ކުޅިވަރު

އިކާޑީ ލޯނު އެއްބަސްވުމެއްގެ ދަށުން ފްރާންސްގެ ޕީއެސްޖީއަށް


އިންޓަމިލާންގެ އާޖެންޓީނާގެ މައުރޯ އިކާޑީ ލޯނު އެއްބަސްވުމެއްގެ ދަށުން ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވެއްޖެއެވެ.

އިންޓަރގެ ކުރީގެ ކެޕްޓަން ޕީއެސްޖީއާ ގުޅުނީ އެކުލަބުގެ ވެރިންނާއި ކޯޗާއި މެދު މިދިޔަ ސީޒަންގައި ގިނަ މައްސަލަތަކެއް ޖެހި ޓީމުން ފުރުސަތު ނުލިބޭތީއެވެ. ތަފާތު އަހްލާގީ މައްސަލަތާކާ ހުރެ ފެބްރުއަރީ މަހު އިކާޑީ އަތުން ކެޕްޓަން ބޭންޑްވެސް ވަނީ އަތުލާފައެވެ. ސައްބީސް އަހަރުގެ އިކާޑީ ޕީއެސްޖީއާ ގުޅުނީ ދެއަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޕީއެސްޖީން ބޭނުންވާކަމަށް ވާނަ މިމުއްދަތަށް ފަހު ކުޅުންތެރިޔާއަށް ދައިމީ އެއްބަސްވުމެއް ހުށެހެޅޭނެއެވެ. އިންޓަރ އެކު ހޭދަކުރި ހަ ސީޒަންގައ އިކާޑީ ވަނީ ކުޅުނު 219 މެޗުގައި 124 ގޯލް ޖަހާފައެވެ.

އިކާޑިއާ އިންޓަރ މިލާން މައްސަލަ ޖެހުނީ ކުލަބުގެ ކުރީގެ ކޯޗު ސަޕަލެއްޓީއާއި ގުޅުން ގޯސްވެގެންނެވެ. އިންޓަރގެ އާ ކޯޗު އެންޓޯނިޔޯ ކޮންޓޭ އެ ޓީމާ ހަވާލުވުމަށްފަހު ބުނެފައިވަނީ އޭނާގެ ޕްލޭންގައި އިކާޑީ ނުހިމެނޭކަމަށެވެ. ޕީއެސްޖީއަށް ބަދަލުވުމަށް ފަހު އިކާޑީ ބުނީ އޭނާގެ ހުރިހާ ވިސްނުމެއް މިހާރު ހުރީ އާކުލަބާއެކު ހުރިހާ މުބާރާތެއްގައި ކާމިޔާބު ހޯދުމަށްކަމަށެވެ. އިކާޑީ އަކީ ވޭތުވެދިޔަ ފަސް ސީޒަނުގައި ވެސް އިންޓަރ މިލާނަށް އެންމެ ގިނަ ލަނޑުޖަހައިދީފަވާ ކުޅުންތެރިޔާއެވެ.