ޚަބަރު

އަފްޣާނިސްތާނުގެ ސުލްޙައަށް ޤަތަރުގައި ކުރަމުންދާ މަޝްވަރާތަކުގެ މިސްރާބު ރަނގަޅު: ޓްރަމްޕް


އަފްޣާނިސްތާނުގައި ސުލްޙަ ޤާއިމުކުރުމަށް ޤަތަރުގައި އަފްޣާން ޠާލިބާނުންނާއެކު އެމެރިކާ ކުރިޔަށްގެންދަނީ ރަނގަޅު ވާހަކަތަކެއްކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ހަފުތާ ޗުއްޓީއަށް ކޭންޕް ޑޭވިޑްއަށް ވަޑައިގަތުމުގެ ކުރިން ވައިޓްހައުސްގައި ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ޓްރަމްޕް ވިދާޅުވީ ޤަތަރުގައި ކުރިޔަށްދާ ވާހަކަތަކުގެ ސަބަބުން މިހާތަނަށް އެއްބަސްވުމެއް އެކުލަވާލެވިފައިނުވިނަމަވެސް ޠާލިބާނުންނާއެކު އެމެރިކާއިން ކުރިޔަށްގެންދާ ސުލްޙައިގެ ވާހަކަތަކާމެދު ހިތްޕުޅުހަމަޖެހޭކަމަށާއި އެވާހަކަތައްދަނީ ރަނގަޅު މިސްރާބަކަށްކަމަށެވެ. ޠާލިބާނުންވަނީ އެމެރިކާއާއެކު އަފްޣާނިސްތާނުގައި ކުރިޔަށްގެންދާ ސުލްޙައިގެ ވާހަކަތަކުން ކުރިއެރުންތަކެއް ޙާސިލްކުރެވިފައިވާކަމަށް ބުނެފައެވެ.

އެމެރިކާއާއި ޠާލިބާނުންނާ ދެކެވޭ ވާހަކަތަކުގެ ތެރޭގައި 14 މަސްދުވަހުގެ އިންތިޤާލީ މަރުޙަލާއެއް ޤާއިމުކުރުމަށާއި އެ އިންތިޤާލީ މަރުޙަލާގައި އެމެރިކާގެ ހަނގުރާމަމަތީ ސިފައިން އަފްޣާނިސްތާނުން ފޭބުން ހިމެނޭކަމަށް ޠާލިބާނުންގެ ތަރުޖަމާނަކު ބުނެފައިވެއެވެ. ނަމަވެސް ޓްރަމްޕްވަނީ ޠާލިބާނުންނާއެކު ސުލްޙައިގެ އެއްބަސްވެއް ޤާއިމުކުރެވުނުނަމަވެސް އެމެރިކާގެ އަސްކަރީ ވުޖޫދު އަފްޣާނިސްތާނުން އެއްކޮށް ފުހެނުލާނެކަމަށާ އެމެރިކާގެ އަސްކަރީ ކުޑަ ބާރެއް އަފްޣާނިސްތާނުގައި ބާއްވާނެކަމަށް ވިދާޅުވެފައެވެ.

ޤަތަރު މެދުވެރިވެ، އެ ޤައުމުގެ ވެރިރަށް ދޯހާގައި ކުރަމުންދާ އަފްޣާން ސުލްޙައިގެ ވާހަކަތަކުގެ 8 ބުރު ނިންމާލާފައިވާއިރު މިހާރު ކުރިޔަށްދަނީ 9ވަނަ ބުރުގެ ވާހަކަތަކެވެ.