ޚަބަރު

ފުލުހުންގެ ވީވީއައިޕީ މޮޓޯކޭޑްގައި ފުރަތަމަ ފަހަރަށް އަންހެން ފުލުހެއް


ފުލުހުންގެ ވީވީއައިޕީ މޮޓޯކޭޑްގައި ފުރަތަމަފަހަރަށް އަންހެން ފުލުހަކު ބައިވެރިވެއްޖެއެވެ.

އަންހެނުން ބާރުވެރިކޮށް، މަސައްކަތުގެ ރޮނގުގައިހަމަހަމަ ފުރުޞަތުތަކެއް ފަހިކޮށްދިނުމަކީ ގިނަ މުޢައްސަސާތަކުން އިސްކަންދޭން ފަށާފައިވާ މުހިންމު ކަމެކެވެ. އެގޮތުން ފުލުންހުންގެ މަސައްކަތުގެ ތެރެއިން މިއަދު ފެނިގެން ގޮސްފައިވަނީ މިފަދަ މަންޒަރެކެވެ. އެންމެ މަތީ ފަންތީގެ ބޭފުޅުން އެއްތަނުން އަނެއްތަކަށް ދަތުރުކުރާ "ވީވީއައިޕީ މޮޓޯކޭޑް"ގައި ފުތަމަ ފަހަރަށް އަންހެނެއްގެ ބައިވެރިވުންވަނީ ފެނިގެން ގޮސްފައެވެ.

ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕްރަޓްމަންޓްގައި މަސައްކަތްކުރައްވާ ޕޮލިސް ލާނސް ކޯޕްރަލް އަލީނާ މޫސާ އަކީ ފުރަތަމަ ފަހަރަށް ވީވީއައިޕީ މޮޓޯކޭޑްގެ، އިސް ސަފުގައި ލީޑްކޮށްދެއްވި ފުރަތަމަ އަންހެން ފުލުހެވެ.

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަގެ ދަތުރުފުޅުގައި ބޭނުންކުރެއްވި މޮޓޯކޭޑް ލީޑްކޮށްދެއްވި 3 ފުލުހުންގެ ތެރޭގައި އަލީނާ ހިމެނެއެވެ. މި ފުރުޞަތަކީ ފުލުހުންގެ ޓްރެފިކް މެނޭޭޖްމަންޓް ޑިޕަރޓްމަންޓުން ފަހިކޮށްދެއްވި ފުރުޞަތެކެވެ.

އަންހެން ފުލުހުންނަކީ ހަމަހަމަ ފުރުޞަތު ލިބޭ ބަޔަކަށް ހެދުމަށް ފުލުހުންގެ އިދާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޚާއްސަކޮށް ފުލުހުން ޢަމަލުކުރަން ފަށާފައިވާ ސްޓްރެޓީޖިކް ޕްލޭންގެ ދަށުން އަންހެހުންނަކީ ފުލުހުންގެ މަސައްކަތްތަކުގައި ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދެވިފައިވާ ބަޔަކަށް ހެދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިޔާ ވިދާޅުވީ ފުލުހުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އަންހެނުންނަކީ ކުރީ ސަފުގައި މަސައްކަތްކުރާ ބަޔަކަށް ހެދުމަށްކަމަށެވެ. އަދި އަންހެނަކަށްވީތީ ފުލުހުންގެ ވަޒީފާގައި ކުރިއެރުން ހޯދުމަށް އެއްވެސް ދަތިކަމެއް ނޯންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ފުލުހުންގެ ތަމްރީންތަކުގައި އަންހެނުން ބައިވެރިކޮށް ފުރުޞަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރަމުންދާކަމަށްވެސް އިޒްމިޔާ ވިދާޅުވިއެވެ. އިޒްމިޔާ ވިދާޅުވީ ޚާއްސަކޮށް ރަށްރަށުގައި ހުރި ސްޓޭޝަންތަކުގައި އަންހެން ފުލުހުން އިތުރުކުރުމަކީ ޢަމާޒެއްކަމަށެވެ. އަދި ޤަވާއިދުތައް ހަދާއިރުވެސް އަންހެނުންނަށް ދަތިނުވާނެގޮތަށް ބަލައިގެން ޤަވައިދު ހެދުމާއި، އަދި އަންހެނުންނަށް ދިމާވާ ޚާއްޞަ ޙާލަތްތަކުގައި ދޭންޖެހޭ ލުއިފަސޭހަތަށް ވީހާވެސް ބޮޑަށް ދިނުމަށް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރަމުންދާކަމަށް އިޒްމިޔާ ވިދާޅުވިއެވެ.

ފުލުހުންގެ ވަޒީފާ އަދާކުރާ މީހުންގެ 9.1 އިންސައްތައަކީ އަންހެނުންނެވެ. އަދި ފުލުހުންގެ އިސް މަޤާމުތަކުގައިވެސް އަންހެނުންދަނީ ޙިއްސާވަމުންނެވެ.