ޚަބަރު

ޗެސް އެސޯސިއޭޝަނަށް ބޭރު ކޯޗެއް ހަމަޖައްސައިދޭނަން: މަހުލޫފް


ޗެސް އެސޯސިއޭޝަނަށް ބޭރު ކޯޗެއް ހަމަޖައްސަވައިދެއްވާނެކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ނެޝަނަލް ޗެސް އާކޭޑް ހުޅުވުމަށް ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ މަހުލޫފް ވިދާޅުވީ ޤައުމީ ބޮޑީބިލްޑިން ޓީމަށް ބޭރު ކޯޗެއް ފުރަތަމަ ފަހަރަށް ހަމަޖެއްސެވި ގޮތަށް ޗެސް އެސޯސިއޭޝަނަށްވެސް ބޭރު ކޯޗެއް ހަމަޖައްސަވައިދެއްވާނެކަމަށެވެ.

މިނިސްޓަރ މަހުލޫފް ވިދާޅުވީ ކުޅިވަރުތަކުގެ މެދުގައި އޮތް ތަފާތުކުރުން ސަރުކާރުން ނައްތާލައިފިކަމަށާއި ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ދޭ މުސާރަވެސް އެއް ހަމައަކަށް ގެނެވިފައިވާކަމަށެވެ. މަހުލޫފް ވިދާޅުވީ ޗެސް ކުޅުމަށް ވަކިން ޚާއްސަ ތަނެއް ހުޅުވިގެން ދިއުމުން ޗެސް ކުޅޭ ކުޅުންތެރިންނާއި ބެލެނިވެރިން މަސައްކަތްކޮށްގެން މި ކުޅިވަރުން ރަން ވަނަތަކެއް ހޯދާނެކަމަށް އުއްމީކުރައްވާކަމަށެވެ. އަދި ކުޅިވަރަކީ ކުޅޭ ކުޅިވަރަކަށް ނަހަދާ ސީރިއަސްކަމެއްގެ ގޮތުގައި ނެގުމަށް މިނިސްޓަރ މަހުލޫފްވަނީ ބެލެނިވެރިންނާއި ކުޅުންތެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.

ނެޝަނަލް ޗެސް އާކޭޑަކީ ޗެސް ކުޅުމަށް ޚާއްޞަކޮށްގެން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން މޯލްޑިވްސް ޗެސް އެސޯސިއޭޝަނަށް ހަމަޖައްސަވައިދެއްވި ހޯލެކެވެ. މީގެ ކުރިން ރާއްޖޭގައި ޗެސް ކުޅުމަށް ޚާއްސަ ތަނެއް ނުހުރެއެވެ. މިފަދަ ތަނެއް ހުޅުވިގެން ދިއުމަކީ ޗެސް ކުޅުންތެރިންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމުގައި މޯލްޑިވްސް ޗެސް އެސޯސިއޭޝަނުން ސިފަކުރެއެވެ.