ކުޅިވަރު

ވަރލްޑްކަޕް ކޮލިފައިން މެޗު ކުޅުމަށް ޤައުމީ ފުޓްބޯޅަ ޓީމު ގުއާމަށް ފުރައިފި


ވަރލްޑްކަޕް ކޮލިފައިންގައި ގުއާމްއާއި ދެކޮޅަށް ކުޅެންޖެހޭ މެޗު ކުޅުމަށް ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމު ގުއާމަށް ފުރައިފިއެވެ.

ލަންކާގައި ކޭމްޕް ކުރުމަށްފަހު ޤައުމީ ފުޓްބޯޅަ ޓީމު ގުއާމަށް ފުރީ މިއަދު ހެނދުނު ލަންކާއިންނެވެ. ލަންކާގައި ޤައުމީ ޓީމު ކޭމްޕްކުރީ ގުއާމަށް ދާން ވިސާ ނެގުމުގެ ކަންތައްތައް ދިގުލައިގެންދާތީ ޓްރެއިނިންގ މެދުކަނޑާނުލައިކުރިއަށް ގެންދިއުމަށެވެ.

ތަމްރީން ދަތުރަށްފަހު ކޯޗުވަނީ ގުއާމާއި ވާދަކުރާ ޓީމުން ދެ ކުޅުންތެރިއަކު ބާކީކޮށްފައެވެ. އެއީ ޓީސީގެ ޑިފެންޑަރ މުޙައްމަދު އަޖުފާނާއި ޔުނައިޓެޑް ވިކްޓްރީގެ ގޯލްކީޕަރު ހަސަން ތޮލާލްއެވެ. އަދި މި މެޗުން މިޑްފިލްޑަރ އިބްރާހިމް ވަހީދު ހަސަން ފެނުމުގެ ފުރުސަތު ކުޑަކަމަށް އެފްއޭއެމުންވަނީ ބުނެފައެވެ.

ރާއްޖެއާއި ގުއާމް ބައްދަލުކުރާ ވަރލްޑްކަޕް ކޮލިފައިން މެޗު ކުޅޭނީ އަންނަ މަހުގެ ވަނަ ދުވަހު ގުއާމްގެ ޓަރފް ދަނޑެއްގައެވެ. އަދި މި މެޗަށްފަހު ރާއްޖެ ދެން ކުޅެންޖެހޭ މެޗުގައި އަންނަ މަހުގެ 10ވަނަ ދުވަހު ގަލޮޅު ދަނޑުގައި ނުކުންނާނީ ޗައިނާއާއި ދެކޮޅަށެވެ.