ފަލަސްޠީނުގެ ރެފިއުޖީންނާބެހޭ އދގެ އިދާރާ، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވަރކްސް އެޖެންސީ (އުންރާ)އަށް މިހާރު ކުރިމަތިވެފައިވާ މާލީ މައްސަލަތަކުން އަރައިގަތުމަށްކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާތައް ކުރުމަށް ޢަރަބި ޤައުމުތަކުން މިފެށޭ ހަފުތާގައި މިސްރުގެ ވެރިރަށް ޤާހިރާގައި ބައްދަލުކުރާނެކަމަށް ފަލަސްޠީނުން ބުނެފިއެވެ.
އުންރާއިން ފަލަސްޠީނުގެ ފަސް މިލިއަން ރެފިއުޖީންނަށް ބޭނުންވާ ޒަރޫރީ އެހީތައް ފޯރުކޮށްދެމުންދެއެވެ. އެހެންނަމަވެސް އެ ޖަމާޢަތަށް މިއަހަރު މާލީ އެހީތައް ލިބެމުންދާ މިންވަރު މަދުވުމުގެ ސަބަބުން އެ އިދާރާ ހިންގަން އުނދަގޫވެފައިވާކަމަށް އުންރާއިންވަނީ ބުނެފައެވެ. މިގޮތުން، މިދިޔަ ހަފުތާގައި އުންރާގެ ވެރިޔާ ޕިޔަރ ކްރެހެންބުލް ވިދާޅުވީ އެ އިދާރާއިން ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާއާއި އިރުމަތީ ޤުދުސްގެ އިތުރުން އުރުދުންއާއި ސޫރިޔާ އަދި ލުބުނާނުގައި ތިބި ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީވުމަށް 2019ވަނަ އަހަރަށް 1.2 ބިލިއަން ޑޮލަރުގެ ބަޖެޓެއް ކަނޑައަޅާފައިވާނެކަމަށެވެ. އަދި އޭގެ ތެރެއިން 150 މިލިއަން ޑޮލަރު އަދިވެސް އެ އިދާރާއަށް ނުލިބޭކަމަށާއި އެ ފައިސާއާ ނުލާ މިއަހަރު ނިމެންދެން އެ އިދާރާ ނުހިންގޭނެކަމަށްވެސް ކްރެހެންބުލް ވިދާޅުވިއެވެ.
ފަލަސްޠީނުގެ މިނިވަންކަމާބެހޭ ޖަމާޢަތް ފަލަސްތީން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ)ގެ ރެފިއުޖީންނާބެހޭ ޑިޕާޓްމަންޓްގެ އިސްވެރިޔާ އަހްމަދު އަބޫ ހޯލީ ވިދާޅުވީ ޤާހިރާގައި ބާއްވާ ބައްދަލުވުމުގައި ފަލަސްޠީނުގެ ރެފިއުޖީން އުޅެމުންދާ ޢަރަބި ޤައުމުތަކުގެ އިތުރުން ޢަރަބި ލީގުގެ އިސް އޮފިޝަލުންވެސް ބައިވެރިވާނެކަމަށެވެ. އަދި މި ބައްދަލުވުމުގައި އެ އިދާރާއަށް ދިމާވެފައިވާ މާލީ މައްސަލަތަކުގެ އިތުރުން އެ އިދާރާގެ މެންޑޭޓް ކުރިއަށްއޮތް 3 އަހަރަށް އިތުރުކުރުމާ ގުޅޭގޮތުންވެސް ޤައުމުތަކުން މަޝްވަރާކުރާނެކަމަށްވެސް ހޯލީ ވިދާޅުވިއެވެ.
މީގެ އިތުރުން، އދގެ އިދާރާއިން ޤަވައިދާ ޚިލާފު މުޢާމަލާތްތަކެއް ކޮށްފައިވާ ކަމަށް ބުނެ، ކުރާ ތުޙުމަތުތަކާ ގުޅޭގުތުން ޢަރަބި ޤައުމުތަކުން ފުޅާދާއިރާއެއްގައި މަޝްވަރާތައްކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. މިމޭރުމުން އޭނާ ވާހަކަދައްކަވާފައިވާއިރު، އުންރާގެ މަސައްކަތްތެރިން އދގެ ޤަނޫނުތަކާ ޚިލާފަށް ޢަމަލުކޮށްފައިވާކަމަށް ބުނެ އދގެ ޚާއްސަ ތަހުޤީޤެއް މިހާރު ކުރިޔަށްއެބަދެއެވެ. މި ތަޙުޤީޤު ކުރިއަށްދާތީ ސުވިޓްޒަލޭންޑް، ނެދަރލޭންޑްސް އަދި ބެލްޖިއަމްއިން އެ އިދާރާއަށް ދޭ މާލީ އެހީތައް ވަގުތީގޮތުން ހުއްޓާލާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.