ޚަބަރު

ރިޟްވާނަށް ވީގޮތުގެ ހަޤީޤަތާއެކު ބިރުވެރި ވާހަކަތަކެއް


ރިޟްވާން މަރާލާފައިވާކަން ހާމަކުރި ނޫސްވެރިންގެ ބައްދަލުވުމާއެކު މުޖުތަމައުގެ ކޮންމެ މީހެއްގެ ހިތުގައިވެސް ބިރުވެރިކަމާއި ނުތަނަވަސްކަން އިންތިހާއަށް އުފެދުނެވެ. ރިޟްވާންގެ މަރާއެކު މި ކުޑަކުޑަ މުޖުތަމައުގައި ބަޔަކު ދީނުގެ ނަމުގައި ހިންގަމުންދާ ޖަރީމާތައްވެސް މިވަނީ ހާމަވެފައެވެ.

ދެހާސް ސާދަ ވަނަ އަހަރުގެ އޮގަސްޓް މަހުގެ 8 ވަނަ ދުވަހު ރިޟްވާނަށް ވީނުވީއެއްނޭގި ގެއްލިގެން އޭނާގެ އާއިލާއާއި، އެތައްބަޔަކު ފާޅުކުރަމުންއައި ކަންބޮޑުވުމަށް މަރުކޮމިޝަނުން ބޭއްވި ޕްރެސްކޮންފަރެންސުން މިވަނީ ޖަވާބެއް ލިބިފައެވެ. ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ތަޙްޤީޤު ކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެކުލައްވާލާފައި ކޮމިޝަނުން ހާމަކުރި މައުލޫމާތާއެކު ރިޞުވާން މަރާލާފައިވާކަން ކަށަވަރުވާއިރު، ކޮމިޝަންގެ ފަރާތުން ހާމަކުރި މައުލޫމާތުތަކީ މުޅި ޤައުމުގެ ކޮންމެ ރައްޔިތެއްގެ ހިތުގައިވެސް ބިރުވެރިކަމާއި، ނުތަނަވަސްކަން އިންތިހާއަށް އެކުލެވިގެންވި ވާހަކަތަކެކެވެ.

ހައްދުފަހަނަ އަޅާފައިވާ ދީނީ 2 ޖަމާއަތަކުން ފުރަމާލޭގެ، މާތްވެގެންވާ މިސްކިތްތަކުގެ ނިވަލުގައިތިބެ ދީނުގެ ނަމުގައި ޖިހާދު ކުރުމަށާއި، މީހުން މެރުމަށާއި، ބޮޑެތި ޖަރީމާތައް ހިންގުމުގެ ޕްލޭންތައް އެކުލަވާލައި، ސިފައިންގެ ބަދަހި ސަފުތައް ރެކުރޫޓުކުރާ އުސޫލުން ސަފުތައް ރެކުރޫޓްކޮށް ޖަރީމާތައް ހިންގަމުން ގޮސްފައިވާކަމީ ނުރައްކާބޮޑުކަމެކެވެ. މިކަމުގައި ހެޔޮ ނުވިސްނޭ ކުޑަކުދިންނާއި، އަޅާލުން ކުޑަވެ، އެކަނިވެރިވެފައިވާ ކުޑަދިންނާއި ޒުވާނުން ބޭނުންކޮށް މިކަންކަން ކުރާކަމީ މުޖުތަމައުގައި މިކަމުގެ ބިރުވެރިކަން އޮތްކަން ހާމަވާކަމެކެވެ. އަދި މިކަން ކުރުމަށްޓަކައި މާލޭގެ ބައެއް މިސްކިތްތައް ބޭނުންކުރަމުންދިޔަކަން ހާމަވެފައިވާއިރު މިއީ އިތުރަށް ރައްޔިތުން ސަމާލުވާންވީ ކަމެކެވެ.

ހަރުކަށި ޚިޔާލުގެ މީހުން ރާއްޖޭގައި އުފެދިގެން އައިގޮތަށް ބަލާއިރު 2012 ވަނަ އަހަރު ސޯޝަލް މީޑިއާގައި "ޝަރިއާ ފޯ މޯލްޑިވްސް" ނަމުގައި ފޭސްބުކްގައި ޕޭޖެއް ހިންގަމުން ގެންދާކަން ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ތަޙްޤީޤު ކުރާ ކޮމިޝަނުގެ ރައީސް ހުސްނުއްސުޢޫދު ވަނީ ހާމަކޮށްފައެވެ. އަދި އެމީހުން 2014ގައި މާލޭގައި އައިސްގެ ދިދަ ހިފައިގެން ހިނގާލުމެއް ބާއްވާފައިވާކަންވެސް ސުޢޫދު ވަނީ ފާހަގަކޮށްފައެވެ.

ސުއޫދް ވިދާޅުވީ ބިލާދު އަލް ޝާމް ކިޔާ ގްރޫޕަކުން އެމީހުންގެ ފޭސްބުކް މެދުވެރިކޮށް ރިޟްވާން މިނިވަން ނޫޙުގައި ލިޔެފައިވާ ލިޔުންތަކާއި ގުޅިގެން ވާހަކަދައްކާފައިވާކަމަށެވެ. އެގޮތުން އެމީހުންނާއި ބެހޭ މައުލޫމާތު ފުލުހުންނަށް ރިލްވާން ދޭކަމަށް އެމީހުން ތުހުމަތުކުރާކަން އެ މެސެޖްތައް ބަލާލުމުން އެގޭއިރު އެމީހުންނަށް ރިޟްވާން ރައްދުދީފައިވާކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.

ހައްދުފަހަނައަޅާފައިވާ ޖަމާއަތެއް ކަމަށްވާ އައިއެސްއަށް ނިސްބަތްވާ ރާއްޖޭގެ ގްރޫޕުތަކުން ފައިސާ ހޯދަނީ ވައްކަމާއި ފޭރުމާއި އެނޫންވެސް ކުށްތަކަށް އަރައިގަނެގެންކަންވެސް ވަނީ ހާމަވެފައެވެ. އަދި އެ ޖަމާއަތްތަކުން މިފަދަބޮޑެތި ނުރައްކާތެރި ކަންކަން ރާވަމުންދަނީ އެފަރާތްތަކަށް ފަންޑުކުރާނެ ބަޔަކާއި ހިއްވަރުދޭ ބަޔަކުވެސް ފަހަތުގައި ތިބުމުންނެވެ. މި ޖަމާއަތްތައް ބޮޑުކޮށް، ހިންގޭ ހަރަކާތްތައް އިތުރުކުރުމަށްޓަކައި ރާއްޖޭގައި ފުޅާދާއިރާއެއްގައި ވިޔަފާރިތައްވެސް ހިންގެމުންދާކަން ވަނީ ހާމަވެފައެވެ. އެގޮތުން ފޮތި ފިހާރަތަކާއި، ތަރުކާރީ ވިއްކާ ފިހާރަތަކާއި، ހޮޓާ ހިންގައިގެން ލާރި ހޯދުމާއި، މަސްދޯންޏާއި، ބަޓު ނަގައިގެން މިކަންކަން ކުރުމަށްވެސް ވިޔަފާރިތައް ވަނީ ފުޅާކުރެވިފައެވެ.

ސުއޫދު ވިދާޅުވީ މި ޖަމާއަތްތައް މަސައްކަތް ކުރަނީ އެކި ބައިބަޔަށް ބަހާލައިގެންކަމަށެވެ. އެގޮތުން ހަމަލާދިނުމާއި، ފާރަލުމާއި ކިޑްނެފްކުރުންފަދަ ކަންކަން ބާހާލައިގެން ކުރިއަށް ގެންދާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމީހުން މަސައްކަތްކުރަނީ ވަކި ބައިތަކަކަށް ބަހާލައިގެން ކޮންމެ ބައެއްގައި އަމީރަކު އިސްކޮށް ބަހައްޓާ މީހުން ރެކްރޫޓު ކޮށްގެން ކަމަށް ސުޢޫދު ވިދާޅުވިއެވެ.

މިމައްސަލާގައި ދީނީ އިލްމުވެރިންވެސް ކަންބޮޑުވުން ފާޅުކުރައްވަމުންދާއިރު، މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޙް އިލްޔާސް ޙުސައިން ވިދާޅުވީ ހަރުކަށިފިކުރާއި، ދީނަށްފުރައްސާރަކުރުމުގެ ފިކުރުން ޒުވާންޖީލު ސަލާމަތްކުރެވޭނީ ދީނުގެ ސައްޙަ މައުލޫމާތު ޒުވާނުންނަށް ދެވިގެންކަމަށެވެ. އަދި މިކަމުގައި ބެލެނެވެރިން ސަމާލުކަން ދޭންޖެހޭ ކަމެއް ކަމަށްވެސް އިލްޔާސް ވިދާޅުވެފައިވެއެވެ.

ދީނީ ހައްދުފަހަނައަޅާފައިވާ ޖަމާއަތްތަކުން ރާއްޖޭގައި ހިންގަމުންދާ ހަރަކާތްތަކާއި، ޖަމާއަތް ބޮޑުކުރުމަށް ކުރާ މަސައްކަތަކީ ކޮންމެ ރައްޔިތަކުވެސް ނުހަނު ވިސްނަންޖެހިފައިވާކަމެކެވެ. މިކަމަކީ ވަކި ބައެއްގެ ޒިންމާއެއް ކަމަށްނުދެކި ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއަކަށް ހަދައިގެންވެސް މިކަން ހުއްޓުވުމަށް މިވަނީ މަސައްކަތް ކުރަންޖެހިފައެވެ. އަދި ދީނުގެ ތެދު މަޢުލޫމާތު ޅަދަރިންނަށް ދީ ހެޔޮލަފާ ޒުވާން ޖީލެއް ބިނާކުރުމަށް މަސައްކަތް ކުރުމަކީ ކޮންމެ މީހަކުވެސް އިސްކަންދޭންޖެހިފައިވާ ކަމެކެވެ.