ޚަބަރު

ލައިސަންސް ނެތި ދުއްވާ މީހުންގެ އަދަދު އިތުރުވަނީ


ލައިސަންސް ނެތި ވެހިކަލް ދުއްވާ މީހުންގެ އަދަދު އިތުރުވަމުންދާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ނެރެފައިވާ މިދިޔަ ހަފްތާގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކުރީ ހަފްތާއަށްވުރެ މިދިޔަ ހަފްތާގައި ލައިސަންސް ނެތި ދުއްވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން އޯގަސްޓް މަހުގެ 17ން 23ށް ހިންގި އޮޕަރޭޝަން ތަކުގައި ލައިސަންސް ނުނަގާ ވެހިކަލް ދުއްވި 140 މީހަކު ހިފަހައްޓާފައިވާއިރު ހުސްވި ހަފްތާގައި މި އަދަދުވަނީ 152ކަށް އިތުރުވެފައެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު ލައިސަންސް ނުނަގާ ވެހިކަލް ދުއްވާ މީހުންގެ އަދަދު އިތުރުވަމުންދާކަން ފާހަގަކުރެވޭއިރު، މިދިޔަ ހަފްތާގައި އެކަނިވެސް 51 އެކްސިޑެންޓު ހިނގާފައިވެއެވެ. އަދި މި އެކްސިޑެންޓުތަކުގައި 10 މީހަކަށް އަނިޔާވެފައިވާކަންވެސް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. ކުރީ ހަފްތާގައި 43 އެކްސިޑެންޓު ހިނގާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

މިދިޔަ ހަފްތާގައި ޤަވާއިދާ ޚިލާފަށް ޕާކު ކޮށްގެން ފްލުހުން ސްޓިކާ ޖެހި އުޅަނދުތަކުގެ އަދަދަށް ބަލާއިރު ކުރީ ހަތްފާއަށްވުރެ މަދުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިދިޔަ ހަފްތާގައި 658 ވެހިކަލްއެއްގައި ސްޓިކާ ޖަހާފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާއިރު ކުރީ ހަފްތާގައި 769 ވެހިކަލެއްގައި ސްޓިކާ ޖަހާފައިވެއެވެ.

ފުލުހުން އަންނަނީ ކޮންމެ ހަފްތާއަކު ފުލުހުން ބަލާ މައްސަލަތަކުގެ ތަފާސް ހިސާބުތައް އާންމު ކުރަމުންނެވެ.