ކުޅިވަރު

ހުރިހާ ވިސްނުމެއް މިހާރު ހުރީ ނޭވީ ބަލިކޮށް ފައިނަލުން ޖާގަ ހޯދަން - އަދީލް


ރަޕުވަހީނީ ވޮލީބޯލް ޗެމްޕިއަންޝިޕްގައި ސްރީލަންކާ ނޭވީ އާއި ދެކޮޅަށް ނިކުންނަނީ ސީދާ މޮޅުވެގެން ފައިނަލުން ޖާގައެއް ކަށަވަރުކުރަން ކަމަށް ކްލަބް ވެމްކޯގެ ކޯޗް އަހުމަދު އަދީލް ބުނެފިއެވެ.

ރަޕުވަހީނީ ވޮލީބޯލް ޗެމްޕިއަންޝިޕްގައި ކްލަބް ވެމްކޯއިން ވަނީ ކުޅުނު ތިންމެޗުގެ ތެރެއިން ދެމެޗު ކާމިޔާބުކޮށް ފައިނަލާއި ގާތަށް ޖެހިލާފައެވެ. އެގޮތުން ވެމްކޯ މިވަގުތު އޮތީ ލީގު ތާވަލުގެ އެއްވަނައިގައެވެ.

މުބާރާތުގެ ފައިނަލުން ޖާގައެއް ކަށަވަރުކުރުމަށް ވެމްކޯއަށް ލިބޭ އެންމެ ރަނގަޅު ފުރުސަތަކީ މުބާރާތުގެ ހަތަރުވަނަ މެޗުގައި ސްރޯލަންކާ ނޭވީ މެޗުން މޮޅުވުމެވެ. މިމެޗުން ފަސް ސެޓަށް ކުޅެގެން ވެމްކޯ މޮޅުވިކަމުގައި ވިޔަސް ވެމްކޯއަށް ފައިނަލުން ޖާގަ ލިބޭނެއެވެ.

މިމެޗައް ނިކުތުމުގެ ކުރިން ކޯޗް އަހުމަދު އަދީލް ބުނީ، ސްރީލަންކާ އާމީ އަތުން ހޯދުނު ބޮޑު މޮޅާއިއެކު މިވަގުތު ހުރިހާވެސް ޓާގެޓެއް ހުރީ ސީދާ ސްރީލަންކާ ނޭވީ އާއި ދެކޮޅަށް ކުޅޭ މެޗަށް ކަމަށްށެވެ. އަދި މެޗަށް ނިކުންނާނީ ސީދާ މޮޅުވުމުގެ ރޫހުގައި ކަމަށާއި، މެޗު ކާމިޔާބުކުރަން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށްވެސް އަދީލް ބުންޏެވެ.

އަދީލް ބުނީ ވެމްކޯއަށް ނޭވީ ޓީމުގެ ކުޅުން މީގެކުރިން ފެނުނު ކަމަށާއި، އެމެޗު ބަލާލަން ލިބުމަކީ އެޓިމާއި ދެކޮޅަށް ނިކުންނައިރު ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ.

"އަސްލު ހުރިހާވެސް ޝުކުރެއް ހައްގީ ކުޅުންތެރިންނަށް، ހަގީގަތަށް ބުނާނަމަ ހެނދުނުނ މެޗު ނިންމާފަ ރިކަވަރީއަށް އެކަށީގެންވާ ވަގުތު ނުލިބޭ، އެކަމު ކުޅުންތެރިންގެ ހިތްވަރުން އާމީ މި ބަލިކުރެވުނީ، އާމީ އަކީ މިވަގުތު އެންމެ ވަރުގަދަކޮށް ފެންނަން އޮތް ޓީމް. އެހެންވީމަ ޓީމާއިމެދު ވަރަށް ބޮޑަށް އުންމީދު އައުވެއްޖެ. ހުރިހާވެސް ވިސްނުމެއް މިވަގުތު ހުރީ ނޭވީ އާއި ދެކޮޅަށް ވާދަކުރާ މެޗުން މޮޅުވާން". ކޯޗް އަދީލް ބުންޏެވެ.

ވެމްކޯ އާއި ސްރީލަންކާ އާމީ ވާދަކުރިމެޗް ވެމްކޯއިން ކާމިޔާބުކުރީ 3-1 ސެޓުންނެވެ. މެޗުގެ ސެޓުތަށް ވެމްކޯއިން ގެންދިޔައީ 25-19، 25-22، 21-25 އަދި 25-22އިންނެވެ.