ޚަބަރު

އަޒްމިރަލްދާ އާއި ޝުޖޫނަށް މަޖިލީހުން ރުހުން ދިނުން މާދަމާ


ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ.އަޒްމިރާލްދާ ޒާހިރާއި، އަލްއުސްތާޛާ އައިޝާ ޝުޖޫން އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދިނުމާމެދު ގޮތެއް ނިންމުން މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް މިމައްސަލަ އެޖެންޑާކޮށްފައިވާއިރު، މިމައްސަލާގައި ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓް ހުށަހަޅައި އެރިޕޯޓަށް ބަހުސްކުރުމަށް ހުޅުވާލެވޭނެއެވެ. ބަހުސް ކުރުމަށްފަހު މާދަމާގެ ވޯޓު ގަޑީގައި މިމައްސަލާގައި ގޮތެއް ނިންމާނެކަމަށް ލަފާކުރެވެއެވެ. މިދެ ބޭފުޅުން ސްޕްރީމްކޯޓުގެ ފަޑިޔާރުކަމަށް އައްޔަންކުރުމަށް ޖޭއެސްސީންވެސް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ އަރުވާފައެވެ. އަދި މި ދެބޭފުޅުންނަށް ރުހުންދިނުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމާފައިވާއިރު، މިދެބޭފުޅުންނަކީ އަންހެން ބޭފުޅުންނަށް ވުމުން ސްޕްރީމްކޯޓަށް އައްޔަންކުރުމަކީ ރަގަޅު ކަމެއް ނޫންކަމަށްބުނެ މިދިޔަ ހަފްތާގައި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވަނީ ކުއްލި މައްސަލައެއްވެސް މަޖިލީހަށް ހުށަހަޅާފައެވެ.

ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ލާފާދެއްވާފައިވާ ޑރ.އަޒްމިރާލްޑާ ޒާހިރު މީގެ ކުރިން ވަނީ ހައިކޯޓްގެ ފަނޑިޔާރުކަންވެސް ކުރައްވާފައެވެ. އަދި އައިޝާ ޝުޖޫން އަކީ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ދާދިފަހުން އުފެދުނު ޤާނޫނީ ވަކީލުންގެ ކަންކަން މޮނިޓަރކުރާ ބާ ކައުންސިލްގެ މެންބަރެކެވެ. މީގެ އިތުރުން އަނިޔާވެރި ޢަމަލުތަކާއި ދެކޮޅަށް މަސައްކަތްކުރާ އދ. ގެ ސަބް-ކޮމެޓީ (އެސްޕީޓީ)އަށް ދެފަރު އިންތިޚާބުވެވަޑައިގެންނެވި އައިޝާ ޝުޖޫން އަކީ ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ގާޟީވެސްމެއެވެ.

ކޯޓްތަކާއި ބެހޭ ޤާނޫނަށް ގެނައި އިޞްލާޙުގެ ދަށުން ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ ޢަދަދު ހަތަކަށް އިތުރުވާއިރު، ޝަރުޢީ ދާއިރާ އިޞްލާޙުކޮށް އަދުލުވެރި ފަނޑިޔާރުގެއެއް ޤާއިމްކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅެކެވެ.