ޚަބަރު

ނާއިބު ރައީސް ކޮޅުމަޑުލު އަތޮޅު ކައުންސިލަރުންނާއި ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް، ކޮޅުމަޑުލު އަތޮޅު ކައުންސިލަރުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލަރުން ވަނީ ކޮޅުމަޑުލުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ކަންބޮޑުވުން ތަކުގެ މަޢުލޫމާތާއި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބާ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ކައުންސިލަރުން އެންމެ ބޮޑަށް ފާހަގަކުރައްވާފައި ވަނީ އަތޮޅުގެ 13 ރަށުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރަންހުރި ކަންކަން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ. އަދި ހުރިހާ ރަށަކުންވެސް 24 ގަޑިއިރު ބޭސް ލިބޭނެ އިންތިޒާމް ފަހިކޮށްދެއްވުމަށް ކުރާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެއްވުމަށް ކައުންސިލަރުން އެދިވަޑައިގެންފައިވެއެވެ. އަދި ސީ އެމްބިއުލާންސްގެ ޚިދުމަތުގައި ހުރި މައްސަލަތައް ފާހަގަކުރައްވައި އެޚިދުމަތާމެދު ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ކައުންސިލަރުން ވަނީ ނާއިބް ރައީސާ ހިއްސާކުރައްވާފައެވެ.

މީގެއިތުރުން އަތޮޅުގެ ރަށްރަށުގެ އަންހެނުންގެ ކޮމިޓީތަކަށް ބާރުވެރިކަން ހޯދަދިނުމާބެހޭގޮތުންނާއި އަތޮޅުގެ ފެރީ ނިޒާމުގެ ތެރޭގައި ހުރި މައްސަލަތައް ޙައްލުކުރުމަށް ކުރެވިދާނެ ކަންކަމާބެހޭގޮތުން ވެސް ކައުންސިލަރުން ވަނީ ނާއިބް ރައީސާ މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ނާއިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ކޮޅުމަޑުލު އަތޮޅު ކައުންސިލަރުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާ މަޝްވަރާ ކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި އަތޮޅުގެ ތަރައްޤީއަށް ރޭވިފައިވާ ބައެއް މަޝްރޫޢުތަކުގެ ތަފްޞީލުތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކައުންސިލަރުންނާ ޙިއްޞާކުރެއްވިއެވެ.