ޚަބަރު

ސްރީލަންކާގެ ބޮޑު ވަޒީރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި


ސްރީލަންކާގެ ބޮޑު ވަޒީރު ރަނިލްވިކްރަމް ސިންހަ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ބޮޑު ވަޒީރު ރަނިލްވިކްރަމް ސިންހައަށް މަރުޙަބާ ދެންނެވީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި، ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބައެއް ވަޒީރުންނެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަށް ލަންކާގެ ބޮޑު ވަޒީރު ރަނިލްވިކްރަމް ސިންހަ ކުރައްވާ މި ދަތުރުފުޅަކީ، އެމަނިކުފާނު ބޮޑު ވަޒީރުކަމުގެ ތިންވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރައްވާ ފުރަތަަމަ ދަތުރުފުޅެވެ.

އެހެންނަމަވެސް، އެމަނިކުފާނު މީގެ ކުރިން ބޮޑު ވަޒީރުކަން ކުރެއްވި ދައުރުތަކަގައާއި، އެހެނިހެން މަޤާމުތަކުގައި ހުންނެވިއިރުވެސް އެމަނިކުފާނު ވަނީ ރާއްޖެއަށް ފުރަމާނަ ދަތުރުފުޅުތަކެެއް ކުރައްވާފައެވެ. ރަނިލް އާއި އެކު މިދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން ޕްރޮފެސަރ މައިތިރީ ވިކްރަމް ސިންހަގެ އިތރުން ސަރުކާރުގެ އިސްވެރިންނާއި ކެބިނެޓްގެ ވަޒީރުން ބައިވެރިވެވަޑައިގަންނަވައެވެ.

ސްރިލަންކާގެ ބޮޑު ވަޒީރު ރަނިލްވިކްރަމް ސިންހައަށް ރަސްމީކޮށް މަރުހަބާދަންނަވާނީ، ޖުމްހޫރީ މައިދާނުގައި ބާއްވާ ޙާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ.

ސްރީލަންކާގެ ބޮޑުވަޒީރުގެ މިދަތުރުފުޅުގައި ރާއްޖެއާ ލަންކާއާ ދެމެދު ރަސްމީ ވާހަކަތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ. މި ވާހަކަތަކުގެ ތެރޭގައި ދެޤައުމުގެ ދޭދޭގުޅުންތައް އިތުރަށް ބަދަހިކުރުމުގެ އިތުރުން ތަރައްޤީގެ ރޮނގުން ދެޤައުމު ގުޅިގެން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރުން ހިމެނެއެވެ. ލަންކާގެ ބޮޑުވަޒީރުގެ މިދަތުރުފުޅުގައި ރާއްޖެއާ ލަންކާއާ ދެމެދު އެކިދާއިރާތަކުން އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ސްރީލަންކާއަށް ދަތުރުކުރާ ދިވެހިންނަށް އޮންއެރައިވަލް ވިސާ ތިން މަސްދުވަހުގެ މުއްދަތަށް އިތުރުކޮށްދިނުމަށް އެ ޤައުމުގެ ކެބިނެޓުން ނިންމައިފައިވާއިރު، ބޮޑު ވަޒީރު ރަނިލް ވިކްރަމް ސިންހަގެ މިދަތުރުފުގައި މިކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށް މީޑިއާ ރިޕޯޓްތަށް ބުނެއެވެ.

ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަގޮތްތަށް ފަހިކޮށްދިނުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީއިން ކުރައްވާ މަސައްކަތުގެ ދަށުން ޤާއިމުކުރާ މި އެއްބަސްވުމުގެ ސަބަބުން، ލަންކާއަށް ތަޢުލީމު ޙާސިލުކުރުމާއި، ސިއްޙީ އެކި ބޭނުމަށް ދަތުރުކުރާ ދިވެހިންނަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެއެވެ. މީގެ އިތުރުން ޒުވާނުން ކުރިއެރުވުމަށާއި އިޖުތިމާޢީ ރައްކާތެރިކަމުގެ ދާއިރާއިން އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ނިންމާފައިވާކަމަށް ފޮރިން މިނިސްޓްރީއިން މަޢުލޫމާތުދެއްވައެވެ.

ލަންކާގެ ބޮޑު ވަޒީރު ރަނިލްވިކްރަމް ސިންހަގެ މިދަތުރުފުޅުގައި، ހަތަރުވަނަ އިންޑިއަން އޯޝަން ކޮންފަރެންސް ޗެއަރ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިންޑިއަން އޯޝަން ކޮންފަރެންސް، އައިއޯސީގެ ހަތަރުވަނަ ބައްދަލުވުން ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ އަންގާރަ ދުވަހު ޕެރެޑައިސް އައިލެންޑް ރިސޯޓުގައެވެ. މީގެ އިތުރުން އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެމަނިކުފާނުގެ މިދަތުރުފުޅު ނިންމާލެއްވުމަށްފަހު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ބުދަދުވަހުއެވެ.