސް ޕްރޮސެސްކޮށް މަސް އެކްސްޕޯޓު ކުރުމުގެ މަސައްކަތްކުރާ މިފްކޯއިން ހާމަކުރާގޮތުގައި އެކުންފުނިން ކުރިއެކޭ އެއްގޮތަށް އެއްވެސް ކޮންޓްރޯލް ކުރުމެއް ނެތި މަސް ގަންނަމުންދާ ކަމަށެވެ.