ޚަބަރު

އާއިލާ މެންބަރުންގެ ކުއްލި މަރާއެކު، އިއްބެ ޤައުމީ ޓީމު ދޫކޮށް ރާއްޖެއަށް


ޤައުމީ ފުޓްބޯޅަ ޓީމުގެ މިޑްފިލްޑަރ އިބްރާހިމް ވަހީދު ހަސަން (އިއްބެ)ގެ އާއިލާ މެންބަރުން މިއަދު ހިނގި ކަނޑުމަތީގެ ހިތާމަވެރި ޙާދިސާގައި މަރުވުމުން ޤައުމީ ޓީމު ދޫކޮށް އެނބުރި ދިވެހިރާއްޖެއަށް އަތުވެއްޖެއެވެ. އެ ޙާދިސާ ހިނގިއިރު އޭނާ ހުރީ ޤައުމީ ޓީމާއެކު ސްރީ ލާންކާގައެވެ. އޭނާ ހުރީ ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހުގެ 5ވަނަ ދުވަހު ގުއާމާ ދެކޮޅަށް އެ ކުޅޭ މެޗަށް އެ ޤައުމަށް ދިއުމަށް ވިސާ ނެގުމަށް ގޮހެވެ.

ހދ.ނޮޅިވަރަމްފަރުން ފުރައިގެން ހދ.ހަނިމާދޫއަށް ދަތުރުކުރަމުން ދިޔަ 23 ފޫޓްގެ ޑިންގީ ބަންޑުން ޖަހާލި ޙާދިސާގައި މަރުވި 5 މީހުންގެ ތެރެއިން 4 މީހުންނަކީ އިއްބެގެ އާއިލާ މެންބަރުންނެވެ. އިއްބެގެ އާއިލާގެ މެންބަރުން މަރުވުމުން ކުރިމަތިވި ހިތާމަވެރި ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ޤައުމީ ޓީމުގެ ތަމްރީން ޕްރޮގްރާމްތައްވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. އަދި އޭނާ ކުޅޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މިއަދު އެއްވެސް ފަރިތަކުރުމެއް ނުބާއްވައެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އަންނަ މަހު ގުއާމްއާއި ޗައިނާއާ ދެކޮޅަށް ކުޅުމަށް އެކުލަވާލި ސްކޮޑުގައި އިއްބެ ހިމަނާފައިވާއިރު، ރާއްޖެ އެންމެ ފުރަތަމަ ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 6ވަނަ ދުވަހު ޤުއާމާ ދެކޮޅަށެވެ. އަދި އަންނަ މަހުގެ 10ވަނަ ދުވަަހު ގަލޮޅު ދަނޑުގައި ނުކުންނާނީ ޗައިނާއާ ދެކޮޅަށެވެ.