ތިމާވެށި

ހިމާޔަތްކުރެވިފައިވާ ދިރުންތަކަށް ރައްކާތެރިވުން މުހިންމު


ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނުގެ ދަށުން ރާއްޖޭގެ މާޙައުލުގައި ދިރުއުޅެމުންދާ ތަފާތު ބާވަތްތަކުގެ ދިރުން ވަނީ ހިމާޔަތްކުރެވިފައެވެ. މީގެ ތެރޭގައި ޚާއްސަކޮށް ދުނިޔެއިން ނެތި ދިއުމުގެ ބިރު ހީވެފައިވާ ގިނަ އަދަދެއްގެ ދޫނި ހިމެނޭކަން ފާހަގަ ކޮށެލެވެއެވެ.ރާއްޖޭގެ ދިރޭތަކެއްޗަށް ލިބޭ ކޮންމެ ގެއްލުމަކީ އަދި އެތަކެތީގެ މާޙައުލަށް ކުރާ ކޮންމެ ނޭދެވޭ އަސަރަކީ ހަމައެކަނި ތިމާވެއްޓަށް ލިބޭނެ ގެއްލުމެއް ނުވަތަ އުނިކަމެއް ނޫނެވެ. އެއީ ޖުމްލަގޮތެއްގައި މުޅި އިޤުތިޞާދަށާއި، ރާއްޖޭގެ ޒަމާންވީ އާދަކާދަތަކާއި، ދިރިއުޅުމުގެ ވައްޓަފާޅިއަށްވެސް ލިބިގެންދާނެ ބޮޑު ގެއްލުމެއްގެ ގޮތުގައި ތިމާވެށީގެ ކަންކަން ދިރާސާކުރައްވާ ފަރާތްތަކުން ސިފަކުރެއެވެ.ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނުގެ ދަށުން ރާއްޖޭގެ ކަނޑުގެ މާޙައުލުގައި ދިރިއުޅޭ 14 ބާވަތެއްގެ ދިރުމާއި، 103 ވައްތަރުގެ ދޫނީގެ ބާވަތް ވަނީ ހިމާޔަތްކޮށްފައެވެ. އަދި ހަމަ މި ޤާނޫނުގެ ދަށުން ރާއްޖޭގެ 42 ސަރަޙައްދެއް ވަނީ ހިމާޔަތްކުރެވިފައިވާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައެވެ.ރާއްޖޭގެ މާހައުލުން ފެންނަކަމަށް ފާހަގަކުރެވިފައިވާ ދޫނީގެ ބާވަތްތަކުގެ ތެރެއިން ގިނަ ބާވަތްތަކަކީ، އެ ތަކެތީގެ އާބާދީ މަދުވެ، އެ ތަކެތީގެ ނަސްލު ނެތިދިއުމުގެ ބިރު ހީވެފައިވާ ތަކެއްޗެވެ. އެގޮތުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ޤާނޫނުގެ ދަށުން 103 ބާވަތެއްގެ ދޫނި ހިމާޔަތްކޮށްފައިވާއިރު، ހަމަ މި ޤާނޫނުގެ ދަށުން ރާއްޖެއަށް ހިޖުރަކުރާ ހުރިހާ ބާވަތެއްގެ ދޫންޏެއް މިހާރު ވަނީ ހިމާޔަތްކުރެވިފައިވާ ދޫނީގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި ހިމާޔަތްކޮށްފައިވާ އެއްވެސް ބާވަތެއްގެ ދޫންޏެއްގެ އާއިލާއަށް ނިސްބަތްވާ އެއްވެސް ބާވަތެއް ހިފުމާއި، ގެންގުޅުމާއި، އޭގެ ވިޔަފާރި ކުރުމާއި، އެތަކެތީގެ ބިސް ނެގުމާއި އަދި އެތަކެއްޗަށް ނުވަތަ އެތަކެތީގެ ހާއްޔަށް އެއްވެސް ގޯނާއެއް ކުރުމަކީ ވެސް މަނާކަމެއް ކަމެއްގެގޮތުގައި ވަނީ ކަނޑައަޅާފައެވެ.ރާއްޖޭގެ ކަނޑުފަޅުތައް ޙިމާޔަތްކޮށް، ދޫނި ސޫފާ ސޫފާސޫފީގެ ދިރުން ދަމަހައްޓާ ، ޙިމާޔަތްކުރެވިފައިވާ ތަންތަން ހެޔޮގޮތުގައި ބެލެހެއްޓުމަކީ އަޅުގަނޑުމެންގެ މިވެށި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ކޮންމެ ފަރުދެއްގެ ކޮނޑުގައި އެޅިފައިވާ ވަރަށް ބޮޑު މަސްއޫލިއްޔަތެކެވެ. މިމަސްއޫލިއްޔަތު އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަކީ އެދެވިގެންވާ ކަމެކެވެ.