ޚަބަރު

"ސައުތު އޭޝިއަން ސްޕީކާސް ސަމިޓް"ގައި ބައިވެރިވެވަޑައިގަންވާ ބޭފުޅުން ރާއްޖެ ވަޑައިގެންފި


މާދަމާ ރާއްޖޭގައި ފަށާ ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ޤާނޫނުހަދާ މަޖިލިސްތަކުގެ އިސްވެރިންގެ ބައްދަލުވުން، "ސައުތު އޭޝިއަން ސްޕީކާސް ސަމިޓް"ގައި ބައިވެރިވެވަޑައިގަތުމަށް މި ސަރަހައްދުގެ ޤައުމުތަކުގެ މަޖިލިސްތަކުގެ އިސްވެރިން މާލެ ވަޑައިގަންނަވައިފިއެވެ.

ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގެ މާއިގުޅޭގޮތުން މާލޭގައި ފަށާ ހަތަރުވަނަ ސައުތު އޭޝިއަން ސްޕީކަރސް ސަމިޓްގައި ރާއްޖެ ހިމެނޭހެން ޖުމްލަ 7 ޤައުމުން ބައިވެރިވެއެވެ.

އިންޓަރ ޕާލިމެންޓްރީ ޔޫނިއަން އައި.ޕީ.ޔޫ އާއި ރާއްޖޭގެ ރައްޔިތުން މަޖިލީސް ގުޅިގެން މިފަހަރު ބާއްވާ މި ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް މި ސަރަހައްދުގެ 6 ޤައުމެއްގެ މަޖިލީސްތަކުގެ އިސްވެރިން މިހާރުވަނީ މާލެ ވަޑައިގަންނަވާފައެވެ.
މިބޭފުޅުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުން މަރުހަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއާ، މަޖިލީހުގެ ނައިބް ރައީސް އީވަ އަބްދުﷲ އިތުރުން މަޖިލީޖހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްތަކުގެ ލީޑަރުންނާއި މަޖިލިސްމެންބަރުންނެވެ.

އެގޮތުން އަފްޣާނިސްތާނުގެ ޤާނުނުހަދާ މަޖިލީހުގެ ރައީސް ރަޙްމާން ރަޙްމާނީއާ، އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރީގެ، "ލޮކް ސަބާ"ގެ ރައީސް އޯމް ބިރްލާ އާއި، ބަންގްލަދޭޝްގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ޑރ.ޝްރިން ޝާމިން ޗައުދަރީގެ އިތުރުން ބޫޓާންގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ވަންގްޗުކް ނަމްގޭލް އާއި ޕާކިސްތާނުގެ ޤާނޫނު ހަދާމަޖިލީހުގެ ނާއިބުރައީސް މުޙައްމަދު ޤާސިމް ޚާން އަދި ސްރީލަންކާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިޔާ މިހާރުވަނީ މާލެ ވަޑައިގަންނަވާފައެވެ.

މި ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވުމަށް އިންޓަރ-ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫގެ) ސެކްރެޓަރީ ޖެނެރަލް މާޓިން ޗުންގޮންގު ވެސް ވަނީ ރާއްޖެ ވަޑައިގެންފައެވެ. މި ކޮންގްރެސްގައި ރާއްޖެ ތަމްސީލް ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. މިއީ ސައުތު އޭޝިއަން ސްޕީކާސް ކޮންފަރެންސް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.