ކުޅިވަރު

ޤައުމީ ފިރިހެން އަދި އަންހެން ކްރިކެޓް ޓީމަށް ޗެންނާއީގައި ތަމްރީނު ކޭމްޕެއް ފުރިހަމަކުރުމުގެ ފުރުޞަތު ލިބިއްޖެ


ޤައުމީ ފިރިހެން އަދި އަންހެން ކްރިކެޓް ޓީމަށް ޗެންނާއީގައި ތަމްރީނު ކޭމްޕެއް ފުރިހަމަކުރުމުގެ ފުރުޞަތު ލިބިއްޖެއެވެ. އިންޑިއާގައި ތަމްރީނުތަކެއް ހެދުމަށް ޤައުމީ ޓީމަށް ފުރުޞަތު ލިބިފައިވާކަން ހާމަކުރެއްވީ މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަޙްމަދު މަޙްލޫފު ކުރެއްވި ޓުވީޓެއްގައެވެ.

މިނިސްޓަރ ކުރެއްވި ޓުވީޓުގައި ތަމްރީނު ކޭމްޕް ކުރިއަށްދާނެ ވަކި ދުވަސްވަރެއް ހާމަކޮށްފައި ނުވިނަމަވެސް އެ ތަމުރީނު ކޭމްޕް އޮންނާނީ މިއަހަރުކަމަަށް ވިދާޅުވިއެވެ. ރާއްޖޭގެ ކްރިކެޓް ކުރިއެރުވުމަށްޓަކައި މިފަހަކަށް އައިސް ރާއްޖެއާއި އިންޑިއާ ގުޅިގެން މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. މިގޮތުން މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިން ހިމެނޭ ޓީމެއް ރާއްޖެ އައިސް ގުޅުން ބަދަހި ކުރުމުގެ ރަމްޒީ މެޗްތަކެއްވަނީ ކުޅެފައެވެ.

މި މެޗްތަކަށް ރާއްޖެއައި އެއަރ އިންޑިއާ ޓީމްގައި 2011ވަނަ އަހަރު އޮތް ވަރލްޑްކަޕް މުބާރާތް އިންޑިއާއަށް ކާމިޔާބުކޮށްދިން ޓީމުގައި ހިމެނުނު ޔުވްރާޖް ސިންހާއި އިންޑިއާގެ ޕްރިމިއަރ ލީގުގައި ކުޅެމުން އަންނަ ބައެއް ކުޅުންތެރިން ހިމެނެއެވެ.

ރާއްޖޭގެ ޤައުމީ ފިރިހެން ކްރިކެޓް ޓީމު އެންމެ ފަހުން ވާދަކޮށްފައިވަނީ މިދިޔަ ޖޫން މަހު މެލޭޝިއާގައި އޮތް 3 ޤައުމު ވާދަކުރި ޓީ20 މުބާރާތެއްގައެވެ. އެ މުބާރާތުން ރާއްޖޭގެ ކްރިކެޓް ޓީމުވަނީ ރިހި މެޑަލް ހޯދައިފައެވެ. ރާއްޖޭގައި އަންހެން ކްރިކެޓް ކުރިއެރުވުމަށްޓަކައި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސުން ގިނަ މަސައްކަތްތަކެއް ކުރަމުންއަންނައިރު ފުވައްމުލަކުގައި މާދަމާ ފަށާ ޤައުމީ އަންހެނުންގެ ޓީ20 ކްރިކެޓް މުބާރާތަށްފަހު ޤައުމީ އަންހެން ޓީމު އެކުލަވާލާނެކަމަށް ކްރިކެޓް ބޯޑުން ހާމަކުރެއެވެ.