ޚަބަރު

403 ބައިވެރިންނާއެކު އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ކޮންގްރެސް މާދަމާ ފަށާނެ


403 ބައިވެރިންނާއެކު އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ކޮންގްރެސް މާދަމާ ފަށާނެއެވެ.

މާދަމާ ފެށުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ކޮންގްރެސް އާއި ގުޅޭގޮތުން ނޫސްވެރިނަށް މަޢުލޫމާތު ދެއްވަމުން ޑިރެކްޓަރ އޮފް ކޮންގްރެސް، އައިކު އަޙްމަދު އީސާ ވިދާޅުވީ، މާދަމާ ކޮންގްރެސް ފެށުނު ކަމުގައިވިޔަސް ރަސްމީކޮށް ކޮންގްރެސް ފެށުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު ހެނދުނުކަމަށެވެ.

މި ރަސްމިއްޔާތުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް އާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޮންގްރެސްގައި ބައިވެރިވުމަށް ހަމަޖެހިފައިވަނީ އެމްޑީޕީގެ ޓިކެޓުގައި މަޖިލިސް އިންތިޙާބް ކާމިޔާބުކުރި ޒުވާން 8 މެމްބަރުންނާއި، ޕާޓީ ސްލޮޓްގައި ވަޒީރުންގެ މަޖިލީހުގައި ހުންނެވި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުއާއި، އެމްޑީޕީ ޓިކެޓްގައި ކައުންސިލްތަކަށް ހޮވިފައިތިބި 147 ޒުވާނުންނާއި، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 10 މެމްބަރުންނާއި، ޒުވާނުންގެ ގޮފީގެ 86 ޒުވާނުންގެ އިތުރުން ޒުވާނުންގެ ގޮފީގެފަރާތުން ކައުންސިލް ގައިހިމެނޭ 11 ޒުވާނަކުކަމަށް އެމްޑީޕީން މަޢުލޫމާތުދެއެވެ.

މާދަމާގެ ސެޝަންތަކުގައި ރައީސް ނަޝީދު ޑިމޮކްރަސީއަށް ކުރެއްވި ދަތުރާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު، މާދަމާރޭ އެމްޑީޕީގެ ވަޒީރުންނާއެކު ޕެނަލް ޑިސްކަޝަނެއްވެސް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ޑިރެކްޓަރ އޮފް ކޮންގްރެސް، އައިކު އަޙްމަދު އީސާ ވިދާޅުވިއެވެ.

ދެދުވަހުގެ މުއްދަތަށް ކުރިއަށްދާ އެމްޑީޕީގެ ޒުވަނުންގެ ކޮންގްރެސްގައި ޒުވާނުންގެ ގޮފީގެ ލޯގޯ އާއި، ހިންގާ ޤަވާއިދު ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ހުރަވީ ސްކޫލުގައެވެ.