ވިޔަފާރި

ސްޕޯޓްސް ޓޫރިޒަމް، ކަލްޗަރަލް ޓޫރިޒަމް އަދި މައިސް ޓޫރިޒަމް އިޝްތިހާރުކުރަނީ


އަންނަ އަހަރު އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާނީ ކަލްޗަރަލް ޓޫރިޒަމްއާއި ސްޕޯޓްސް ޓުރިޒަމް އަދި މައިސް ޓޫރިޒަމް އިޝްތިހާރުކުރުމަށްކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ކޯޕަރޭޝަން، އެމްއެމްޕީއާރްސީއިން ބުނެފިއެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ވިދާޅުވީ ރާއްޖެ ބައިނަލްއަޤްވާމީ މާކެޓަށް އިޝްތިހާރުކުރުމުގެ މަސައްކަތުގެ ތެރެއިން އަންނަ އަހަރު އެކުންފުނިން މަސައްކަތްކުރާނީ ވަކި ދާއިރާތަކަށް އަމާޒުކޮށްގެންކަމަށެވެ.

އެގޮތުން ރާއްޖޭގެ ޘަޤާފަތާއި އާދަކާދަ އިޝްތިހާރުކުރުމަށްޓަކައި ކަލްޗަރަލް ޓުރިޒަމްގެ ދާއިރާއިން މާކެޓިންގ ހަރަކާތްތަކެއް ކުރިއަށްގެންދިއުމާއި ސްޕޯޓްސް ޓޫރިޒަމް އަދި މައިސް ޓޫރިޒަމްގެ ދާއިރާއިން ބޭރު ދުނިޔޭގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

މިއަހަރުގެ ކުރީކޮޅު ޓޫއަރިޒަމް މިނިސްޓަރ އަލީ ވަހީދުވެސް ވަނީ ރާއްޖެއަށް ސްޕޯޓްސް ޓޫރިޒަމް ތަޢާރަފްކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި މިކަމާއި ގުޅޭގޮތުން އެމަނިކުފާނު ވަނީ ރެއާލް މެޑްރިޑްއާއި ސްޕެއިންގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ މިޝެލް ސަލްގާޑޯއާވެސް މަޝްވަރާތައް ކުރައްވާފައެވެ. އަދި ދާދިފަހުން އެމަނކުފާނު މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ކަލްޗަރަލް ޓޫރިޒަމް ތަޢާރަފްކުރެއްވުމަކީ މުހިއްމުކަމެއްކަމަށް ވިދާޅުވެފައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތޮއްޔިބު ވިދާޅުވީ މިހާތަނަށް ރާއްޖެ އިޝްތިޙާރުކުރެވިފައިވަނީ ރާއްޖޭގެ ކަނޑު ފަޅުގު ސާފުކަމާއި ގޮނޑުދޮށްތަކުގެ ރީތިކަމުގެ މައްޗަށްކަމަށެވެ. އެހެންކަމުން، ފަތުރުވެރިކަމުގެ ސިނާޢަތުގައި ކުރީ ސަފަށް ޖެހެން ރާއްޖެ ބޭނުންކަމުގައި ވަނީނަމަ މިފަދަ ދާއިރާތަކުން ރާއްޖެ ކުރިއެރުން ހޯދަންޖެހޭކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

މިއަހަރުގެ ނިޔަލަށް ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން އަންނަ ނޮވެމްބަރު މަހުގެ ކުރިން މިއަމާޒަށް ވާސިލްވެވޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނާއިރު އޮގަސްޓު މަހުގެ 25ގެ ނިޔަލަށް ރާއްޖެއަށް 1.1 މިލިއަން ފަތުރުވެރިން ޒިޔާރާތްކުރިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު މިއަހަރުގެ ތެރޭގައިވެސް ބޭރުގެ ގިނަ ޤައުމުތަކެއްގައި ރޯޑް ޝޯވތަކާއި ފެއަރތައް ކުރިއަށްގެންގޮސްފައިވެއެވެ.