ކުޅިވަރު

ޗެސް އާކޭޑް ހުޅުވުމަކީ ވައިޑީޕީ ފުޅާކުރަން ލިބުނު ފުރުޞަތެއް: ޝިޔާން


ނެޝަނަލް ޗެސް އާކޭޑް ހުޅުވިގެންދިއުމަކީ (ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް) ވައިޑީޕީ އިތުރަށް ފުޅާކުރަން ލިބުނު ފުރުޞަތެއްކަމަށް ޗެސް އެސޯސިއޭޝަންގެ ރައީސް ހުސެއިން ޝިޔާން ވިދާޅުވެއްޖެއެވެ.

ނެޝަނަލް ޗެސް އާކޭޑް ހުޅުވުމަށް ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޗެސް އެސޯސިއޭޝަންގެ ރައީސް ހުސެއިން ޝިޔާން ވިދާޅުވީ ޗެސް ކުޅުމަށް ވަކިން ޚާއްސަ ތަނެއް ހުޅުވިގެން ދިއުމަކީ ވައިޑީޕީ އިތުރަށް ފުޅާކުރަން ލިބުނު ފުރުޞަތެއްކަމަށާއި މީގެ ސަބަބުން ޗެސް ކުޅުންތެރިންނަށްވެސް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށެވެ.

ޝިޔާން ވިދާޅުވީ 2008ވަނަ އަހަރު އުފެއްދި ޗެސް އެސޯސިއޭޝަނަށް ކުރިން ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ކުޅޭނެ ވަކި ޚާއްސަ ތަނެއް ހަމަޖެހިފައި ނެތުންކަމަށެވެ. ނަމަވެސް މިއަހަރުގެ މިހާތަނަށް 28 މުބާރާތެއް ކުރިއަށް ގެންގޮސްފައިވާކަމަށާއި މިކަމަށް ކުލީގެ ގޮތުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރެވިފައިވާކަމަށްވެސް ޝިޔާން ވިދާޅުވިއެވެ. ނަމަވެސް ހުޅުމާލޭގައި ހުޅުވިގެން ދިޔަ ނެޝެނަލް ޗެސް އާކޭޑްގެ ސަބަބުން ވަރަށް ބޮޑެތި ޚަރަދުތަކެއް ސަލާމަތްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު އޮތް ސަރުކާރު ވެރިކަމަށް އައި ފަހުން ކުޅިވަރުތަކުގެ މެދުގައި އޮންނަ ތަފާތުކުރުން ނައްތާލައިފިކަމަށާއި މިހާރު ކޮންމެ ކުޅިވަރު އެސޯސިއޭޝަނަކަށް 5 ލައްކަ ރުފިޔާ ލިބޭކަން ޝިޔާން ފާހަގަކުރެއްވިއެވެ.