ޚަބަރު

ހަފުތާއަކު 2 ފަހަރު ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިކުރުމާގުޅޭ މަޝްވަރާތައް ކުރުމަށް ޖޯންސަން ހުށަހަޅުއްވައިފި


ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިކުރުމާގުޅޭގޮތުން ދެ ފަރާތުގެ ދެމެދު ބާއްވާ މަޝްވަރާތައް ހަފުތާއަކު 2 ފަހަރު ބޭއްވުމަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން ހުށަހަޅުއްވައިފިއެވެ.

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ޖޯންސަން ވިދާޅުވީ މިކަމުގައި ދެ ފަރާތުގެ ދެމެދު އަލުން އެއްބަސްވުމެއް ޤާއިމުކުރުމާއި ގުޅޭގޮތުން ވިލާތުގެ އިއްތިޙާދާ އެ ޤައުމުގެ އިސްވެރިންނާއި ދެމެދު މިހާތަނަށްކޮށްފައިވާ މަޝްވަރާތަކުގައި އިނގިރޭސިވިލާތުގެ ސަރުކާރަށް ހިތްވަރުލިބޭފަދަ ވާހަކަތައް ދެކެވިފައިވާކަމަށެވެ. އެހެންނަމަވެސް މި ވާހަކަތައް އިތުރަށް ކުރިއަށް ގެންދަންޖެހޭކަމަށާއި މިކަމަށްޓަކައި ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ހަފުތާއަކު 2 ފަހަރު މަޝްވަރާތައް ކުރިޔަށްގެންދިޔުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ތައްޔާރަށް އޮތްކަމަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ވިދާޅުވިއެވެ. އަދި މިއީ އޮކްޓޯބަރު މަހުގެ 31ވަނަ ދުވަހުގެ ކުރިން މިކަމުގައި އެއްބަސްވުމެއް ޤާއިމުކުރުމަށް ކޮންމެހެން ބޭނުން މަޝްވަރާތަކެއްކަމަށްވެސް ޖޯންސަން ވިދާޅުވިއެވެ.

ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިކުރުމަށް ކަނޑައަޅާފައިވާ އެންމެ ފަހު މުހުލަތަކީ އޮކްޓޯބަރު މަހުގެ 31ވަނަ ދުވަސްކަމަށް ވިލާތުގެ އިއްތިޙާދުން ކަނޑައަޅާފައިވާއިރު، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ޖޯންސަން ވިދާޅުވެފައިވަނީ އެއްބަސްވުމަކާނުލާވެސް އިނގިރޭސިވިލާތް ވަކިކުރާނެކަމަށެވެ.