ޚަބަރު

ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖެއަކީ ސްރީލަންކާގެ ފުރަތަމަ ސަރަޙައްދީ ބައިވެރިޔާ - ރަނިލް


ޓެރަރިޒަމާ ދެކޮޅަށް ސްރީލަންކާއިން ކުރާ މަސައްކަތުގައި ދިވެހިރާއްޖެއަކީ ސްރިލަންކާގެ ފުރަތަމަ ސަރަޙައްދީ ބައިވެރިޔާއަށްވުމަށް މަޝްވަރާތައް ކުރައްވާފައިވާކަމަށް އެޤައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމް ސިންހަ ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ބޮޑުވަޒީރު މިހެން ވިދާޅުވީ، 4 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސް ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ކުރިއަށްދާ 4 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމް ސިންހަ ވަނީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ތަރައްޤީއަށް އެޅިފައިވާ ގޮންޖެހުންތަކަށް ފުޅާ ދާއިރާއެއްގައި އަލިއަޅުއްވާލައްވާފައެވެ.

އޭޝިއާގެ ޤައުމުތަކުން ދުނިޔޭގެ އިޤްތިޞާދުގައި ބޮޑެތި ކާމިޔާބީތައް ހާސިލުކުރަމުންދާކަން ފާހަގަކުރައްވާ ބޮޑު ވަޒީރު ރަނިލް ވިދާޅުވި، މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް އެންމެ މުހިންމީ ސަރަހައްދުގެ ޤައުމުތަށް ގުޅިގެން މަސައްކަތް ކުރުންކަމަށެވެ. އެގޮތުން މި ސަރަހައްދަށް މިހާރު ޓެރަރިޒަމްގެ ބިރުވެރިކަން ބޮޑުވެފައިވާއިރު، މި ބިރުވެރިކަން ނައްތާލުމަށް ލަންކާއިން އިސް ރޯލެއް އަދާކުރައްވާނެކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. މިއަަހަރުގެ ކުރީކޮޅު ލަންކާގައި ހިންގި ޤަތުލްއާންމްތަށް ފަދަ ހާދިސާތަކުން އައިސްގެ ނުރައްކާ އޭޝިއާ ސަަރަހައްދަށް އިންތިހާ ދަރަޖައަށް ބޮޑުވެއްޖެކަން ފާހަގަކުރައްވާ ބޮޑު ވަޒީރު ވަނީ މިކަން ހުއްޓުވުމަށް ލަންކާއާއިއެކު އަތުގުޅާލުމަށް އޭޝިއާގެ ޤައުމުތަކަށް ގޮވާލައްވާފައެވެ.

ލަންކާގެ ބޮޑު ވަޒީރު ވަނީ، ނުރައްކާތެރި އައިއެސްއާއި ދެކޮޅަށް ސްރިލަންކާއިން ކުރާ މަސައްކަތުގައި ދިވެހިރާއްޖެއަކީ ސްރިލަންކާގެ ފުރަތަމަ ބައިވެރިޔާއަށްވުމަށް މަޝްވަރާތަށްކޮށްފައިވާކަންވެސް ހާމަކުރައްވާފައެވެ. އެގޮތުން ސަރަހައްދުގައި ސަރވެލެންސްގެ މަސައްކަތްތައް މެދުކެނޑުމެއްނެތި ހިންގުމާއި، ޤާނޫނު އަސާސީތައް ބާރުވެރިކުރުން ފަދަ ދާއިރާތަކުން އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްއާއިއެކު މަޝްވަރާކުރައްވާފައިވާކަން ބޮޑު ވަޒީރު ފާހަގަކުރެއްވިއެވެ.

" އައިއެސްގެ ނުރައްކާ ނައްތާލުމަށް ލަންކާއިން ލީޑަރޝިޕް ދައްކާނަން. ނުރައްކާތެރި އައިއެސްއާއި ދެކޮޅަށް ސްރިލަންކާއިން ކުރާ މަސައްކަތުގައި ދިވެހިރާއްޖެއަކީ ސްރިލަންކާގެ ފުރަތަމަ ބައިވެރިޔާއަށްވުމަށް މަޝްވަރާތަށްކޮށްފައިވާނެ." ބޮޑުވަޒީރު ރަނިލް ވިކްރަމް ސިންހަ ވިދާޅުވިއެވެ.

ބޮޑުވަޒީރު ރަނިލް ވިކްރަމް ސިންހަގެ ވާހަކަފުޅުގައި ދުނިޔޭގެ ބޮޑު ދެ ބާރު ކަމަށްވާ ޗައިނާ އާއި އެމެރިކާއާ ދެމެދު ހިގަމުންދާ އިޤްތިޞާދީ ހަނގުރާމައިން އޭޝިއާއަށް ބޮޑެތި ގެއްލުންތަކެއް ވާނެކަން ފާހަގަކުރެއްވިއެވެ. އަދި މި ސަބަބައްޓަކައި އޭޝިއާގެ ޤައުމުތަކަކީ ފުއްދުންތެރި، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، ޤަވައިދުތަކަށް ބޯލަނބާ ބަޔަކަށް ވުމަށް ބޮޑު ވަޒީރު ވަނީ ގޮވާލައްވާފައެވެ.

"ޗައިނާ އާއި އެމެރިކާއަށް އަޅުގަނޑުމެން އޭޝިއާގެ ޤައުމުތައް މިވަނީ ބަރޯސާވެފައި. މިކަމުގައި ވިސްނާލެނަޖެހޭ ކޮންމެ ފަރާތަކުންވެސް ބައިނަލްއަޤްވަމީ ޤާނޫނުތަކަށާއި، ޤަވައިދުތަކަށް ބޯލެނބުން ވަރަށްވެސް މުހިންމު." ބޮޑު ވަޒީރު ރަނިލް ވިކްރަމް ސިންހަ ވިދާޅުވިއެވެ.

ހަތަރު ވަނަ އިންޑިއަން އޯޝަން ކޮންފަރެންސަކީ އިންޑިއާ ކަނޑުގެ ތަރައްޤީއަށް ސަރަހައްދުގެ ޤައުމުތައް އެއްތަނަކުން ބައްދަލުވެ، މަޝްވަރާކޮށް ފްރޭމްވޯކްތައް އެކުލަވާލުމަށް ކޮންމެ އަހަރަކު ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގެ ކުރީގެ ކޮންފަރެންސްތައް ސިންގަޕޯރ، ހަނޯއި އަދި ކޮލަމްބޯގައި ވަނީ ބާއްވާފައެވެ.