މިހާރުގެ ތަޢުލީމީ ސިޔާސަތުގެ އެންމެ އިސް އަމާޒަކީ ހުނަރުވެރި ޒުވާނުން އުފެއްދުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ކޮޅުމަޑުލު ބުރުނީ ސްކޫލަށް 50 އަހަރު ފުރުމުގެ ގޮތުން އެރަށުގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ހުނަރުވެރި ފަންނުވެރި ޒުވާނުން އުފެއްދުމަކީ، މިހާރުގެ ތަޢުލީމީ ސިޔާސަތުގެ އެންމެ އިސް އަމާޒުކަމަށާއި، މިއަދު ޤައުމަށް ބޭނުންވަނީ ތަޢުލީމީ ގޮތުން ޤާބިލް، ހުނަރުވެރިކަމާއި ފަންނުވެރިކަމުގައި އައު އުފެއްދުންތަކަށް ފަރިތަ ޒުވާނުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތަޢުލީމީ ޒުވާން ޖީލެއް ބިނާކުރުމުގެ ވާހަކަ ދައްކާއިރު، ކޮންމެ ކުއްޖެއްގެވެސް ތަޢުލީމީ ޙަޔާތް ބިނާވެގެންދަނީ، ޤައުމީ މަންހަޖު އެކަށައަޅާފައި އޮންނަ ގޮތަކަށްކަމަށާއި، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ ތިބޭ، ޤައުމިއްޔަތުގެ ރޫޙު ހުންނަ ޒުވާނުންތަކެއް އުފެއްދުމަކީ، މިހާރުވެސް ސަމާލުކަން ދޭންޖެހިފައިވާ ވަރަށް މުހިންމު ކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، ޤައުމުގެ އިޖްތިމާޢީ ޙާލަތާއި، ފުދުންތެރިކަން އިތުރުވަމުންދާ ނިސްބަތަށް ރިޢާޔަތްކޮށް، ޤައުމީ މަންހަޖު މުރާޖަޢާކޮށްގެން ނޫނީ، ދުނިޔެއަށް އަންނަމުންދާ ހެޔޮ ބަދަލުތަކާ ފައިހަމަވާ ގޮތަށް، ރާއްޖޭގެ ކަންކަން ބަދަލެއް ނުކުރެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެންމެ ޅަފަތުގެ ތަޢުލީމް ދޭއިރު، އެބައެއްގެ މާދަރީ ބަހުގެ ޓީޗަރުން ތިބުމަކީ، ވަރަށް މުހިންމު ކަމެއްކަން ދިރާސާތަކުން އެނގޭކަމަށެވެ. އެގޮތުން ޕްރައިމަރީ ޓީޗަރުން ތަމްރީން ކުރުމާ ގުޅޭ ގޮތުން، ކަމާ ބެހޭ އިދާރާތަކުން މިހާރު ގޮތްތަކެއް ރާވަމުންދާކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ތިމާގެ އުނގުތެރޭ ތަރުބިއްޔަތުކޮށް، މުޖްތަމަޢާ ޙަވާލުކުރާ ދަރިއަކީ، ޤައުމަށް ބޭނުންތެރި ޒުވާނެއްކަމުގައި ހެދުމަކީ، ބެލެނިވެރިންގެ އެންމެ އިސް ވާޖިބުކަމުގައި ވިދާޅުވިއެވެ. އަދި، ދިވެހިންގެ މި ޖަޒީރާ ރާއްޖެ، ދިވެހިން އެދޭ މިސްރާބަށް ގެންދެވޭނީ، އެންމެން ގުޅިގެން އެއް މިސްރާބަކަށް މަސައްކަތް ކޮށްގެންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބުރުނީ ސްކޫލަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި އެރަށުގެ ރައްޔިތުންނަށް އިޚްލާޞްތެރިކަމާ އެކު މަރުޙަބާ އާއި ތަހުނިޔާ ދަންނަވާފައެެވެ.