ކުޅިވަރު

ޤައުމީ ޓީމަށް ކުޅުންތެރިން ކުޅެން ބޭނުން ނުވާ ސަބަބު ހޯދަން ޖެހޭ - ސާންތި


ޤައުމީ ޓީމަށް ކުޅުންތެރިން ކުޅެން ބޭނުން ނުވާ ސަބަބު ހޯދަން ޖެހޭކަމަށް އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރ އިހުސާން އަބްދުލް ޢަނީ (ސާންތި) ބުނެފިއެވެ.

ކުލަބަށް ކުޅުންތެރިން ކުޅުނު ނަމަވެސް އެކިއެކި ސަބަބުތަކާ ހުރެ، ޤައުމީ އެކިއެކި ސަބަބުތަކާ ހުރެ، ބައެއް ކުޅުންތެރިން ޤައުމީ ޓީމަށްވަނީ ފުރަގަސްދީފައެވެ. އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރ އިހުސާން ބުނީ ޤައުމީ ޓީމަށް މީގެ ކުރިން ކުޅުންތެރިން ކުޅެމުން އައިސްފައިވަނީ ޤައުމީ ކަމެއްކަމަށް ދެކިގެންކަމަށާއި ޤައުމީ ޓީމަށް ކުޅެން އުޒުރުވެރިވާން ފަށާފައިވަނީ މީގެ ދެތިން އަހަރެއް ކުރިން ފެށިގެންކަމަށެވެ.

މީގެ ކުރިން ދުވަހަކުވެސް ޤައުމީ ޓީމަށް ކުޅެން ބޭނުން ނުވެގެން ކުޅުންތެރިއަކު އުޅޭތަން ފެނިފައިނުވާކަމަށާއި އަބަދުވެސް އަޑުއިވެނީ ޤައުމީ ޓީމަށް ނާރުވައިގެން ކުރާ ޝަކުވާކަމަށް އިހުސާން ބުނިއެވެ. ނަމަވެސް ފަހަކަށް އައިސް ބައެއް ކުޅުންތެރިންގެ ފަރާތުން ޤައުމީ ޓީމަށް ކުޅެން ބޭނުން ނުވާކަން ފާހަގަކުރެވިފައިވާކަމަށް އޭނާ ބުނިއެވެ. އަދި ބައެއް ކުޅުންތެރިން ބޭނުންވީމަ ކުޅެފައި ބޭނުންނުވާ ވަގުތު އުޒުރުވެރިވުމަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެކަމެއް ނޫންކަމަށާއި، ކުލަބް ފުޓްބޯޅަ ކުޅޭކަމުގައިވާނަމަ ގައުމީ ޓީމަށް ކޮންމެ ކުޅުންތެރިއެއްގެވެސް 100 ޕަސެޓް ދޭންޖެހޭނެކަމަށް އިހުސާން ބުނިއެވެ.

"ފުރަތަމަ އެބަ ބަލަންޖެހޭ ގައުމީ ޓީމްއަށް ކުޅެން ބޭނުންނުވާ ސަބަބު، އަޅުގަނޑުމެން އެކަން ބަލާނަން. އެންމެ ފުރަތަމަ އެއްވެސް ކުޅުންތެރިއަކަށް މަޖުބޫރެއް ނުވާނެ ގައުމީ ޓީމްއަކަށް ކުޅޭކަށް. މިއީ ގައުމީ ކަމެއްކަމުގައި ދެކިގެން ކުޅުންތެރިން ކުޅެންވާނީ. ސަރުކާރުންނާއި ކުލަބްތަކުން އަދި އެފްއޭއެމްއިން ފުޓްބޯޅައަށް މިހާބޮޑު ހަރަދެއް ކުރާއިރު، ކުލަބްތަކުގައި ތިބެފައި ގައުމީ ޓީމްއަށް ކުޅުންތެރިންނަށް ގޮވާލުމުން، އެކުޅުންތެރިންނަށް ގައުމީ ޓީމްއަސް އިޖާބަދޭންޖެހޭނެ. މިހާރުވެސް ގަވާއިދުގެ ތެރެއިން އަޅުގަނޑުމެންނަށް ފިޔަވަޅު އެޅެން އެބަހުރި، ނަމަވެސް ފިޔަވަޅު އެޅުމުގެ ބަދަލްގައި ބޭނުންވަނީ ގައުމީ ޓީމްއަށް ކުޅުންތެރިން ކުޅެން ބޭނުންނުވާ ސަބަބު އެންމެ ފުރަތަމަ ދެނެގަތުން." އިހުސާން ބުންޏެވެ.

އިހުސާން ބުނީ ޤައުމީ ޓީމަށް ކުޅުމަކީ ކިހާވަރެއްގެ ޝަރަފެއްކަން ކުޅުންތެރިންނަށް ހަދާންކޮށްދޭންޖެހޭކަމަށާއި ކުޅުންތެރިންވެސް މިހާރަށް ވުރެ ބޮޑަށް ސީރިއަސްވާންޖެހޭކަމަށެވެ. އަދި ޤައުމީ ޓީމަށް ކުޅުންތެރިން ނެގުމުގައި ގަވާއިދެއް ހަދައިގެން، ދާއިމީ ގޮތެއްގައި މިގަވާއިދަށް އަމަލް ކުރަންޖެހޭކަމަށްވެސް އޭނާ ބުނިއެވެ.