ޚަބަރު

މިޔަހެލި 2019ވަނަ އަހަރުގެ އެއްވަނަ ޕްރޮޖެކްޓަކަށް ބްލައިންޑް ސޮސައިޓީގެ "ތާނަ މެލޯ" އެޕް ހޮވިއްޖެ


ޔޫއެންޑީޕީއާއި އުރީދޫ މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ މިޔަހެލި 2019ގެ އެއްވަނަ ޕްރޮޖެކްޓަކަށް ބްލައިންޑް ސޮސައިޓީން ހުށަހެޅި "ތާނަ މެލޯ" އެޕް ހޮވިއްޖެއެވެ.

މިއެޕަކީ ލޯފަން މީހުންނަށް ސޯޝަލް މީޑިއާގައި ހުންނަ ލިޔުންތައް ކިޔުމަށް ޚާއްސަ އެޕެކެވެ. މިފަދަ އެޕެއް މެދުވެރިކޮށް ލޯފަން މީހުނަށްވެސް ޚަބަރާއި މަޢުލޫމާތު ހޯދޭނެގޮތް ހޯދުމުގެ މަސައްކަތް ވަރަށްކުރިން ފެށިނަމަވެސް މިއެޕަށް އެކަށިގެންވާ އެހީއެއް ލިބިގެންދިޔައީ މިޔަހެލި ޕްރޮގްރާމްގެ ތެރެއިންކަމަށް ބްލައިންޑް ސޮސައިޓީން ބުނެއެވެ. އަދި ކުރިއަށްއޮތް 6 މަސްތެރޭގައި މިއެޕް ފަރުމާކޮށް މާކެޓަށް ނެރުމަށްޓަކައި އޫރިދޫއިންވަނީ ބްލައިންޑް ސޮސައިޓީއަށް 3000 ޑޮލަރުގެ ފަންޑެއްދީފައެވެ.

3 ދުވަހަށް ކުރިއަށްގެންދިޔަ މިޔަހެލި ކޭމްޕު ނިންމާލާއި އެއްވަނައަށް ދިޔުމުން މިޕްރޮޖެކްޓާމެދު ދެކޭގޮތް ބްލައިންޑް ސޮސައިޓީން މިކޭމްޕްގައި ޙަރަކާތްތެރިވި ބައިވެރިންވަނީ ޕީއެސްއެމްނިއުސްއާ ޙިއްސާކޮށްފައެވެ.

ސަޅި ޙައްލެއްގެ އިތުރުން މިޔަހެލި ކޭމްޕްގައި 2ވަނަ ހޯދާފައިވަނީ އަޑުއިވުމުން މަޙުރޫމްވެފައިވާ ފަރާތްތައް ކެފޭތަކަށް ގޮސް ކޮފީ ބޮވޭނެ ފަހި ނިޒާމެއް ޤާއިމުކުރުމަށް ބައިވެރިން ހުށައެޅި "ސައިލެންޓް ކޮފީ" ޕްރޮޖެކްޓެވެ. މީގެ އިތުރުން 3ވަނައަށް ގޮސްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުން މޫދަށް އެރި އުޅުމަށް ފަސޭހަ ގޮތްތަކެއް ފަހިކުރުމަށް ހުށައަޅާފައިވާ "ސަޅި ކަމެއް" ޕްރޮޖެކްޓެވެ. މިއިން ކޮންމެ ޕްރޮޖެކްޓެއް ކުރިއަށްގެންދިޔުމަށް އުރީދޫއިން 3000 ޑޮލަރު ދިނުމަށްވަނީ ހަމަޖެހިފައެވެ.

މިޕްރޮގްރާމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އެސިސްޓެންޓް ރެސިޑެންޓް ރެޕްރެޒެންޓޭޓިވް ޔޫއެންޑީޕީ މޯލްޑިވްސް ޢާއިޝަތު ރިޒްނާ ވިދާޅުވީ މިފަހަރުގެ ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މުޖުތަމަޢުގެތެރޭގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ޙައްލެއް ހޯދައިދިނުމަށްކަމަށެވެ.

2016ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ޔޫއެންޑީޕީއާއި އުރީދޫ މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ މިޔަހެލި ޕްރޮގްރާމްގައި އެކި ބާވަތުގެ އިނޮވޭޝަންތައް ތައްޔާރުކުރުމަށް ޒުވާނުންނަށް އަންނަނީ އެހީތެރިވަމުންނެވެ. މިފަހަރުގެ މިޔަހެލި އަމާޒުކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށެވެ.