ކުޅިވަރު

ފުވައްމުލައް ބަލިކޮށް ޗެމްޕިއަން ކުނަހަންދޫގެ ފެށުން ރަނގަޅުކޮށްފި


3 ވަނަ ޤައުމީ ޓީ20 އަންހެން ކްރިކެޓް މުބާރާތުގައި ފުވައްމުލައް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ކުނަހަންދޫގެ ފެށުން ރަނގަޅުކޮށްފިއެވެ.

ފުވައްމުލަކު ކްރިކެޓް ދަނޑުގައި ކުޅުނު މި މެޗު ކުނަހަންދޫން ކާމިޔާބުކުރީ 44 ލަނޑުންނެވެ. މި މެޗުގައި ފުރަތަމަ ޓޮސް ދިމާވެގެން ކުނަހަންދޫ ނިންމީ ކުޅެން އަރާށެވެ. އެޓީމު ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި 7 ކުޅުންތެރިން ނުބައިވެގެން އެޓީމު ވަނީ 108 ލަނޑު ހަދާފައެވެ. މި މެޗުގައި ކުނަހަންދޫ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ސުމައްޔާ ބިންތް އަބްދުލް ހަމީދެވެ. އޭނާ ވަނީ މި މެޗުގައި 28 ބޯޅައިން 25 ލަނޑު ހަދާފައެވެ.

ޖަވާބުގައި، ފުވައްމުލަކު ޓީމު ކުޅެން އަރައި 17.2 އޯވަރުގެ ތެރޭގައި 9 ކުޅުންތެރިން ނުބައިވިއިރު އެޓީމަށް ހެދުނީ 84 ލަނޑެވެ. މި މެޗުގައި ފުވައްމުލަކު ޓީމުން އެންމެ ރަނގަޅަށް ކުޅުނީ އައިޝަތު އައިމާއެެވެ. އޭނާ ވަނީ މި މެޗުގައި 27 ބޯޅައިން 14 ލަނޑު ހަދާފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ކުނަހަންދޫ ޓީމުގެ ކޯޗު ލިރުގާމް ސައީދު (ލަރޭ) ބުނީ، މި މެޗުން މޮޅުވުމުން ހިތްހަމަޖެހޭކަމަށާއި، މި މޮޅަކީ މުބާރާތުގައި ކުރިޔަށް އޮތް މެޗުތަކަށް ނުކުންނައިރު ޓީމަށް ލިބޭނެ ހިތްހަމަޖެހުމެއްކަމަށެވެ. ލަރޭ ބުނީ ޓާފް ދަނޑެއްގައި ޕްރެކްޓިސްކޮށް މުބާރާތް ވިނަ ދަނޑެއްގައި ކުޅެން ޖެހޭތީ ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ކުޅުންތެރިންނަށް ދިމާވާކަމަށެވެ. އަދި މިއަހަރަކީ ޓީމުގައި ހިމެނޭ މުހިއްމު ގިނަ ކުޅުންތެރިން އޯލެވެލް ހަދާ އަހަރުކަމަށްވުމުން އެކުދިން މިފަހަރުގެ މުބާރާތަށް ބެލެނިވެރިން ދޫކޮށްފައިނުވާކަމަށް ލިރުގާމް ފާހަގަކުރިއެވެ.

"ޖުމްލަކޮށް ޓީމު މި ދެއްކި ކުޅުން ވަރަށް ރަނގަޅު. މުބާރާތުގައި ކުރިޔަށްއޮތް މެޗުތަކަށް ނުކުންނައިރު ޓީމަށް ލިބެނޭ އެޑްވާންޓޭޖެއް މިއީ މި މެޗުން މޮޅުވެފައި އޮތުން. ދެން އަސްލު އަޅުގަނޑުމެން މުބާރާތައް މިއަންނަނީ ޓާފް ދަނޑެއްގައި ޕްރެކްޓިސްކޮށްފައި. ދެން މުބާރާތް ކުޅެން މި ޖެހެނީ ވިނަ ދަނޑުގައި. އެހެންވީމަ ކޮންމެވެސް ވަރެއްގެ ދަތިކަމެއް ދިމާވޭ ކުޅުންތެރިންނަށް. އަދި މިފަހަރު މުބާރާތައް މިއައީ ޓީމުގައި ހިމެނޭ މުހިއްމު ގިނަ ކުޅުންތެރިންތަކެއް ނުލައި. އެއީ އެކުދިންގެ އޯވެލެވެލް އަހަރުވީމަ ބެލެނިވެރިން ބޭނުންނުވީ ފޮނުވަން. އެކަމުވެސް ކުނަހަންދޫގެ ރައްޔިތުންގެ މެދުގައި ކްރިކެޓަށް އޮންނަ ލޯއްބެއްގެ ސަބަބުން މިހާ ހިސާބަށްވެސް މި އާދެވުނީ". ލިރުގާމް ބުންޏެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ފުވައްމުލަކު ޓީމުގެ އެސިސްޓަންޓް ކޯޗު ޙަސަން މުތީޢު ބުނީ، މި މެޗުގައި ފުވައްމުލަކު ޓީމު ދެއްކި ކުޅުމާއި ދޭތެރޭ ހިތްހަމަޖެހޭކަމަށާއި، މެޗުން މޮޅުވި ކުނަަހަންދޫ ޓީމަށް މަރުޙަބާ ކިޔާކަމަށެވެ. މުތީޢު ބުނީ ފުވައްމުލަކު ޓީމުގައި ރަނގަޅުކުރަން ޖެހޭ ބައެއް ކަންތަައްތައް އެބަހުރިކަމަށާއި، ކުރިޔަށް އޮތް މެޗަށް ނުކުންނާނީ އެކަންތައްތައް ރަނގަޅުކޮށްގެންކަމަށެވެ.

"ދެ ޓީމުވެސް ވަރަށް ރަނގަޅު. ޚާއްސަކޮށް މެޗުން މޮޅުވި ކުނަހަންދޫ ޓީމު ދެއްކި ކުޅުން ފާހަގަކޮށް މަރުޙަބާ ކިިޔަން. ދެން އަޅުގަނޑުމެން ޓީމުގައި އެބަހުރި ކުދިކުދި މައްސަލަތައް. ކުރިިޔަށް ހުރި މެޗުތަކަށް ނުކުންނާނީ އެކަންތައްތައް ރަނގަޅުކޮށްގެން". މުތީޢު ބުންޏެވެ.

މި މުބާރާތުގައި މާދަމާވެސް 2 މެޗެއް ކުޅޭނެއެވެ. އެގޮތުން މާދަމާ ހެނދުނު ކުޅޭ މެޗުގައި ބައްދަލުކުރާނީ މާލެއާއި ފުވައްމުލަކު ޓީމެއެވެ. އަދި މެންދުރު ފަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ވިލިމާލެއާއި ކުނަހަންދޫއެވެ.

މި މުބާރާތުގެ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ކުޅެ އެންމެ ގިނައިން ޕޮއިންޓް ހޯދާ 2 ޓީމެއެވެ.