ޖިނާއީ ތަޙްޤީޤުތަކަށް އެއްބާރުލުން ދިނުމަށް ދިވެހިރާއްޖެއިން އިންޑިއާ އާއެކު ހެދި މުއާހަދާގައި ސޮއިކުރައްވައިފިއެވެ. މި އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރައްވާފައިވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއެވެ އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރިމާނިއަމް ޖައިޝަންކަރެވެ. މި އެއްބަސްވުމަކީ ރާއްޖެއިން އެހެން ޤައުމަކާއެކު މިފަދަ މުއާޙަދާއެއްގައި ސޮއިކުރި ފުރަތަމަ ފަހަރެވެ.
"މިއުޗުއަލް ލީގަލް އެސިސްޓެންސް އިން ކްރިމިނަލް މެޓާސް ޓްރީޓީ"ގައި ބައިވެރިވުމަށް ހަދާ މުއާހަދާއަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިދިޔަ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. މި ޓްރީޓީގައި ބައިވެރިވުމަށް ހަދާ މުއާހަދާއަށް ރުހުން ދޭން ފާސްކުރީ، 65 މެންބަރުންގެ ވޯޓުންނެވެ. އެ މުއާހަދާއާ ދެކޮޅަށް 11 މެންބަރަކު ވޯޓްދެއްވިއެވެ.
މި އެގްރީމަންޓު ނުވަތަ މުއާހަދާގައިވާގޮތުން ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެ ޤައުމުން އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް ވަނީ ހިމަނާފައެވެ. އަދި ކޯޓަށް ހާޒިރުކުރުމުގައާއި ކޯޓު އަމުރު ތަންފީޒުކުރުމުގައި އެހެނިހެން ޝަރުއީ ކަންކަމުގައި ދެ ޤައުމުން އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި ޓެރަރިޒަމާއި ޓެރަރިޒަމްގެ ހަރަކާތްތައް ނައްތާލުމަށް ފައިސާ ހޯދައިދިނުމާއި، އެހީތެރިވެދިނުމާއި އަދިވެސް އެހެނިހެން ޖިނާއީ ކުށްތައް ހުއްޓުވުމަށް މި އެގްރީމަންޓުގެ ދަށުން މަސައްކަތް ކުރާނެއެވެ. އަދި ހަމައެއާއެކު ތަޙްޤީޤު ކުރުމާއި ޝަރީއަތްކުރުން ހަރުދަނާ ކުރުމުގެ ބޭނުމުގައި އެއްޤައުމުން އަނެއް ޤައުމަށް މި އެގްރީމަންޓުގެ ދަށުން އެއްޤައުމު އަނެއް ޤައުމަށް އެހީތެރިވާނެއެވެ.
މި އެގްރީމަންޓާއި ގުޅޭގޮތުން އެޓަރނީ ޖެނެރަލް އޮފީހުން ވިދާޅުވެފައި ވަނީ ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ސޮއިކުރި މުޢާހަދާގެ ސަބަބުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގެ ތެރެއިން ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ ރައްކާތެރިކަމާއި ޙައްޤުތަކަށް އެއްވެސް އުނިކަމެއް ނާންނާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.