ކުޅިވަރު

ވޯލްޑް ސަރފިންގ ގޭމްސްގައި ވާދަކުރާ ރާޅާ އެޅުންތެރިންނާއި މިނިސްޓަރ މަހްލޫފް ބައްދަލުކުރައްވައިފި


މިއަހަރުގެ ވޯލްޑް ސަރފިންގ ގޭމްސްގައި ރާއްޖެ ތަމްސީލުކުރާ ރާޅާއެޅުންތެރިންނާއި މިނިސްޓަރ އޮތް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް މަހްލޫފް ބައްދަލުކުރައްވައިފިއެވެ.

ރާއްޖޭގެ ޤައުމީ ސަރފިންގ ޓީމާއި ބައްދަލުކުރައްވައި މިނިސްޓަރ ވަނީ، ވޯލްޑް ސަރފިންގ ގޭމްސްގައި ރާއްޖެ ތަމްސީލުކުރާ ރާޅާ އެޅުންތެރިންނަށް ހިތްވަރުދެއްވާފައެވެ. އަދި ސަރުކާރުން ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަމުން އަންނަ އިންޓަނޭޝަނަލް މުބާރާތާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން މާލޭގެ ރާޅުގަނޑު ސަރަހައްދު ސާފުކުރުމާއި ގުޅޭގޮތުންވެސް މިނިސްޓަރ ވަނީ މަޝްވަރާކުރައްވާފައެވެ.

މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ ތިން ރާޅާއެޅުންތެރިން ވާދަކުރާއިރު މިއީ 2002 ވަނަ އަހަރުގެ ފަހުން ރާއްޖެއިން، ވޯލްޑް ސަރފިން ގޭމްސްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. މިފަހަރުގެ މުބާރާތުގައ ރާއްޖެ ތަމްސީލުކުރާ ރާޅާއެޅުންތެރިންނަކީ، ހުސައިން އަރީފް، ޢިސްމާއިލް ރަޝީދު، އަދި އަޙުމަދު އަގީލްއެވެ.

ސެޕްޓެމްބަރ މަހުގެ ހަތަކުން ސާދައަށް ޖަޕާނުގައި ކުރިއަށްދާ މިމުބާރާތުގައި، ގެބްރިއަލް މެޑީނާ ފަދަ ދުނިޔޭގެ އެންމެ މޮޅެތި ރާޅާ އެޅުންތެރިން ވާދަކުރާނެއެވެ.