ޚަބަރު

ސްރީލަންކާގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ރަސްމީ ގޮތުން މަރުހަބާ ދަންނަވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ސްރީލަންކާގެ ބޮޑު ވަޒީރު ރަނިލްވިކްރަމް ސިންހަގެ ދެކަނބަލުންނަށް ރަސްމީ ގޮތުން މަރުޙަބާ ދަންނަވައިފިއެވެ.

ރަސްމީ ފާލަމުން ސްރީލަންކާގެ ބޮޑުވަޒީރުގެ ދެކަނބަލުންނަށް ރަސްމީ ގޮތުން މަރުހަބާ ދަންނަވާފައިވަނީ ރައީސުލްޖުމްހޫރިޔާ އިބްރާހިމް މުހައްމަދު ޞާލިޙާއިމި އެމަނިކުފާނުގެ އަނބިކަބަލުން ފަޒްނާ އަޙްމަދެވެ.

ބޮޑުވަޒީރު ރަނިލް ވިކްރަމް ސިންހަގެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވުމަށް ޖުމްހޫރީ މައިދާނުގައި އޮތް ޙާއްސަ ރަސްމިއްޔާތުގައި ވަނީ އެ ދެކަނބަލުންގެ ޝަރަފްގައި 7 ބަޑީގެ ސަލާމެއްވެސް އަރުވާފައެވެ. އަދި ބޮޑުވަޒީރު ރަނިލްއަށް ޙާއްސަކުރެވުނު ގާޑްއޮފް އޮނަރ އިންސްޕެކްޓް ކޮށްދެއްވައި، އެސަރަހައްދުގައި ކުރިއަށްދިޔަ މަރުހަބާގެ ހަރަކާތްތައް އެމަނިކުފާނު ވަނީ ބައްލަވާލައްވާފައެވެ. ރަސްމީ މަރުހަބާއަށްފަހު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް ސްރީލަންކާގެ ބޮޑު ވަޒީރު ދެކަނބަލުން ވަޑައިގެންފައިވަނީ ހަތްކޮޅުގައެވެ.

ބޮޑު ވަޒީރު ރަނިލްވިކްރަމް ސިންހަ ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ސަރުކާރުގެ ފަރާތުން މަރުޙަބާ ދެންނެވީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި، ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބައެއް ވަޒީރުންނެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަށް ލަންކާގެ ބޮޑު ވަޒީރު ރަނިލްވިކްރަމް ސިންހަ ކުރައްވާ މި ދަތުރުފުޅަކީ، އެމަނިކުފާނު ބޮޑު ވަޒީރުކަމުގެ ތިންވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރައްވާ ފުރަތަަމަ ދަތުރުފުޅެވެ.

ސްރީލަންކާގެ ބޮޑުވަޒީރުގެ މިދަތުރުފުޅުގައި ރާއްޖެއާ ލަންކާއާ ދެމެދު ރަސްމީ ވާހަކަތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ. މި ވާހަކަތަކުގެ ތެރޭގައި ދެޤައުމުގެ ދޭދޭގުޅުންތައް އިތުރަށް ބަދަހިކުރުމުގެ އިތުރުން ތަރައްޤީގެ ރޮނގުން ދެޤައުމު ގުޅިގެން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރުން ހިމެނެއެވެ. ލަންކާގެ ބޮޑުވަޒީރުގެ މިދަތުރުފުޅުގައި ރާއްޖެއާ ލަންކާއާ ދެމެދު އެކިދާއިރާތަކުން އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ސްރީލަންކާއަށް ދަތުރުކުރާ ދިވެހިންނަށް އޮންއެރައިވަލް ވިސާ ތިން މަސްދުވަހުގެ މުއްދަތަށް އިތުރުކޮށްދިނުމަށް އެ ޤައުމުގެ ކެބިނެޓުން ނިންމައިފައިވާއިރު، ބޮޑު ވަޒީރު ރަނިލް ވިކްރަމް ސިންހަގެ މިދަތުރުފުގައި މިކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށް މީޑިއާ ރިޕޯޓްތަށް ބުނެއެވެ.

ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަގޮތްތަށް ފަހިކޮށްދިނުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީއިން ކުރައްވާ މަސައްކަތުގެ ދަށުން ޤާއިމުކުރާ މި އެއްބަސްވުމުގެ ސަބަބުން، ލަންކާއަށް ތަޢުލީމު ޙާސިލުކުރުމާއި، ސިއްޙީ އެކި ބޭނުމަށް ދަތުރުކުރާ ދިވެހިންނަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެއެވެ. މީގެ އިތުރުން ޒުވާނުން ކުރިއެރުވުމަށާއި އިޖުތިމާޢީ ރައްކާތެރިކަމުގެ ދާއިރާއިން އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ނިންމާފައިވާކަމަށް ފޮރިން މިނިސްޓްރީއިން މަޢުލޫމާތުދެއްވައެވެ.

ލަންކާގެ ބޮޑު ވަޒީރު ރަނިލްވިކްރަމް ސިންހަގެ މިދަތުރުފުޅުގައި، ހަތަރުވަނަ އިންޑިއަން އޯޝަން ކޮންފަރެންސް ޗެއަރ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިންޑިއަން އޯޝަން ކޮންފަރެންސް، އައިއޯސީގެ ހަތަރުވަނަ ބައްދަލުވުން ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ އަންގާރަ ދުވަހު ޕެރެޑައިސް އައިލެންޑް ރިސޯޓުގައެވެ. މީގެ އިތުރުން އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެމަނިކުފާނުގެ މިދަތުރުފުޅު ނިންމާލެއްވުމަށްފަހު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ބުދަދުވަހުއެވެ.