ނޫސްވެރިއާ އަޙްމަދު ރިޟްވާން މަރާލާފައިވާކަން މިހާތަނަށް ހިންގި ތަޙްޤީޤުން އެނގިފައިވާކަމަށް ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ތަޙްޤީޤު ކުރާ ކޮމިޝަނުގެ ރައީސް ހުސްނުއްސުޢޫދު ވިދާޅުވެއްޖެއެވެ.
ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ތަޙްޤީޤު ކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެކުލައްވާލާފައި ކޮމިޝަނުން މިއަދު ބޭއްވި ޕްރެސް ކޮންފްރެންސްގައި ވާހަކަދައްކަވަމުން އެ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވީ ރިޟްވާން ގެއްވުލާލުމުގެ ފަހަތުގައި ހިމެނޭ މީހުން ހެއްކާއެކު ހޯދިފައިވާކަމަށެވެ. އޭނާ ވިދާޅުވީ ރިޟްވާން ގެއްލުވުމަށް ފަހު ދެންވީގޮތުގެ މަޢުލޫމާތު ތިން މީހަކު ކޮމިޝަނަށް ދީފައިވާކަމަށެވެ. އެގޮތުން ރިޟްވާން ރަތްކާރަށް އެރުވިއިރު ކާރުގެ ކުރީގައި ދެމީހަކު ތިބިއިރު އޭގެތެރެއިން އެކަކީ މި މައްސަލާގައި ކުރިން ދައުވާކޮށްފައިވާ އާލިފް ރައޫފްކަމަށާ އަދި އެ ކާރުގެ ފަހަތުން ދެ ސައިކަލުގައި ބަޔަކު ދިޔަކަމަށްވެސް ސުޢޫދު ވިދާޅުވިއެވެ. އަދި އޭގެ ފަހުން ރިޟްވާން ޑިންގީއަކަށް އަރުވައިގެން ގޮސް ކަނޑު އުޅަނދަކަށް އެރުވުމަށްފަހު މަރާލާފައިވާކަމަށްވެސް ސުއޫދު ވިދާޅުވިއެވެ. އަދި އެ އުޅަނދުގެ ވެރިފަރާތުގެ މައުލޫމާތުވެސް ލިބިފައިވާކަމަށް ސުއޫދު ވިދާޅުވިއެވެ.
ސުޢޫދު ވިދާޅުވީ ރިޟްވާނަށް ވީގޮތް ކިޔާދިން ތިން ހެކިންގެ ތެރެއިން އެކަކުގެ ބަހުގައި ފުށުއެރުން އެބަހުރިކަމަށެވެ. އަދި ރިޟްވާން މަރާލީ ދަލެއް އޮޅުމަށްފަހު ޝަހާދަތްލައިދިނުމަށްފަހު ކަމަށް ބައެއް ހެކިން ބުނެފައިވާއިރު، ޝަހާދަތް ކިޔުމަށްފަހު މަރާލަން ނިންމުމުން ޚިޔާލު ތަފާތުވުންތަކެއް އުފެދުނުކަމަށްވެސް ހެކީން ބުނެފައިވާކަމަށް ސުއޫދު ވިދާޅުވިއެވެ.
ރިޟްވާން މަރާލި މީހުންނާއި ޔާމީން ރަޝީދު މަރާލި މީހުންނަކީ އެއް ބައެއްކަން އެނގިފައިވާކަމަށްވެސް ސުއޫދު ވިދާޅުވިއެވެ. އަދި އެމީހުން މަރާލާފަިއވަނީ ދީނީ ހަރުކަށި ޖަމާޢަތްތަކަކުން ކަން އެނގޭކަމަށްވެސް ސުޢޫދު ވިދާޅުވިއެވެ. ސުޢޫދު ވަނީ މި ޖަމާޢަތްތަކަށް ފަންޑު ލިބޭ ހުރިހާކަމެއް ހުއްޓުވަން ޖެހޭކަމަށްވެސް ވިދާޅުވެފައެވެ.
ސުޢޫދު ވިދާޅުވީ ރިޟްވާން ހުޅުމާލެއަށް ދިޔަކަން ޔަޤީންވާކަމަށެވެ. އެގޮތުން ރިޟްވާން އުޅޭ އެޕާޓްމަންޓާއި ޖެހިގެން ހުރިގޭގައި އުޅޭ އަންހެން މީހާއަށް، މީހެއްގެ ވޭނުގެ އަޑެއް އިވުނުކަމަށާއި އަދި އެތަނުގައި ރަތްކުލައިގެން ކާރެއް އޮތްތަން ފެނުނު ކަމަށް އެމީހާ ބުނާކަމަށްވެސް ސުއޫދު ވިދާޅުވިއެވެ. އަދި އެއީ މީހެއް ނޭވާ ހާސްވުމުން އިވޭކަހަލަ ވޭނީ އަޑެއްކަމެއްށާއި އަދި އެއީ ފިރިހެންނެއްގެ އަޑުކަމަށް އެ އަންހެން މީހާ ބުނެފައިވާކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.
މީގެއިތުރުން އެ ސަރަހައްދުގައި ހުރި އެހެން ޕްލެޓެއްގައި ދިރިއުޅޭ އެހެން މީހަކަށް ގަދަކަމުން މީހަކު ކާރަށް އަރުވަން މަސައްކަތްކުރި ތަން ފެނިފައިވާކަމަށް ސުޢޫދު ވިދާޅުވިއެވެ. އެގޮތުން އެމީހާ ކާރަށް އަރުވާފައިވަނީ ކޮނޑުގައި ގަދަކަމުން ހިފަހައްޓައިގެން ގެންގޮސް ކަމަށާ، ބެލެވޭގޮތުގައި އެމީހާގެ ކޮނޑުގައި ހިފަހައްޓައިގެން ހުރީ ފެހި ނުވަތަ ރަތް ކުލައިގެ ޓީޝާޓެއްލައިގެން ހުރި މީހެއްކަމަށް ބެލެވޭކަމަށެވެ. އަދި ގަދަކަމުން އެމީހަކު އެރުވި ރަތް ކާރު އޭނާ އެރުވުމަށްފަހު އަވަސް އަވަހަށް ނައްޓާލިކަމަށާއި ނައްޓާލައިގެން ގޮސް ގޯޅި އެޅިއިރުވެސް ކާރުގެ އެއްވެސް ލައިޓެއް ދިއްލާފައި ނުވާކަމަށެވެ. އަދި ކާރު ނައްޓާލިތަނުން ވަޅިއެއް ވެއްޓިފައި އޮތްތަން ފެނުނު ކަމަށްވެސް އެމީހާ ބުނެފައިވާކަމަށް ސުއޫދު ވިދާޅުވިއެވެ.
ސުޢޫދު ވަނީ ރިޟްވާންގެ މަރުގެ މައްސަލައާ ގުޅިގެން އޭނާ ފިލައިގެން ގޮސް ސީރީޔާގައި މަރުވިކަމަށް ދެއްކުމަށް އޭރުގެ ނާއިބު ރައީސް އަޙްމަދު އަދީބު ފޮނުވި ދެ ފުލުހުންގެ އިންޓެލިޖެންސް އޮފިސަރުން އޭރުގެ ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަޤާމުގައި ހުންނެވި ޙަސަން ޢަލީ އާއި ބައްދަލުކޮށް ރިޟްވާންގެ ޕާސްޕޯޓުގެ ކޮޕީއެއް ހޯދުމަށް އެދުނުކަމަށް ޙަސަން ޢަލީ ހެކިބަސް ދީފައިވާކަމަށެވެ. އަދި އެގޮތަށް އެކަން ކުރީ ރިޟްވާންގެ ވާހަކަތައް ހުއްޓުވާލުމަށްކަމަށްވެސް އެ އޮފިސަރުން ބުނިކަމަށް ޙަސަން ޢަލީ ބުނެފައިވާކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.
ރިޟްވާން ގެއްލުވާލި މައްސަލާގައި ހިމެނޭ އަޒްލީފް ރާއްޖެއިން ބޭރަށް ގޮސްފައިވާއިރު މި މައްސަލާގައި ހިމެނޭ އާލިފް ރައޫފްގެ މައްޗަށް އެ މައްސަލަ ކުރިމިނަލްކޯޓުން ސާބިތުވެފައިނުވާތީ އެ މައްސަލަ އަލުން އިސްތިއުނާފުކުރުމަށް ޕީޖީގައި އެދިފައިވާކަމަށާއި އެކަން އަލުން ސާބިތު ކުރެވޭނެކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.
ސުޢޫދު ވިދާޅުވީ އަޙްމަދު ރިޟްވާން ގެއްލުވުމުގެ ފަހަތުގައި ތިބި މީހުންނާމެދު ދައުވާކުރުމަށް މާދަމާ ޕްރޮސެކިއުޓަރ ޖެނެރަލާއި ބައްދަލުކުރައްވާނެކަމަށެވެ. އޭނާ ވިދާޅުވީ ރިޟްވާން ގެއްލުމާއި ގުޅޭ ކަންކަން ފެށުނީ ދީނީ ހަރުކަށި މީހުންނާއި މިނިވަން ފިކުރުތަކަށް ގޮވާލާ މީހުންނާއި ދެމެދު 2012 ވަނަ އަހަރު ފެށި ބަހުގެ ހަމަލާތަކަށް ފަހުކަމަށެވެ. އެގޮތުން މި އަރާރުންވުން ޝޯޝަލް މީޑިއާގެ ފުޅާވެ މީހުން މެރުމަށް ހަރަކަށި މީހުން ގޮވާފައިވާކަމަށް ސުއޫދު ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވީ މާލޭގައި ހިއްލަތު ރަޝީދު އިސްކޮށް ހުރެ މިނިވަން ފިކުރުތަކަށް ގޮވާލާ މާލޭގައި ބޭއްވި އެއްވުމަށްފަހު އެކަމުގައި ބައިވެރިވި އެތައް ބަޔަކަށް މަރުގެ އިންޒާރުތައް އައިސް އޭގައި ބައިވެރި ބައެއް މީހުން އެކި ވަރުގެ ހަމަލާތައް ދީފައިވާކަމަށް ސުއޫދު ވިދާޅުވިއެވެ
ސުއޫދު ވިދާޅުވީ ހަރުކަށި ޖަމާއަތަށް ނިސްބަތްވި އިސްމާއިލް ޢަބްދުއްރަހީމް ރިޟްވާނަށް އެއްމަސް ދުވަސްވަންދެން ފާރަލަމުން ގެންގޮސްފައިވާކަމަށެވެ. އަދި ހަރުކަށި ޚިޔާލުގެ މީހުން ސޯޝަލް މީޑިއާގައި "ޝަރިއާ ފޯ މޯލްޑިވްސް" ނަމުގައި 2012 ވަނަ އަހަރުން ފެށިގެން ފޭސްބުކްގައި ޕޭޖެއް ހިންގަމުން ގެންދާކަމަށެވެ. އަދި މީ މީހުން 2014ގައި މާލޭގައި އައިސްގެ ދިދަ ހިފައިގެން ހިނގާލުމެއް ބާއްވާފައިވާކަމަށެވެ.
ސުއޫދް ވިދާޅުވީ ބިލާދު އަލް ޝާމް ކިޔާ ގްރޫޕަކުން އެމީހުންގެ ފޭސްބުކް މެދުވެރިކޮށް ރިޟްވާން މިނިވަން ނޫޙުގައި ލިޔެފައިވާ ލިޔުންތަކާއި ގުޅިގެން ވާހަކަދައްކާފައިވާކަމަށެވެ. މި ގޮތުން އެމީހުންނާއި ބެހޭ މައުލޫމާތު ފުލުހުންނަށް ރިލްވާން ދޭކަމަށް އެމީހުން ތުހުމަތުކުރާކަން އެ މެސެޖްތައް ބަލާލުމުން އެގޭކަމަށެވެ. އަދި އެމީހުންނަށް ރިލްވާން ރައްދުދީފައިވާކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.
ސުއޫދު ވަނީ ރާއްޖޭގައި ދީނި ހަރުކަށި ހިޔާލުގައި މަސައްކަތްކުރާކަމަށް ތުހުމަތުކުރެވޭ ގްރޫޕްތަކާއި އެ ގްރޫޕްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާއި ބެހޭ މައުލޫމާތުވެސް ހިއްސާކުރައްވާފައެވެ. ސުއޫދު ވިދާޅުވީ މި ފަދަ ޖަމާއަތްތަކަށް ފަންޑުކުރުމަށް ފޮތި ފިހާރައާއި ތަރުކާރީ ވިއްކާ ފިހާރައިގެ އިތުރުން ކަންނެލި ދޯނިތައްވެސް ހިންގަމުން އަންނަކަމަށެވެ.
އައިއެސްއަށް ނިސްބަތްވާ ރާއްޖޭގެ ގްރޫޕުތަކުން ފައިސާ ހޯދަނީ ވައްކަމާއި ފޭރުމާއި އެނޫންވެސް ކުށްތަކަށް އަރައިގަނެގެންކަމަށްވެސް ސުޢުދު ވިދާޅުވިއެވެ. އެގޮތުން ދާދި ފަހުން ބޭންކް އޮފް ސިލޯން ކައިރިން ހިންގި ވައްކަމަކީވެސް މީ މީހުން ހިންގި ވައްކަމެއްކަމަށް ސުއޫދު ވިދާޅުވިއެވެ. އަދި މިކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ މީހުންގެ މައުލޫމާތުތައް ލިބިފައިވާކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވީ މި ޖަމާއަތްތައް މަސައްކަތް ކުރަނީ އެކި ބައިބަޔަށް ބަހާލައިގެންކަމަށެވެ. މި ގޮތުން ހަމަލާދިނުމާއި، ފާރަލުމާއި ކިޑްނެފްކުރުން މިގޮތަށް ބާހާލައިގެން ކުރިއަށް ގެންދާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ތަނުން އެއްބަޔަކު އަތުލައިގަތަސް މައްސަލައިގެ އެންމެ ފުނަށް ފުލުހުންނަށް ނުދެވޭކަންވެސް ސުއޫދު ވިދާޅުވިއެވެ. އަދި އެމީހުން މަސައްކަތްކުރަނީ ވަކި ބައިތަކަކަށް ބަހާލައިގެން ކޮންމެ ބައެއްގައި އަމީރަކު އިސްކޮށް ބަހައްޓާ މީހުން ރެކްރޫޓު ކޮށްގެން ކަމަށް ސުޢޫދު ވިދާޅުވިއެވެ. އެގޮތުން މީހުންގެ ތެރެއިން މަސައްކަތް ހަވާލުކުރާ މީހުންނާއި ރެކްރޫޓުންގެ ގޮތުގައި މީހުން ތަމްރީނުކުރާ މީހުންގެ މައުލޫމާތާއި ހެކިބަސް ކޮމިޝަނަށް ލިބިފައިވާކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.