ސިޔާސީ

ހެޔޮ ވެރިކަން ހިންގުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ސަމިޓުން ނެރެވޭނެ - ރައީސް ނަޝީދު


މިހާރު ކުރިއަށްދާ ސަރަޙައްދީ ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ ވެރިންގެ ސަމިޓުން ނެރެވޭނެ އެންމެ މުހިންމު ނަތީޖާއަކީ ހެޔޮގޮތުގައި ވެރިކަން ހިންގުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑުތައް ދެނެގަނެވި އެ ޤާނޫނުތައް މަޖިލިސްތަކުން ފާސްވުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގައި މިހާރު ކުރިއަށްދާ ހަތަރު ވަނަ ސްޕީކާސް ސަމިޓުގެ ބައިވެރިންނަށް ދެއްވާ ޖާފަތަށް ބަނޑޮސް މޯލްޑިވްސްއަށް ފުރާވަޑައިގަތުމުގެ ކުރިން މީޑިއާއާއި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގައިވެސް ޤާނޫނު ހަދާ މަޖިލީހަށް ހުށައަޅާ ބިލްތަކާއި، މައްސަލަތައް ބިނާވެފައި އޮތުން މުހިންމީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލުވެވޭނެ އަމާޒަށްކަމަށެވެ. އެހެންކަމުން މިހާރުކުރިއަށްދާ ސަމިޓުން، މި ސަރަޙައްދުގެ ޤައުމުތަކުގެ ސަރުކާރުތަކާއި ސިޔާސަތުތައް ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ޢަމަލުކުރާނެގޮތުގެ މަޝްވަރާތައް ކުރިއަށްދާކަމަށާއި، އެކަމުގެ ސަބަބުން އެއްޤައުމުން އަނެއްޤައުމުގައި އެ ލަނޑުދަނޑިތަކަށް ވާސިލްވުމަށް ކުރާ މަސައްކަތްތައް ދެނެގަނެވި އެކަމުގެ ފައިދާ ހުރިހާ ޤައުމަކަށްވެސް ކުރާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"މިސާލަކަށް ބަޖެޓް އެކުލަވާލާއިރުވެސް މަޖިލީހަށް ބަޖެޓް ހުށައަޅާއިރު އެ ލަނޑުދަނޑިތައް ހާސިލްވާނެގޮތަށް ހުށަހެޅުމަށް ބާރުއެޅޭނެ. އެޖެންޑާ 19 ގެ އަމާޒުތަކަކީވެސް އެ ލަނޑުދަނޑިތައް ހާސިލްކުރުން. އަދި ރައީސް އިބްރާހީމް މުޙައްމަދު ޞަލިޙްގެ ސަރުކާރުގެ ވަޢުދުތަކަކީވެސް ހަމަ އެ އަމާޒުވުން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަކީ 2030 ވަނަ އަހަރާ ހަމައަށް ޤައުމުތަކުން ޙާސިލުކޮށް ނިންމަން އަމާޒުކޮށް، އދ. އިން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކެކެވެ. ރާއްޖޭގައި ކުރިއަށްދާ ހަތަރުވަނަ ސްޕީކާސް ސަމިޓްގައި ސާކް ޤައުމުގެތަކުގެ ޤާނޫނުހަދާ މަޖިލިސްތަކުގެ އެންމެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.