ޚަބަރު

"ގްލޯބަލް ޔޫތް ޕީސް ވޯކް 2019"ގެ ނަމުގައި ހިނގާލުމެއް ބާއްވައިފި


ރީޖަނަލް އެލައިންސް ފޯ ފޮސްޓަރިންގ ޔޫތު (ރަފީ) ޖަމިއްޔާއިން އިންތިޒާމުކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ދުނިޔޭގެ ފެންވަރުގެ ތާރީޚީ ހިނގާލުން؛ "ގްލޯބަލް ޔޫތް ޕީސް ވޯކް 2019" ނިންމާލައިފިއެވެ.

އެކި އުމުފުރައިގެ މީހުންގެ ބައިވެރިވުމާއެކު ކުރިޔަށްގެންދިޔަ މިހަރަކާތް ޝަރަފުވެރިކޮށްދެއްވާފައިވަނީ މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ޕޮލިސީ ޑިރެކްޓަރ އަދި ރެޖިސްޓްރާ އޮފް އެން.ޖީ.އޯ އަޙްމަދު އިރާޝްއެވެ.

"ގްލޯބަލް ޔޫތް ޕީސް ވޯކް 2019" ގެ ނަމުގައި ބާއްވި މިހިނގާލުމުގައި ބައިވެރިވެފައިވަނީ ގްލޯބަލް ޔޫތް ޕީސް އެމްބެސެޑަރސް ޕްރޮގްރާމުގައި ބައިވެރިވި 29 ޤައުމުގެ 200 ބައިވެރިންގެ އިތުރުން ސަރުކާރުގެ ގިނަ ވުޒާރާތަކުގެ މަންދޫބުންނާއި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ މަދަނީ ޖަމްޢިއްޔާ ޖަމާއަތްތަކުގެ ބޭފުޅުންގެ އިތުރުން ކޮލެޖު ދަރިވަރުންނާއި އާންމު ފަރާތްތަކުންނެވެ.

ޤައުމުތަކުގެ މެދުގައި ސުލްހަ ޤާއިމްކުރުމަށް އަޑުއުފުލާ ބޭއްވި މިހިނގާލުމުގައި ޒުވާނުން ވަނީ އެކި މެސެޖްތައް ފޯރުކޮށްދީފައެވެ. އެގޮތުން ޒުވާނުންނަށްނަށް ސުލްހަވެރި އަމާން މާހައުލެއް ނެތުމުން ކުރިމަތިވާ ތަފާތު ގޮންޖެހުންތަކާއި ދިމާވާ ދަތިތަކަށް އަލިއަޅުވާލާ އެކުވެރިކަން ގާއިމްކުރުމަށް ޒުވާނުން ވަނީ ގޮވާލާފައެވެ.

"ގްލޯބަލް ޔޫތް ޕީސް ވޯކް 2019" އަކީ މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން 1 ސެޕްޓެމްބަރާއި ހަމައަށް ރަފީ ޖަމްޢިއްޔާއިން ކުރިޔަށްގެންދާ "ގޯލޯބަލް ޔޫތް ޕީސް އެމްބެސެޑަރސް" (ޖީ.ވައި.ޕީ.އޭ) ޓްރެއިނިންގ ޕްރޮގްރާމުގެ ތެރެއިން ކުރިޔަށްގެންދިޔަ ހިނގާލުމުގެ ހަރަކާތެކެވެ.

މިހިނގާލުން ނިންމި އެންމެހާ ފަރާތްތަކުގެ އަގުވަޒަންކޮށް ރަފީއިންވަނީ އެފަރާތްތަކަށް ޚާއްޞަ މެޑަލެއްވެސް އަރުވާފައެވެ. މީގެ އިތުރުންވެސް އިތުރު ޙަރަކާތްތައް މިޙަރަކާތާ ގުޅުވައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ރަފީ ޖަމްޢިއްޔާއިން މަޢުލޫމާތުދެއެވެ.