ތިމާވެށި

ތިމާވެށި ހިމާޔަތްކުރުމަށް ޤާނޫނާއިއެކު ފަރުދީ ޒިންމާވެސް ބޭނުންވޭ

ތިމާވެށީގެ ގާނޫނަކަށް ދިވެހި ރާއްޖެއިން އަމަލުކުރަން ފަށާފައިވަނީ 1993 ވަނަ އަހަރުގެ އެޕްރީލް މަސްތެރޭގައެވެ. މީގެ ކުރިން ތިމާވެށި ހިމާޔަތްކުރުމަށް ވަނީ އެކިކަހަލަ އިއުލާންތައް ކޮށްފައެވެ.ދިވެހިރާއްޖެގެ ތިމާވެއްޓަކީ ނާޒަކު، ތިމާވެއްޓަށް ކަން ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއް ގައި އުޅޭ މީހުން ވެސް ގަބޫލު ކުރާނެއެވެ. އަދި އެގޮތުން ދިވެހިރާއްޖެގެ ތިމާވެށީގައި ހިމެނޭ ރާއްޖޭގެ ފަސްގަނޑާއި ފެނާއި ގަސްގަހާއި ގެއްސާއި ގޮނޑުދޮށްތަކާއި ފަޅުފަޅާއި ފަރުފަރުފަރާއި މޫދު ދިވެހިން މިހާރު ބޭނުންކުރަމުންދާ ފަދައިން، އަންނަން އޮތް ޖީލުތަކަށް ހެޔޮގޮތުގައި ދަމަހައްޓައިދޭންޖެހޭ ކަމަށް ވެސް ގަބޫލު ކުރެއެވެ.ރާއްޖޭގެ ތިމާވެށީގެ ނާޒުކު ކަމާއި، ރީތި ކަމަކީ ހާއްސަ ކަމެއްގެ ގޮތުގައި ގަބޫލު ކުރެވިފައި އޮތް ނަމަވެސް، ޤުދުރަތީ ވަސީލަތްތައް ބޭނުންކުރެވެމުން ދިޔައީ އެންމެ އެކަށީގެންވާ ގޮތަކަށް ނޫނެވެ. މީގެ އެއް ސަބަބެއް ކަމަށް ބެލެވެނީ މިކަންކަން ބެލެހެއްޓުމަށް ޓަކައި، ވަކި މިންގަނޑުތަކެއް ނެތުމެވެ. އަދި ޤާނޫނީ އިމުގެ ތެރޭގައި ތިމާވެށީގެ ކަންކަން ބެލެހެއްޓުމަށް ވަކި އުސޫލެއް ނެތުމެވެ.ޒަމާނުއްސުރެ ދިވެހިންގެ އާދަކާދައިގެ ތެރޭގައި ފަރު ފަރުން ގާ ނުގެމާއި، ގޮނޑުދޮށްތަކުން ވެލި ނަގަމުންދެއެވެ. މީގެ ސަބަބުން ގިނަ އަދަދެއްގެ ރަށްތަކަކީ މިހާރު ރަށްގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ ރަށްތަކަކަށް ވަނީ ވެފައެވެ. މިކަމަށް އޭރު އެޅި ފިޔަވަޅަކަށް ވެގެން ދިޔައީ އޭރު ސަރުކާރުން ކުރެއްވި އިޢުލާނަކާ ގުޅިގެން ސަރުކާރު އިމާރާތްތައް ބިނާ ކުރުމަށް ގާނެގުމުގެ ބަދަލުގައި ގައު އަޅަން ކުރި އިޢުލާނެވެ. އޭރު އެއްވެސް އުސޫލެއް ނެތި، މޫދުން ނަގަމުން އައި ގާހަކާއާއި، ހުއިފިލަނޑާ މަދުވެގެން ދިޔުމާ ގުޅިގެން އެކަން ބެލެހެއްޓުމަށްޓަކައި ވެސް ކުރެވުނީ އާއްމު އިޢުލާނެކެވެ. ހަރުދަނާ އުސޫލެއްގެ ދަށުން ތިމާވެށި ހިމާޔަތްކުރުމަށް ފިޔަވަޅުތައް އެޅޭނީ ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަން ގަބޫލު ކުރެވިގެން ދިޔައެވެ.ތިމާވެށީގެ ޤާނޫނީ އިމުގެ ތެރެއިން ތާރީޚަށް ބަލާއިރު، 1933 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އެއިރުގެ ރަދުން އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު ތަސްދީޤުކުރެއްވި ފުރަބަންޑާރާ ލަކުޑި ވިއްކުމާއިބެހޭ ޤާނޫނަކީ ތިމާވެށީގެ ޤާނޫނީ އޮނިގަނޑެއް ގާއިމްކުރުމަށް އެޅިގެން ދިޔަ ބިންގަލެކެވެ. އެޤާނޫނުގެ ދަށުން ރާއްޖޭގެ ސަރަހައްދުން ކޮންމެ ރުކެއް ކެނޑޭނީ އެރުކެއްގެ ވެރިއަކު 4 ރުއް އިންދުމަށްފަހު އެރަށެއްގެ ކަތީބަކަށް ނުވަތަ މުދިމަކަށް ދެއްކުމަށްފަހު ކަމުގައި ރަދުން އަމުރުވަނީ ނެރުއްވާފައެވެ.މިގޮތުން ތިމާވެށީގެ ކަންކަން ބެލެހެއްޓުމަށްޓަކައި 1993 ވަނަ އަހަރު ތަސްދީޤް ކުރެވުނު ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ސިޔާސަތުތައް ކަނޑައަޅުމަށް އެކުލަވާލެވުނު ވަރަށް ފުރިހަމަ ޤާނޫނެކެވެ. މިޤާނޫނުގެ ދަށުން ޤުދުރަތީ ގޮތުން ރައްކާތެރިކުރުމަށް މުހިއްމު ތަންތަނާއި ތަކެތި ހިމާޔަތްކުރުމުގެ ބާރު ލިބިގެން ދިޔައެވެ.މީގެ އިތުރުން މިޤާނޫނުގެ ދަށުން ރާއްޖޭގެ ތިމާވެއްޓަށް ފާހަގަކުރެވޭފަދަ ބަދަލެއް އަތުވެދާނެ އެއްވެސް މަޝްރޫޢެއް ހިންގުމުގެ ކުރިން އެކަމަކުން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރެއް ބަޔާންކުރާ ރިޕޯޓު ހެދުމަށް ލާޒިމް ކުރެއެވެ. އަދި ހަމަ އެހެންމެ ހިންގަމުންދާ މަޝްރޫޢެއްގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ނޭދެވޭ އަސަރެއް ކުރާނަމަ އެ މަޝްރޫޢެއްހުއްޓުމުގެ ބާރުވެސް މިޤާނޫނުގެ ތެރެއިން ލިބިދެއެވެ.ރާއްޖޭގެ ތިމާވެއްޓަށް ގެއްލުން ލިބޭފަދަ ގޮތަކަށް ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ތަނަކަށް ކުނި، ތެޔޮ އަދި ވިހަ ގޭސް ފަދަ އެއްޗެއް އުކާލުން ނުވަތަ އެޅުންވެސް މިޤާނޫންގެ ތެރެއިން މަނާކޮށްފައިވެއެވެ. މިފަދަ ކަންކަން ކުރާ ފަރާތްތައް ޖޫރުމަނާ ކުރުމުގެ ބާރު ތިމާވެށީގެ ގާނޫންގެތެރެއިން ލިބިގެންގޮސްފައިވާއިރު ޖޫރިމަނާ ކުރެވޭނެ ގަވާއިދެއްވެސް މިޤާނޫނުގެ ދަށުން އެކުލަވާލެވިފައިވެއެވެ. މީގެ އިތުރުން ކުނި މެނޭޖްކުރުމާއި ބެހޭ ގަވާއިދާއި، ތިމާވެއްޓާ ގުޅުން ހުރި އެކި ދާއިރާތަކާ ގުޅޭ ގަވާއިދުތައް މިހާރު ދަނީ އަމަލުކުރަމުންނެވެ.ޤާނޫނީ އޮނިގަނޑަށް މިއައި ކުރި އެރުމަކީ ޤުދްރަތީ ތިމާވެށްޓާއި، ދިރޭތަކެތީގެ މުއްސަނދިކަމާއި، ޤުދްރަތީ ވަސީލަތްތަކާއި ރީތިކަން، މިހާރުގެ ޖީލުތަކާއި އަންނާން އޮތް ޖީލުތަކުގެ މަންފާއަށްޓަކައި ރައްކާތެރިކޮށް ދެމެހެއްޓުމަށްކައި އެޅިގެން ދިޔަ އެންމެ މުހިއްމު އަދި ހެޔޮ ބަދަލެވެ.