ޚަބަރު

ޔަމަނުގެ ޖަލަކަށް ދިން ވައިގެ ޙަމަލާތަކެއްގައި 100އަށްވުރެ ގިނަ މީހުން މަރުވެއްޖެ


ޔަމަނުގައި އެ ޤައުމުގެ ސަރުކާރަށް ވާގިދޭ އަސްކަރީ ފައުޖުތަކާ އެއްސަފެއްގައި އިދިކޮޅު ހޫޘީ ހަނގުރާމަވެރިންނާ ދެކޮޅަށް ހަމަލާތައް ދެމުންދާ ސަރަޙައްދީ އަސްކަރީ އިއްތިޙާދުން ޔަމަނުގެ ޖަލަކަށް ދިން ވައިގެ ޙަމަލާތަކެއްގައި 100އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

ޔަމަނުގެ ހުޅަނގު ދެކުނުގައި ހުންނަ މި ޖަލަށް ދިން ޙަމަލާއަށްފަހު އެތަން ބެލުމަށް ޔަމަނުގައި ޙަރަކާތްތެރިވާ ރެޑްކްރޮސް ޖަމާޢަތުގެ ވަފުދެއްވަނީ އެ ސަރަޙައްދަށް ޒިޔާރަތްކޮށްފައިކަމަށާ މި ޙަމަލާތަކުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވެފައިވާކަމަށްވެސް އެ ޖަމާޢަތުންވަނީ ބުނެފައެވެ. އެ ޖަމާޢަތުގެ ތަރުޖަމާނު ވިދާޅުވީ މި ޙަމަލާގައި ޖަލުގައި ހުރި ތިން އިމާރާތަކަށް ގެއްލުން ލިބިފައިވާކަމަށާ މި ޙަމަލާތަކުގައި ޖަލުގައި ހައްޔަރުކޮށްފައި ތިބި ގިނަބަޔަކު މަރުވެފައިވާކަމަށެވެ.

އިދިކޮޅު ހޫޘީ ޖަމާޢަތުން ބުނެފައިވަނީ މިހާތަނަށް އެ ޖަލުހުރި ސަރަޙައްދުން 68 މީހުންގެ ހަށިތައް ނަގާފައިވާކަމަށާ މި ޖަލުގައި 770 ޤައިދީން ހައްޔަރުކޮށްފައިތިބިކަމަށެވެ. މީގެ އިތުރުން، ޔަމަނުގައި ހުންނަ އދގެ މިޝަނުން ބުނެފައިވަނީ މި ޙަމަލާގައި ޖަލުގައި ތިބި 52 ޤައިދީން މަރުވެފައިވާކަމަށާ އިތުރު68 މީހުން ވީނުވީތަނެއް ނޭނގި ގެއްލިފައިވާކަމަށެވެ.

ޔަމަނުގައި އިދިކޮޅު ހަނގުރާމަވެރިންނާ ހަނގުރާމަ ކުރަމުންދާ ސަރަޙައްދީ އިއްތިޙާދުން ބުނެފައިވަނީ އެ އިއްތިޙާދުން މި ޙަމަލާތައް އަމާޒުކޮށްފައިވަނީ އިދިކޮޅު ހޫޘީ ޖަމާޢަތުން އެ ސަރަޙައްދުގައި ހަތިޔާރު ރައްކާކޮށްގެން ގެންގުޅޭ ގުދަންތަކަށްކަމަށާ އެތަނުގައި ހޫޘީ ޖަމާޢަތުން ޑްރޯންފަދަ ހަތިޔާރުވެސް ފޮރުވާފައި ހުރިކަމަށެވެ. ސަރަޙައްދީ އިއްތިޙާދުން ބުނެފައިވަނީ މި ޙަމަލާތައް ދީފައިވާނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ އުސޫލުތަކާ އެއްގޮތަށްކަމަށެވެ.