ޚަބަރު

ޗައިނާފަދަ ބޮޑު މާކެޓެއް ދޫކޮށްލުމަކީ އެހާ ބުއްދިވެރިކަމެއް ނޫން: މިރް


އެމެރިކާގެ ވިޔަފާރި ކުންފުނިތަކަށް ޗައިނާގެ ކިބައިން ވަރަށް ބޮޑެތި ފައިދާތަކެއްކޮށްފައިވާކަމަށާއި އެފަދަ ބޮޑު މާކެޓެއް ދޫކޮށްލުމަކީ އެހާ ބުއްދިވެރިކަމެއް ނޫންކަމަށް އަފްޣާނިސްތާނުގެ ސިޔާސީ މަސްރަހު ދިރާސާކުރައްވާ ހާރޫން މިރް ވިދާޅުވެއްޖެއެވެ.

ޗައިނާ ސެންޓްރަލް ޓެލެވިޜަން (ސީސީޓީވީ)އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ހާރޫން މިރް ވިދާޅުވީ ހުރިހާ ޤައުމަކުންވެސް ޗައިނާގެ އިޤްތިސާދީ ކުރިއެރުންތައް ޙިއްސާކުރަން ބޭނުންވާކަމަށާއި ޗައިނާއަކީ ދުނިޔެ މިއަދު ދެކޭ ކުރިއެރުންތަކުގެ އިންޖީނުކަމަށެވެ. މި މޭރުމުން ވާހަކަދައްކަވަމުން މިރް ވިދާޅުވީ ޗައިނާއަކީ ދުނިޔޭގެ އެންމެ ބޮޑެތި އަދި ކުރިއަރާފައިވާ ކުންފުނިތަކުގެ މައިގަނޑު މާކެޓުކަމަށެވެ. އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި ދުނިޔެ ބަވަނަވުމުގެ ސަބަބުން ޗައިނާއަށް ދޫކޮށްލަން އެމެރިކާއަށް އުނދަގޫވާނެއެވެ.

ހުޅުވާލެވިފައިވާ މާކެޓް ނުވަތަ އޯޕަން މާކެޓާއި އެއްވެސް ހުރަހަކާނުލާ ކުރެވޭ ވިޔަފާރި ނުވަތަ ފްރީ ޓްރޭޑަކީ އިޤްތިޞާދުގެ އަސާސީ ޤަވާއިދުކަން ފާހަގަކުރައްވާ މިރް ވިދާޅުވީ ވިޔަފާރީގެ ގޮތުންއަޅާ ހުރަސްތަކުގެ އަސަރުކުރާނީ އެކަމުގައި ބައިވެރިވާ ޤައުމުތަކަށްކަމަށެވެ. އޭނާ ވިދާޅުވީ ގޮތުގައި އެއް ޤައުމުން އަނެއް ޤައުމަށް ވިޔާފާރީގެ ރޮނގުން ފިއްތުންތައް ކޮންމެ ގޮތަކުން ކުރިމަތިކުރުވިޔަސް އެއީ ބުއްދިވެރިކަމެއް ނޫންކަމަށް ދުނިޔޭގެ ހުރިހާ އިޤްތިޞާދީ ތަޖުރިބާކާރުންވެސް ޤަބޫލުކުރާކަމަށެވެ.

މިމަހުގެ 23ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ އެމެރިކާގެ ކުންފުނިތަކަށް ޗައިނާގެ ބަދަލުގައި އެހެން މާކެޓްތައް ދިރާސާކުރުމަށް އަންގާފައެވެ. މިކަމުގެ ސަބަބުން މުޅި ދުނިޔޭގެ އިޤްތިޞަދަށްވެސް ނޭދެވޭ އަސަރުކުރާނެކަމަށް އެ ކުންފުނިތަކުން ބުނެއެވެ.

އެތައް ފަހަރެއްގެ މަތިން ޗައިނާއާއި އެމެރިކާއިން އެތެރެކުރާ މުދަލުން ނަގާ ޓެރިފް ބޮޑުކުރުމުން ބޮޑެތި ވިޔަފާރި ކުންފުނިތަކުންވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ވިޔަފާރި ކުންފުނިތަކުން ބުނާގޮތުގައި މިފަދަ ނިންމުންތަކުގެ ސަބަބުން ވިޔަފާރި ޕްލޭންތައް ހެދުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެގެންދާނެއެވެ. އަދި މިކަމަށް ނިމުމެއް އަންނާނެ އިރެއް ނޭނގޭއިރު، ވިޔަފާރިތަކުގެ ކުރިމަގު އޮތީ ނޭނގުމެއްގެ ތެރޭގައިކަމަށްވެސް އެ ކުންފުނިތަކުން ތުޙުމަތުކުރެއެވެ.