ތަޢުލީމު

300އަށްވުރެ ގިނަ ބައިވެރިންނާއެކު އައިޔޫއެމް އިން އިލްމީ ކުރިއެރުމާބެހޭ ބައިނަލްއަޤްވާމީ މަހާސިންތާ ފަށައިފި


ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޢިލްމީ ކުރިއެރުމާބެހޭ ބައިނަލްއަޤުވާމީ މަހާސިންތާ (އައި.ސީ.އައި.އޭ)ގެ މިއަހަރުގެ ބައްދަލުވުން ފަށައިފިއެވެ.

މި އަހަރުގެ މަހާސިންތާގެ މައިގަނޑު ތީމަކީ "ޢިލްމު ޙިއްޞާކޮށް ޢިލްމު އުނގެނުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުން" މިއެވެ. އައި.ސީ.އައި.އޭ 2019 ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ.އަޙްމަދު ޒާހިރު ޢަލީ އާއި މިނިސްޓަރ އޮތް އެންވާރަމެންޓް ޑރ.ޙުސައިން ރަޝީރު ޙަސަން ބައިވެވަޑައިގެންފައިވެއެވެ.

މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.އިބްރާހީމް ޒަކަރިއްޔާ މޫސާ ދެއްކެވި ވާހަކަފުޅުގައި، މި ކޮންފަރެންސް ބޭއްވިގެން މިދަނީ އިސްލާމީ ޔުނިވަރސިޓީއަށް އިދާރީގޮތުން ބަދަލުތަކެއް ގެނެސް އިލްމީގޮތުން އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި ޕްލޭންތައް ކުރެވި މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގައިކަން ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި އައިސީއައިއޭ ކޮންފަރެންސްގެ ޗެއަރ ޑރ.ދީބާ މޫސާ ވަނީ މިފަދަ ކޮންފަރެންސް ތަކަކީ އައު ދިރާސާ ތަކަށާއި އައު ޚިޔާލުތަކަށް ހުޅުވިގެންދާ ދޮރެއްކަން ފާހަގަކުރައްވާފައެވެ. އަދި މި ކޮންފަރެންސްގައި ބައިނަލްއަޤްވާމީގޮތުން ފާހަގަކޮށްލެވޭ ޢިލްމީ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާކަން ވެސް ޑރ.ދީބާ ފާހަގަ ކުރެއްވިއެވެ.

ދެ ދުވަހުގެ މުއްދަތަކަށް އިސްލާމީ ޔުނިވަރސިޓީގައި ބާއްވާ މި މަހާސިންތާގައި 50 ދިރާސާ ކަރުދާހާއި 5 ޕޯސްޓަރު ހުށަހަޅާއިރު އޭގެ ތެރޭގައި ސައުތު އޭޝިޔާގެ އެކި ޤައުމުތަކުގެ ޢިލްމީ ބޭފުޅުން ހުށަހަޅުއްވާ 35 ކަރުދާހަކާއި ރާއްޖޭގެ ބޭފުޅުން ހުށަހަޅުއްވާ 15 ކަރުދާހެއް ހިމެނެއެވެ.

މި މަހާސިންތާގައި ކަރުދާސްތައް ހުށަހެޅިގެންދާނެ ދާއިރާތަކުގެތެރޭގައި ސައިކޮލޮޖީ، މެންޓަލް ހެލްތް، ކަރިކިއުލަމް، އިސްލާމިކް ސިވިލައިޒޭޝަން، ފައިނޭންސް، ޤްރުޢާނިކް ސައިންސް، ޝަރީޢާ އެންޑް ލޯ، ޕޮލިޓިކްސް އެންޑް ޑިޕްލޮމަސީ، ޑިޖިޓަލައިޒޭޝަން އަދި ލޭންގުއޭޖް އެންޑް ލިޓްރޭޗަރ ހިމެނެއެވެ.

މި އަހަރުގެ މަހާސިންތާގައި ކަރުދާސް ހުށަހަޅާ ފަރާތްތަކާއެކު 300 އަށް ވުރެއްގިނަ ފަރާތްތަކުން ބައިވެރިވެއެވެ. މީގެތެރޭގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޕޯސްޓްގްރެޖުއޭޓް ލެވެލަށް ކިޔަވާ ދަރިވަރުންނާއި އެހެނިހެން ޔުނިވަރސިޓީ، ކޮލެޖްތަކުގެ ދަރިވަރުންވެސް ހިމެނެއެވެ.

ޢިލްމީ ކުރިއެރުމާބެހޭ ބައިނަލްއަޤުވާމީ މަހާސިންތާ (އައި.ސީ.އައި.އޭ)އަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން 2016ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަހާސިންތާއެކެވެ.

މިއަހަރުގެ ކޮންފަރެންސްގެ ގޯލްޑް ސްޕޮންސަރ އަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އެވެ. މީގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކާއި އަމާނާ ތަކަފުލްއިންވެސް މި ކޮންފަރެންސަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އައިޔޫއެމްއިން މަޢުލޫމާތުދެއެވެ.