ވިޔަފާރި

ވަޑާމުގެ މަސައްކަތްތަކަށް ޚާއްސަކޮށްގެން އެސްޓީއޯއިން މުބާރާތެއް ބާއްވަނީ


ވަޑާމުގެ މަސައްކަތުގައި ފަންނުވެރި ދިވެހިން ބިނާކުރުމަށްޓަކައި "މަކިޓާ ހެއްޔާ މުބާރާތް 2019"ގެ ނަމުގައި އެސްޓީއޯއިން ޚާއްސަ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.

މި މުބާރަތަކީ 'މަކިޓާ ޕަވަޓޫލްސް' ބޭނުން ކޮށްގެން ވަޑާމުގެ މަސައްކަތްތައް ދައްކާލުމުގެ ފުރުސަތު އާންމުންނަށް ލިބިގެންދާ މުބާރާތެކެވެ. ވަޑާމުގެ މަސައްކަތް އެކުލެވޭ ކޮންމެ އައިޓަމެއް ވެސް މި މުބާރާތަށް ހުށަހެޅޭނެއެވެ. އެހެންނަމަވެސް ހުށަހަޅާތަކެތި 4 ފޫޓް 4 ފޫޓަށް ވުރެ ބޮޑުވެގެން ނުވާނެކަމަށް އެސްޓީއޯއިން ބުނެއެވެ. މި މުބާރާތުގައި ބައިވެރިކުރާ ތަކެތި ފަރުމާކުރަންޖެހޭނީ މަކިޓާ ޓޫލްސް އަދި މަކިޓާ ޕަވަރ ޓޫލްސް ބޭނުންކޮށްގެންނެވެ.

އެސްޓީއޯއިން ބުނީ މުބާރާތަށް ހުށަހަޅާ ތަކެތީގެ 1 މިނެޓުގެ ވީޑިއޯއެއް ހުށަހަޅަންޖެހޭކަމަށެވެ. އަދި ބައިވެރިން ހުށަހަޅާ ވީޑިއޯތައް އެސްޓީއޯގެ ފޭސްބުކް ޕޭޖްގައި އަޕްލޯޑުކުރުމާއި 'މަކިޓާ' އިޝްތިހާރުކުރުމުގައި ބޭނުންކުރެވޭނެކަމަށް އެސްޓީއޯއިން ބުނެއެވެ.

މި މުބާރާތުގައި ހުށަހަޅާ ތަކެތި ދައްކާލުމަށް މަޢުރަޒެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު 8 ސެޕްޓެމްބަރު 2019އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. މި މުބާރާތުގެ ބައިވެރިންނަށް ތަކެތި ފަރުމާ ކުރުމަށާއި ހުށައެޅުމަށް އެއްމަސްދުވަހުގެ މުދަތެއް ލިބޭނެއެވެ. ބައިވެރިން ވީޑިއޯ ހުށަހަޅަންޖެހޭ އެންމެފަހުގެ ތާރީޚަކީ އަންނަ މަހުގެ 9 ވަނަ ދުވަހެވެ.

މި މުބާރާތުގެ އިތުރުން އެސްޓީއޯއިން ވަނީ "މަކިޓާ ހެއްޔާ ޕްރޮމޯޝަން"ގެ ނަމުގައި ޚާއްސަ ޕްރޮމޯޝަނެއް ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން 25 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެކަމަށް އެސްޓީއޯއިން ބުނެއެވެ.

މި ޕްރޮމޯޝަން ކުރިޔަށް ގެންދާނީ 1 ސެޕްޓެމްބަރުން 31 އޮކްޓޯބަރުގެ ނިޔަލަށެވެ. އެސްޓީއޯއިން ބުނީ ގަންނަ ކޮންމެ 500 ރުފިޔާގެ މުދަލަށް، ކޫޕަނެއް ލިބިގެންދާނެކަމަށާއި ގުރުއަތުން ހޮވޭ ފަރާތަކަށް ކޮންމެ މަހަކު ފަންސާސް ހާސް ރުފިޔާގެ އަގުހުރި އިނާމު ލިބޭނެކަމަށެވެ.