މާލޭ ހުކުރު މިސްކިތް ހިމާޔަތްކޮށް މަރާމާތުކުރުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައްކުރުމަށް އިންޑިއާގެ ޓީމެއް ހަރަކާތްތެރިވާން ފަށައިފިއެވެ.
މި މަސައްކަތް ކުރުމަށްޓަކައި އިންޑިއާގެ 5 މެންބަރުންގެ މައްޗަށް އެކުލެވޭ ޓީމެއް 15 ދުވަސްވަންދެން ރާއްޖޭގައި ހަރަކާތްތެރިވާނެއެވެ. މާލޭ ހުކުރު މިސްކިތް ޙިމާޔަތްކުރުމުގެ މަސައްކަތުގައި އިންޑިއާގެ އެހީތެރިކަން ލިބޭނެކަމަށް އެޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ހާމަކުރައްވާފައެވެ.
ހެރިޓޭޖް މިނިސްޓްރީން ވިދާޅުވީ އިންޑިއާގެ ޓީމް ރާއްޖޭގައި ހަރަކާތްތެރިވަމުންދަނީ ހުކުރު މިސްކިތަށް ބޭނުންވާ ތަކެތި ގެނެސް ބަހައްޓާނެ ތަންތަން ހަމަޖެއްސުމަށާއި މަސައްކަތަށް ބޭނުންވާ މުހިއްމު ކަންކަން ފައިނަލް ކުރުމަށްކަމަށެވެ. އެގޮތުން މިސްކިތުގައި ބޭނުންކުރާ ލަކުޑިއަށާއި ހިރިގަލަށް ފަރުވާދިނުމަށް ބޭނުންވާ ކެމިކަލް ރާއްޖެއަށް ގެނައުމަށް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރުންފަދަ މުހިއްމު މަސައްކަތްތަކެއް މިދަތުރުގެ ތެރެއިން ކުރާނެކަމަށެވެ.
ހުކުރު މިސްކިތް ހިމާޔަތްކޮށް މަރާމާތުކުރުމަށްޓަކައި ކުރިއަށްގެންދާ މަޝްރޫއަކީ ދެ އަހަރުދުވަހުގެ މަޝްރޫއެކެވެ. މި މަސައްކަތް ކުރަނީ އިންޑިއާއިން ޚަރަދޮށްގެން އިންޑިއާގެ މިނިސްޓްރީ އޮފް ކަލްޗަރގެ ދަށުން ހަރަކާތްތެރިވާ އާރކިއޮލޮޖިކަލް ސާވޭ އޮފް އިންޑިއާއިންނެވެ. މި މަސައްކަތުގެ ތެރެއިން ހުކުރު މިސްކުތުގެ މަތިވަޑާގަނޑުގެ އާބާތުރަ ފިލުވުމަށް ޚާއްސަ އިސްކަމެއް ދިނުމަށް ހަމަޖެހިފައިވާކަމަށް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވެއެވެ.
މިދިޔަ އޭޕްރީލް މަހާއި މެއިމަހުގެ އިންޑިއާގެ ޓީމެއް ރާއްޖެއައިސް ވަނީ މިމަސައްކަތް ކުރުމަށްޓަކައި ފުރަތަމަ ރިޕޯޓް ތައްޔާރުކޮށްފައެވެ. އެގޮތުން އެރިޕޯޓުގައި މާރާމާތު ކުރަންޖެހޭ ތަންތަނާއި އެކަމަށް ބޭނުންވާ ތަކެތި ވަނީ ހިމަނާފައެވެ. މިއީ އިންޑިއާއިން ހުކުރުމިސްކިތުގެ މަރާމާތުކުރުމަށްޓަކައި އެހީ ވާ ދެވަނަ ފަހަރެވެ. މީގެ ކުރިން 1986 ވަނަ އަހަރާއި 1987 ވަނަ އަހަރާ ދެނެދުވެސް އިންޑިއާއިންއެ މިސްކިތުގެ އާބާތުރަފިލުވާފައިވާކަމަށް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވެއެވެ.
މާލޭ ހުކުރު މިސްކިތަކީ ދިވެހީންގެ އިސްލާމީ ވަޙުދަތާއި، ދިވެހީންގެ ހުނަރުވެރިކަމާއި ފަންނުވެރިކަން ދައްކުވައިދޭ އެންމެ ދުވަސްވީ އެއް ބިނާއެވެ. އައްސުލްޠާން އިބްރާހީމް އިސްކަންދަރު 1 ގެ އަމުރުފުޅަކަށް މީލާދީން 1656 ގައި ބިނާކުރެވުނު މި މިސްކިތަކީ ދުނިޔޭގެ އެހެން އެއްވެސް ޤައުމަކުން ނުފެންނަ ފަދަ ހިރިގަލުގެ ފުރިހަމަ މަސައްކަތް ފެނިގެންދާ ބިނާއެކެވެ.
ރާއްޖޭގައި ހިރިގަލުން އިމާރާތްކޮށްފައިވާ މަދު މިސްކިތްތަކުގެ ތެރޭގައި ހިމެނޭ ހުކުރު މިސްކިތް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އެތަނަށް ލިބިފައިވާ ގެއްލުންތައް މަރާމާތު ކުރުމުގެ މަސައްކަތް ޔުނެސްކޯއާއި އިންޑިއާ ސަރުކާރާއި ގުޅިގެން ދަނީ ކުރަމުންނެވެ.