ޚަބަރު

ސްރީލަންކާގެ ހޮސްޕިޓަލުތަކުން ދިވެހިންނަށް އޯގަން ޓްރާސްޕްލާންޓްގެ ޚިދުމަށް ލިބޭނެ އިންތިޒާމުވަނީ ހަމަޖެހިފަ - ރައީސް


ސްރީލަންކާގެ ހޮސްޕިޓަލުތަކުން ދިވެހިންނަށް އޯގަން ޓްރާސްޕްލާންޓް ހެދުމުގެ ޚިދުމަށް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި ސްރީލަންކާއާ ދެމެދު މިއަދު ވެވުނު އެއްބަސްވުންތަކަށްފަހު ދެޤައުމުގެ އިސްވެރިން ދެއްވި ޖޮއިންޓް ސްޓޭޓްމަންޓުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވީ، ސިއްޙީ ދާއިރާއިން އެއްބާރުލުންދިނުމާ ގުޅޭގޮތުން މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ސްރީލަންކާގެ ހޮސްޕިޓަލުތަކުން ދިވެހިންނަށް އޯގަން ޓްރާސްޕްލާންޓްގެ ޙިދުމަށް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.

ސްރީލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން އެކި ކަންކަމުގައި ދަތުރުކުރާ އަދި ގިނަ ދިވެހިންތަކެއް ދިރިއުޅޭ ޤައުމެއްކަމުން މި އެއްބަސްވުމާއެކު ސިއްޙީ ފަރުވާ ހޯދުމަށް ލަންކާއަށް ދާ ދިވެހިންނަށް އިތުރު ފަސޭހައެއް ލިބިގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ރައީސުލް ޖުމްހޫރިއްޔާ ވަނީ ތައުލީމީ ދާއިރާއިންނާއި، ސިއްޙީ ދާއިރާއާއި، ކުޅިވަރުގެ ދާއިރާއިން ގުޅުންބަދަހި ކުރުމަށް ވެވުނު އެއްބަސްވުންތަކުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ދެޤައުމުގެ ދެމެދު ބޭއްވުނު ރަސްމީ ވާހަކަތަކުގައި ޓެރަރިޒަމާއި ދެކޮޅަށް ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމާއި ބައިނަލްއަޤްވާމީ މައިދާނުގައިވެސް އެކަމާ ދެކޮޅަށް މަސައްކަތްކުރުމަށް މަޝްވަރާ ކުރެވުނުކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ވަނީ މި ސަރަހައްދުގެ ތަރައްޤީއާއި ހަމަޖެހުމާއި ރައްކާތެރިކަން ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން ކޮންފަރެންސްގައި މި ކަންކަމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރެވިގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

ޖޮއިންޓް ސްޓޭޓްމަންޓްގައި ވާހަކަފުޅު ދައްކަވަމުން ސްރީލަންކާގެ ބޮޑު ވަޒީރު ރަނިލްވިކްރަމް ސިންހަ ވަނީ ރާއްޖެއާއި ލަންކާގެ އެކުވެރި ގުޅުން ފާހަގަކުރައްވާ، މިއަދު އެއްބަސްވުންތަކުގައި ސޮއިކުރެވުނު ދާއިރާތަކުގެ އިތުރުން އެހެނިހެން ދާއިރާތަކުންވެސް ކުރިއަށްއޮތްތަކުގައި ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރައްވާނެކަން ފާހަގަކުރައްވާފައެވެ.

ބޮޑުވަޒީރު ރަނިލް ވަނީ އިންސާނީ ވަސީލަތްތަކާއި، ތަމްރީން ތަކަކީ ދެޤައުމަށްވެސް ނުހަނު ބޭނުންވެފައިވާ ކަންތައްތަކެކަން ފާހަގަކުރައްވައި، ދެޤައުމަކީވެސް އެއްކަހަލަ ގޮތަކަށް ދިރިއުޅުމުގެ ކަންކަން ހަމަޖެހިފައިވާ ދެޤައުމުގެ ގޮތުގައި ފާހަގަކުރައްވާފައެވެ. މީގެއިތުރުން މި ސަރަހައްދުގައި ހަމަޖެހުމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ގުޅިގެން މަސައްކަތްކުރުމަކީ މުހިންމު ކަމެއްކަންވެސް ބޮޑުވަޒީރު ރަނިލް ވަނީ ފާހަގަކުރައްވާފައެވެ.