ޚަބަރު

ބުރުނީ ސްކޫލްގެ ރަންޔޫބީލް "ކަލަރ ރަން" ރައީސް ޝަރަފްވެރިކޮށްދެއްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު، ކޮޅުމަޑުލު ބުރުނީ ސްކޫލަށް 50 އަހަރުފުރުން ފާހަގަކުރުމަށް ބޭއްވި "ކަލަރ ރަން" ދުވުމުގެ ހަރަކާތް ޝަރަފްވެރިކޮށްދެއްވާ ބައިވެރިންނަށް މެޑެލް ހަވާލުކޮށްދެއްވައިފިއެވެ.

ބުރުނީ ސްކޫލަށް 50 އަހަރުފުރުން ފާހަގަކުރުމަށް ބޭވި މި ދުވުމުގައި ތަޢުލީމީ ދާއިރާއަށް ގިނަ ދުވަހު ޚިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކާއި، ބުރުނީ ސްކޫލް މުދަރިސުންނާއި އެހާރާއި މިހާރުގެ ދަރިވަރުންނާއި ބެލެނިވެރިން ވަނީ ބައިވެރިވެފައެވެ. ކުލަޖެހުމުގެ ހަރަކާތާއެކު ބޭއްވި މި ދުވުމުގައި ބައިވެރިވި ފަރާތްތަކަށް މެޑެލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ރައީސުލްޖުމްހޫރިއްޔާ ކޮޅުމަޑުލުގެ ދެ ރަށަކަށް ކުރެއްވި މި ދަތުރުފުޅަކީ އެ އަތޮޅު ދިޔަމިގިއްޔާއި ބުރުންޏަށް ކުރެއްވި ދަތުރުފުޅެކެވެ. ބުރުނީ ސްކޫލްގެ ރަންޔޫބީލްގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މިދަތުރުފުޅުގައި ރޭވަނީ ރަންޔޫބީލް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައެވެ.

1969 ވަނަ އަހަރު މަކުތަބުއް ޞަބާގެ ނަމުގައި ރަޖިސްޓްރީކުރެވި ރަސްމީކޮށް ކިޔަވާދޭންފެށި، ބުރުނީ ސްކޫލްގެ ނަމަށް ބަދަލުވީ 2009 ވަނަ އަހަރުއެވެ.

މިއަދު ހެނދުނު އޮތް "ކަލަރ ރަން"ގެ ހަރަކާތް ޝަރަފްވެރިކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮޅުމަޑުލަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާފައެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ވަނީ ދިޔަމިގިލީ ކައުންސިލާއި މުއައްސަސާތަކާއި، ތ. އަތޮޅު ކައުންސިލާއި، ބުރުންޏާއި ވިލުފުށީ ކައުންސިލާއި ބުރުނީގެ ބައެއް އިދާރާތަކުގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވާފައެވެ.