ސިޔާސީ

މާލޭ ސިޓީ ކައުންސިލްގެ ބާރުތައް ހަނިކުރާ ބިލް ބަލައިގެންފި


މާލޭ ސިޓީކައުންސިލަށް
ލިބިދޭ ބާރުތަކާއި، ފޯރުކޮށްދެމުންގެންދާ ޚިދުމަތްތައް ވަޒީރުންގެ މަޖިލީހުން
ކަނޑައަޅާގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށައަޅަފައިވާ އިސްލާހުގެ ބިލް ރައްޔިތުންގެ
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަލައިގެންފިއެވެ. މިބިލް މަޖިލީހަށް ބަލައިގަތީ
ވޯޓުގައި ބައިވެރިބި މެމްބަރުންގެ ތެރެއިން ތެއްތިރީސް މެމްބަރުންގެ
އަޣްލަބިއްޔަތުންނެވެ.  

މި އިސްލާހުގައި ބުނެފައި ވަނީ މާލެ ސިޓީ
ކައުންސިލަށް ލިބިދެވޭނެ ބާރުތަކާއި އެ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭނެ
ހިދުމަތްތައް ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާ އެކު
ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އަދި މާލޭ ސިޓީ ކައުންސިލުން ފޯރުކޯށްދޭ
ޚިދުމަތްތައް ފޯރުކޮށްދޭނީ ވަޒީރުންގެ މަޖިލީހުން ކަނޑައަޅާ ގޮތުގެ މަތިންކަމަށެވެ.
މިބިލް ހުށަހެޅުއްވި ތުލުސްދޫ ދާއިރާގެމެމްބަރ މުހައްމަދު ވަހީދު ވިދާޅުވީ
މިއިސްލާހު ހުށައެޅުއްވީ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދުނުމުގައި ދަތިތަކާއި
ކުރިމަތި ވާތީކަމަށެވެ. 

މިއިސްލާހަށް ބަހުސްކުރެއްވި
ސަރުކާރަށް ތާއިދުކުރާ މެމްބަރުން ވިދާޅުވީ، މާލޭ ސިޓީ ކައުންސުލްގެ ބާރުތަކަށް
މިބަދަލު ގެންނަންޖެހުނީ ސިޓީ ކައުންސިލުން ތަރައްގީގެ މަސައްކަތްތަކަށް
ހުރަސްއަޅަމުން ގެންދާތީކަމަށެވެ. އަދި ބައެއް މެމްބަރުން ވިދާޅުވިގޮތުގައި،
ބައެއް ކައުންސިލްތަކުން މަސައްކަތްކުރަނީ އެކަނުންސުލްގެ މެޖޯރިޓި އޮންނަ ޕާޓިތަކުން
އަންގާ ގޮތުގެ މަތިންކަމަށެވެ.

އިދިކޮޅު އެމްޑީޕީގެ މެމްބަރުން ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަނީ ސިޓީ
ކައުންސިލްގެ ބާރުތައް ނިގުޅައިގަތުމަށްކަމަށެވެ.
މިބިލް މަޖިލީހަށް ބަލައިގަތުމަށް ފަހު ވަނީ ދިރާސާކުރުމަށް ގައުމީ ސަލާމަތާއިބެހޭ
ކޮމިޓީއަށް ފޮނުވާފައެވެ.