ކުޅިވަރު

ޗެމްޕިއަން ކުނަހަންދޫއިން މާލޭ ޓީމުގެ މައްޗަށް ކުރި ހޯދައިފި


ފުވައްމުލަކު ސިޓީގައި މިހާރު ކުރިޔަށްދާ ތިންވަނަ ޤައުމީ ޓީ20 އަންހެން ކްރިކެޓް މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ކުނަހަންދޫއިން މާލޭ ޓީމުގެ މައްޗަށް ކުރި ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލުގައިވެސް ވާދަކުރާ މި ދެޓީމު މިއަދު މެންދުރު ފުވައްމުލަކު ކްރިކެޓް ދަނޑުގައި ކުޅުނު މި މެޗު ކުނަހަންދޫއިން ކާމިޔާބުކުރީ 41 ލަނޑުގެ ތަފާތުންނެވެ. މި މެޗުގައި ފުރަތަމަ ޓޮސް ދިމާވެގެން ކުނަހަންދޫއިން ނިންމީ ކުޅެން އަރާށެވެ. އެގޮތުން އެޓީމު ކުޅެންއަރައި 20 އޯވަރުގެ ތެރޭގައި 7 ކުޅުންތެރިން ނުބައިވެގެން 103 ލަނޑު ވަނީ ހަދާފައެވެ. މި މެޗުގައި ކުނަހަންދޫ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 36 ބޯޅައިން 21 ލަނޑު ހެދި ހަފްސާ ޢަބްދުﷲއެވެ.

ޖަވާބުގައި މާލޭގެ ޓީމު ކުޅެންއަރައި 20 އޯވަރުގެ ތެރޭގައި 9 ކުޅުންތެރިން ނުބައިވެގެން އެޓީމަށް ހެދުނީ 62 ލަނޑެއެވެ. މި މެޗުގައި މާލޭގެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ، 21 ބޯޅައިން 11 ލަނޑު ހެދި ޝަންމަ އަލީއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ކުނަހަންދޫ ޓީމުގެ ކޯޗު ލިރުގާމް ސައީދު ބުނީ، މި މެޗަކީ ދެ ޓީމަށްވެސް މާ މުހިއްމު މެޗެއް ނޫންކަމަށާއި، ނަމަވެސް ކުނަހަންދޫ ޓީމުން ކޮންމެ މެޗެއްގައިވެސް ކުޅޭނީ ސީރިއަސްކަމާއެކު މެޗުން މޮޅުވާންކަމަށެވެ. ލިރުގާމް ބުނީ މާލޭ ޓީމުން މި މެޗު އެހާ ސީރިއަސްކޮށް ނެގިކަމަކަމަށް ގަބޫލްނުކުރާކަމަށެވެ. މުބާރާތުގެ ފައިނަލުގައި މާދަމާ މާލޭގެ ޓީމާއި ދެކޮޅަށް ނުކުންނައިރު، މަސައްކަތްކުރާނީ ވަރަށް ސީރިއަސްކަމާއެކު މެޗު ކާމިޔާބުކޮށް ތަށި މިލްކުކުރަންކަމަށެވެ. އަދި މާލޭގެ ޓީމަކީ ވަރުގަދަ ޓީމެއްކަން ގާބޫލްކުރާކަމަށްވެސް ލިރުގާމް ބުންޏެވެ.

"ކުޅުންތެރިން ވަރަށް މަސައްކަތްކުރި މެޗުން މޮޅުވާން. ދެން މިމެޗަކީ ދެ ޓީމަށްވެސް މާ މުހިންމު މެޗެއް ނޫން. ނަމަވެސް އަޅުގަނޑުމެން ކޮންމެ މެޗަކަަށްވެސް ނުކުންނާނީ ވަރަށް ސީރިއަސްކަމާއެކު މެޗުން މޮޅުވާން. ދެން މާލޭގެ ޓީމު މި މެޗު އެހާ ސީރިއަސްކޮށް ނެގިކަމަކަށް ގަބޫލެއްނުކުރެވޭ. ދެން މާދަމާގެ މެޗުން މޮޅުވާން ވަރަށް މަސައްކަތް ކުރާނެން އަޅުގަނޑުމެން. މާލޭގެ ޓީމަކީ ހަގީގަތުގައި މޮޅު ޓީމެއް." ލިރުގާމް ބުންޏެވެ.

ހަތަރު ޓީމު ވާދަކުރާ މި މުބާރާތުގެ ފައިނަލަށް ކުނަހަންދޫ ދަތުރުކުރީ ކުުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެގެން އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި މާލޭގެ ޓީމު މުބާާރާތުގެ ފައިނަލަށް ފުރަތަމަ ފަހަރަށް ދަތުރުކުރީ ދެވަނަ ޓީމުގެ ގޮތުގައެވެ.

މުބާރާތުގެ ފައިނަލް މެޗު މާދަމާ މެންދުރު 2 ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާއިރު، ތިންވަނަ ހޮވާ މެޗު ފަށާނީ މާދަމާ ހެނދުނު 8 ޖަހާއިރުއެވެ. މި މެޗުގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ ފުވައްމުލަކާއި ވިލިމާލެއެވެ.