ކުޅިވަރު

ގައުމީ އަންހެން ޓީ 20 ކްރިކެޓް ޝީލްޑް މާދަމާ ފަށަނީ


ތިންވަނަ ގައުމީ އަންހެން ޓީ 20 ކްރިކެޓް ޝީލްޑް މާދަމާ ފުވައްމުލަކު ސިޓީގައި ފަށަން ތައްޔާރުވެއްޖެއެވެ.

މާދަމާއިން ފެށިގެން މިމަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ފުވައްމުލަކު ކްރިކެޓް ދަނޑުގައި ކުރިޔަށްދާ މި މުބާރާތުގައި ހަތަރު ޓީމެއް ވާދަކުރެއެވެ. އެ ޓީމްތަކަކީ، މާލެ، ވިލިމާލެ އަދި ފުވައްމުލަކުގެ އިތުރުން މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ކުނަހަންދޫއެވެ.

މި މުބާރާތުގައި ކޮންމެ ދުވަހަކު ދެ މެޗު ކުޅުމަށްވަނީ ޝެޑިއުލްކޮށްފައެވެ. އެގޮތުން މުބާރާތް ހުޅުވާ މެޗުގެ މާދަމާ ހެނދުނު ބައްދަލުކުރާނީ މާލެއާއި ވިލިމާލޭގެ ޓީމެއެވެ. އަދި މާދަމާ މެންދުރު ކުޅޭ މެޗުގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ ފުވައްމުލަކާއި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ކުނަހަންދޫއެވެ.

ހަތަރު ޓީމުގެ މެދުގައި ކުރިޔަށްގެންދާ މި މުބާރާތުން އެންމެ ރަނގަޅު ކުޅެމެއް ދައްކާ ކުދިން ޤައުމީ އަންހެން ކްރިކެޓް ޓީމަށް ނަގާނެކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން މައުލޫމާތުދެއެެވެ. އެގޮތުން އިންޑިއާގެ ޗެންނާއިއަށް ޓްރެއިނިން ކޭމްޕަށް ދަނީ މި މުބާރާތުން އެންމެ ރަނގަޅު ކުޅުމެއް ދައްކާ ކުދިންގެ މެދުގައި އެކުލަވާލެވޭ ޤައުމީ ޓީމުކަމަށްވެސް ކްރިކެޓް ބޯޑުން މައުލޫމާތުދެއެވެ. އަދި ޑިސެމްބަރ މަހު ނޭޕާލްގައި އޮންނަ ސާފް ގޭމްސްއަށްވެސް ދާނީ ހަމަ މިޓީމެއެވެ.

2017 ވަނަ އަހަރު ފެށި މި މުބާރާތް އެންމެ ފުރަތަމަ ކާމިޔާބުކުރީ ފުވައްމުލަކު ސިޓީއެވެ. އަދި ޖެހިގެންއައި 2018 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކުރީ ކުނަހަންދޫއެވެ.