ޚަބަރު

މިއަދު އަޅުގަނޑުމެންނާ ވަކިވި ޙުސައިން ޢަބްދުﷲ އަކީ ހިންގުންތެރި ޚިދުމަތްތެރިއެއް - ރައީސް


ނޮޅިވަރަންފަރުން ހަނިމާދުއަށް ދަތުރުކުރި ލޯންޗު ބަންޑުންޖަހާލައި ހިނގި ހާދިސާގައި ނިޔާވި ޙުސެއިން ޢަބްދުﷲ އަކީ ހިންގުންތެރި ޚިދުމަތްތެރިއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ކޮޅުމަޑުލު ބުރުނީ ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް ފާހަގަ ކުރުމުގެ ގޮތުން އެރަށުގައި މިރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުފެއްޓެވީވެސް މިއަދު ހިނގި ހިތާމަވެރި ހާދިސާގައި ނިޔާވި ބޭފުޅުންގެ ވަކިވެދިއުމަކީ ލިބިގެންދިޔަ ފުން ހިތާމައެއްކަން ފާހަގަކުރައްވަމުންނެވެ.

މި ހާދިސާގައި ފަސް މީހުން ނިޔާވި ޚަބަރުއެއްސެވީ ފުން ހިތާމައާއި އެކުކަމަށާއި، ނިޔާވި ފަރާތްތަކަށް ޝަހީދުންގެ ދަރަޖައިގައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވުންއެދި ރައީސް ޞާލިޙްވަނީ ދުޢާ ދަންނަވާފައެވެ.

މިހާދިސާގައި ނިޔާވި ޙުސެއިން ޢަބްދުﷲ އަކީ ނޮޅިވަރަންފަރު ސްކޫލަށް 37 އަހަރު ޚިދުމަތްކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ ޙުސައިން އަބްދުﷲ އަކީ ފާހަގަކޮއްލެވޭ ޚިދުމަތްތެރިއެއްކަމަށެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ހުސެއިން އަބްދުﷲ ގެ ޢާއިލާގެ އިތުރުން މިހާދިސާގައި ދެން ނިޔާވީވެސް އެރަށު ސްކޫލުގެ ޓީޗަރެއްގެ އަނބިކަނބަލުންކަން ވަނީ ފާހަގަކުރައްވައި އެކަމުގެ ހިތާމަފާޅުކުރައްވާފައެވެ.

"ހުސެއިން ޢަބްދުﷲ އަކީ ވަރަށް ޚިދުމަތްތެރި ވަރަށް ހިންގުންތެރި ބޭފުޅެއް. ޚިދުމަތުގައި ތިރީހަށްވުރެ ގިނަ އަހަރު ޚިދުމަތްކުރައްވާފައިވާ ބޭފުޅެއް. އޭނާ ވަކިވެދިއުމަކީ އެރަށަށް އަދި އެރަށު މަދަރުސާއަށް ލިބުނު ފޫނުބެއްދޭވަރުގެ ގެއްލުމެއް. މިހާދިސާގައި އެރަށު ސުކޫލުގެ އެހެން ޓީޗަރެއްކަމަށްވާ އަބްދުއްޝުކޫރުގެ އަނބިކަނބަލުންވެސް ވަނީ ނިޔާވެފައި. އެހުރިހާ ބޭފުޅުންގެ އާއިލާތތަކަށް އަޅުގަނޑުގެ ހިތުގެ ފުންމިނުން ތައުޒިޔާ ދަންނަވަން" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙްގެ އިތުރުން ރައީސުލްޖުްހޫރިއްޔާގެ ނާއިބު ވެސް ވަނީ މިހިތާމާގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން މޯލްޑިވްސް ކަސްޓަމްސްގެ 129 ވަނަ އަހަރީދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ފައްޓަވަމުން ވިދާޅުވީ އެ ހާދިސާގައި ނިޔާވި ނޮޅިވަރަންފަރުގެ ފަސް ބޭފުޅުންނާއި އެމަނިކުފާނާއި ދާދިފަހުން ބައްދަލުވިކަމަށެވެ. މިހާދިސާގައި ނިޔާވި ހުސެއިން އަބްދުﷲ ގެ ޚިދުމަތްތެރިކަމާއި ހިންގުންތެރިކަން ނާއިބުރައީސްވެސް ވަނީ ފާހަގަކުރައްވާފައެވެ.

"ވަރަށް ގިނަދުވަހު ރަށާއި، އަތޮޅުގެ ދަރިންނަށް ތައުލީމު އުނގަންނައިދެއްވުމުގައި ޚިދުމަތްކުރައްވާފައިވާ ޙުސައިން އަބްދުﷲ ވަކިވެދިއުމަކީ އަގުނުކުރެވޭވަރުގެ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއް" ނާއިބު ރައީސް ވިދާޅުވިއެވެ.

މުޅި ޤައުމަށް ހިމޭންކަން ވެރިކުރުވި މިހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި، ކުންފުނިތަކާއި، ސިޔާސީ ޕާޓީތަކުގެ އިތުރުން އާންމުފަރާތްތަކުންދަނީ ހިތާމަފާޅުކުރަމުންނެވެ.