ކުޅިވަރު

ޕްރޭޒްއާ ގުޅުން ގޯހެއްނޫން: ޒިދާން


ރެއާލް މެޑްރިޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕްރޭޒާއެކު އޮތީ ރަނގަޅު ގުޅުމެއް ކަމަށް އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.

އޭނާ މިހެން ބުނީ ޓްރާންސްފާ މާކެޓުގައި ޒިދާން ބޭނުންވާ ކުޅުންތެރިން ނުލިބުނު މައްސަލާގައި ކޯޗުކަން ދޫކޮށްލާނެ ކަމަށް މީޑިޔާތަކުން ބުނާ މައްސަލާގައި ނޫސްވެރިން ސުވާލު ކުރުމުންނެވެ.

"ރައީސްއާ އަހަންނާ ގުޅުން ރަނގަޅު. އަހަރެން މި ކުލަބަށް ގެނައީ ވެސް އޭނާ. އަދި އަހަރަނެ ކުޅުން ހުއްޓާލިފަހުން ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިނީ ވެސް އޭނާ. އަހަރެން އެކަން ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެ،" ޒިދާން ބުންޏެވެ.

އޭނާ ބުނީ ޓްރާންސްފާ މާކެޓް މާދަމާ ބަންދުވުމުގެ ކުރިން އިތުރު ކުޅުންތެރިން ގެނައުމަށް ކުލަބުން މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭނާ ގެންނަން ބޭނުންވާ ކުޅުންތެރިއަކު ނުގެނައުމަށް ނުވަތަ ކުޅުންތެރިން ގެނައުމުގައި ރައީސް ނުފޫޒު ނުފޯރުވާ ކަމަށެވެ. އަދި ރެއާލްގައި މިހާރު ވެސް އޮތީ ވަރުގަދަ ސްކޮޑެއް ކަމަށާއި މި ޓީމާއެކު ކާމިޔާބު ހޯދޭނެ ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ. ޒިދާން ބުނީ ސީޒަނުގެ ފެށުން އައީ އެންމެ ހިތްހަމަ ޖެހޭ ގޮތަށް ނޫން ކަމަށާއި ނަމަވެސް ޓީމުގެ ކުޅުން ރަނގަޅުވެ ޓީމު ހަމައަކަށް އެޅެމުން އަންނަ ކަމަށެވެ.