ޚަބަރު

މިސަރުކާރުގެ ވަޢުދުތައް ފުއްދާނީ ދުރު މުސްތަޤުބަލަށް ގެނެވޭ ތަރައްޤީއާއެކު - މިނިސްޓަރ އަމީން


މިސަރުކާރުގެ ވަޢުދުތައް ފުއްދާދާނީ ދުރުމުސްތަޤުބަލަށް ގެނެވޭ ތަރައްޤީއާއެކުކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "އެކްސްކްލޫސިވް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ ތަރައްޤީގެ ހަޤީޤީ ލާބައާއި މަންފާ ރައްޔިތުންނަށް ކުރާނީ ދުރު މުސްތަޤުބަލަށް ބަލައި ހަރުދަނާ ކަމާއެކުގެނެވޭ ތައްޤީގެ މަޝްރޫޢުތަކުންކަމަށެވެ. އެއްވެސް ވިސްނިމެއް ފިކުރެއްނެތި، ޢިމާރާތްތަކާއި ތަންތަން ހެދުމުން އޭގެ ޑަބަލް ޙަރަދު ކުރަންޖެހުމަކީ މިއަދު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަމަށާއި، މިކަމަށް ބަދަލުތަކެއް ވިސްނުންތެރިކަމާއިއެކު މިހާރުގެ ސަރުކާރުން ގެންނާނެކަމަށެވެ.

ސަރުކާރަށް މިވީ އަށްމަސް ދުވަހަކުގެ ތެރޭގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން މިއަހަރަށް ވެވަޑައިގެންނެވި ވައުދުތަކުގެ ބޮޑުބައެއް ފުއްދަވާފައިވާކަމަށާއި، ވައުދުތައް ފުއްދުމުގައި އެމަނިކުފާނު އެންމެބޮޑަށް ބައްލަވަނީ އެކަމުން މުޅި ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި އޭގެ މަންފާކުރާނޭ ގޮތަކަށް ތަރައްޤީ ގެނައުމަށްކަމަށެވެ.

ރާއްޖޭއަށް ކުރިއަށްއޮތް ދުވަސްތަކުގައި ގެނެވޭ ތަރައްޤީއަކީ ރައްޔިތުންގެ އުންމީދުތަކާއި ވިސްނުމާ އެއްގޮތަށް ޖަޒީރާވަންތަ ގޮތަކަށް ގެނެވޭނެ ތަރައްޤީކަމުގައި މިނިސްޓްރ އަމީން ވިދާޅުވިއެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަކީ މަޝްވަރާގެ އުސޫލުން، ކަންކަން ކުރަންޖެހޭ އުސޫލުތަކާއި ހަމަތަކުގެ މަތިން ކަންކަން ނިންމުމަށް ނުހަނުބޮޑު އިސްކަމެއް ދެއްވާ ބޭފުޅެއް ކަމަށާ، އެމަނިކުފާގެ ވިސްނުންފުޅާއެކު ރާއްޖެއަށް ބޮޑު ބަދަލުތަކެއް ވަރަށްއަވަހަށް ގެނެވޭތަން ފެންނާނޭކަމުގައި މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ކޯލިޝަން ސަރުކާރަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ، މިކޯލިޝަން މިހާތަނަށް ދެމިއޮތުމުގެ ހަގީގީ މޭސްތިރިއަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްކަމަށެވެ. 2008 ގައިވެސް 2013 ގައިވެސް ވެރިކަން ފެށިގެން އައިސްފައިވަނީ ކޯލިޝަނަކުން ކަމަށާއި، ނަމަވެސް އެކޯލިޝަންތައް މާގިނަ ދުވަސްތަކެއް ނުވެ ރޫޅިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިވެރިކަމުގެ ކޯލިޝަނަކީ ކުރީގެ ވެރިކަންތަކުގައި ކޯލިޝަން ރޫޅުމަށް ދިމާވި ކަންތައްތަކަށްވުރެ މާބޮޑެތި ކަންތައްތަކެއް ކުރިމަތިވެފައިވާ ކޯލިޝަނެއްކަމަށާ، ނަމަވެސް މިއަދާހަމައަށްވެސް މިކޯލިޝަން ކޯލިޝަނެއްގެ ގޮތުގައި ދެމިއޮތީ ރައީސްގެ ވިސްނުންފުޅާއި ކެތްތެރިކަން އިސްކުރުމުގެ ސަބަބުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެމަނިކުފާނަކީ ކޯލިޝަން ދަމަހައްޓައި، ޤައުމުގައި ހުރި ނިޒާމުތަކަށް ނުހަނު އިޙްތިރާމް ކުރައްވާ ވެރިއެއްކަމަށާއި، މިއަދާއިހަމަޔަށް ބަދަހިކަމާއި ރައްޔިތުންގެ މަޤްބޫލުކަމާއިއެކު ސަރުކާރު ކުރިއަށްދަނީ މިވިސްނުން އިސްކުރެއްވުންކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމަށް 8 މަސްވެފައިވާއިރު، ސަރުކާރަށް ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ ނިމިދިޔަ ސަރުކާރުން ހިންގާފައިވާ ކޮރޮޕްޝަނާއި، ވިސްނުމެއްނެތި ކޮށްފައިވާ މަސައްކަތްތައްކަމުގައި ސަރުކާރުގެ އިސްބޭފުޅުން ވިދާޅުވެއެވެ. އަދި މިކަންކަން ހައްލުކޮށް ރައްޔިތުން އެދޭފަދަ ބަދަކލުތައް ގެނެވޭނެކަމުގައި ސަރުކާރުންވަނީ ވިދާޅުވެފައެވެ.